ބުއްދީގެ ބޭނުން ރަނގަޅު ގޮތުގަ ހިފައިފި ކޮންމެ މީހަކުވެސް ފަތިސްނަމާދާ ޢަޞްރު ނަމާދުގެ ޖަމާޢަތަށް ޚާއްޞަ ސަމާލުކަމެއްދޭނެ އެންމެ ބޮޑު ސަބަބު ސަބަބު-

މީހަކު ކިތަންމެ ކުޑަކުޑަ ޢަމަލެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އަދި ކުރާނެ ކަންތައްތައްވެސް ދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ، މީސްތަކުން އުފެއްދެވުމަށްފަހު އެމީހުން އުޅޭ ގޮތް ނުބައްލަވައި ދޫކޮށްލައްވަވަނީއެއްނޫނެވެ. ސަރުކާރުތަކުންނާއި ސްކޫލްތަކުން ބަލަހައްޓާވަރަށްވުރެ މާފުރިހަމައަށް ﷲ ތަޢާލާ ބަލަހައްޓަވަތެވެ.
ފުރަތަމަ ކަމަކަށް ދުވާލަކު 2 ފަހަރު ކޮންމެ މީހެއްގެ ރިޕޯޓް ބައްލަވަތެވެ. އެއިފަތިސްނަމާދު ވަގުތާއި ޢަޞްރުނަމާދު ވަގުތުގައެވެ. ރޭގަނޑު ތިބާ އާއިއެކު ތިއްބަވާ މަލާއިކަތުން ފަތިސްނަމާދުވަގުތު އަދި ދުވާލު ތިއްބަވާ މަލާއިކަތުން ޢަޞްރު ނަމާދު ވަގުތު ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގެން ކޮންމެ މީހަކު އެދެމެދުގައި (ފަތިސް ނަމާދުން ޢަޞްރު ނަމާދަށް އަދި ޢަޞްރު ނަމާދުން ފަތިސް ނަމާދަށް) ކުރި ކަންކަމުގެ ވާހަކަތައް ﷲ ތައާލާއަށް ދަންނަވަތެވެ.
މަލާއިކަތުން އެމީހަކާއި ވަކިވެވަޑައިގެންނެވިއިރު އެމީހަކު ކުރަންހުރި ޢަމަލަކާއިބެހޭ ގޮތުން ސުވާލުކުރައްވަވަތެވެ. ވީމާ އެ ދެ ނަމާދު ޖަމާޢަތުގައި ކުރާ މީހުންގެ ރިޕޯޓް ވަރަށް ފުރިހަމަވާނެއެވެ. އެދެނަމާދުކުރަން އިބިލީސް އެހައި ބޮޑަށް ހުރަސްއަޅަނީ އެމީހެއްގެ ރިޕޯޓް ރީތިވެ ފުރިހަމަވެފައިވާ ޙާލު ﷲ ތަޢާލާގެ ޙަޟްރަތަށް ހުށަހެޅުނަ ނުދިނުމަށެވެ.
ފަތިސްނަމާދުވަގުތު ނިދާފައި ބޭތިއްބުމަށާއި ޢަޞްރުނަމާދު ވަގުތު މަސައްކަތުގައި އުޅުމަށް ނުވަތަ މަސައްކަތްނިމިގެން ކަންނެތްވުމަށް ޝައިޠޯނާ އެހައި ބޮޑަށް ބާރުއަޅަނީ އެ ސަބަބަށްޓަކައެވެ. ދުވަހުގެ ރިޕޯޓް ހަޑިކުރުވައި ﷲ ތަޢާލާގެ ޙަމްރަތުގައި ނިކަމެތިކޮށްލުވުމުގެ ބޭނުމުގައެވެ.
ދެން އޮތީ ކޮންމެ ހަފްތާއެއްގެ ހޯމް ބުރާސްފަތި ދުވަހެވެ. އެދެ ދުވަހަކީ ތިބާގެ ރިޕޯޓް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދާ 2 ދުވަހެވެ. ރަސޫލް ﷺ އެދެދުވަހު ރޯދަހިއްޕެވީ ރިޕޯޓް އުފުއްލެވޭ އިރު ރޯދަފުޅަށް ހުންނަވަން ބޭނުންފުޅުވެގެންނެވެ.
ދެން އޮތީ އަހަރު ރިޕޯޓެވެ. ކޮންމެ މީހެއްގެވެސް އަހަރު ރިޕޯޓް ﷲ ތަޢާލާގެ ޙަޟްރަތަށް އުފުލިގެންދަނީ ޝަޢްބާން މަހުގައެވެ. ރަސޫލް ﷺ ރަމަޟާން މަސް ފިޔަވައި އެންމެ ގިނަ ދުވަހު ރޯދަ ހިއްޕެވި މަހަކަށް ޝަޢްބާންމަސް ހެއްދެވީ އެސަބަބަށްޓަކައެވެ.
ވީމާ ތިބާގެ ރިޕޯޓް ﷲ ތައާލާގެ ޙަޟްރަތަށް އުފުލިގެންދާހިނދު ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުމަށް އެދޭމީހާ ފަތިސްނަމާދާއި ޢަޞްރުނަމާދަށް ސަމާލުކަންޑޭށެވެ. ހޯމްދުވަހާއި ބުރާސްފަތި ދުވަހު އަދި ވީހައި ގިނައިން ޝަޢްބާން މަހު ރޯދަފިފާށެވެ! ތިމާގެ ފާފަ ފުއްސަވައިދެއްވެވުމަށް އެދޭ ހަމައެކަކުވެސް މިފުރުޞަތުތައް ދޫކޮށްނުލާށެވެ!
ދެން ނިކަން ބުނެބަލާށެވެ! މީސްތަކުންގެ ރިޕޯޓް ﷲ ތަޢާލާ ބަލަހައްޓަވާވަރަށް ބެލެހެއްޓޭ އެހެން ފަރާތެއް ނެތެއް ނޫން ހެއްޔެވެ؟
--ޝައިޚް ވައްހާޖް ޠަރިންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ