ރިޔާސީ އިންތިހާބު 2023: އެމްއެންޕީގެ ރިޔާސީ ޓިކެޓް ނާޒިމްއާ ހަވާލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް މިރޭ ހަވާލުކޮށްފި އެވެ.މަޖިލީހުގައި ދަނގެތީ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ނާޒިމްއާ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރީ، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގަ އެވެ.ނާޒިމާ ހަވާލުކުރި ރިޔާސީ ޓިކެޓު ތައްޔާރުކޮށްފައި ވަނީ އައްޑަނައެއްގެ ސިފައެއްގައި، އެމްއެންޕީގެ ކުލަތައް ހިމެނޭ ގޮތަށެވެ.އެއާ އެކު "އުޖާލާ ޒަމާން" ގެ ޝިއާރާއެކު އޭނާގެ ރިޔާސީ ކެމްޕެއިން ވެސް ވަނީ ލޯންޗުކޮށްފަ އެވެ. އެމްއެންޕީން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ ވެސް، ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ނާޒިމް އެކަންޏެވެ. ޕްރައިމަރީގައި ވާދަކުރާނެ އިތުރު މީހަކު ނެތުމުން އެމްއެންޕީގެ ރިޔާސީ ޓިކެޓްވަނީ ނާޒިމަށް ލިބިވަޑައިގެންފައެވެ.މި އަހަރުގެ ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާއިރު މިހާތަނަށް ރިޔާސީ ޓިކެޓް ކަށަވަރު ކުރައްވާފައިވާ އިތުރު ބޭފުޅުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އެމްޑީޕީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުއެވެ.އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓު އަރުވައިފައެވެ. އެކަމަކު، ދަށު ކޯޓުން އެ މަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމާ އެކު އެ މަނިކުފާނުގެ ކެންޑިޑޭޓު ކަމުގެ ޝަރުތު ހަމައެއްނުވާނެއެވެ.މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ