ޕީޕީއެމުން މައުމޫން ބޭރުކުރި ގޮތަށް އެމްޑީޕީން ނަޝީދު ބޭރު ކުރާނެތަ؟

ބޮޑަށް ބުރަވެވެނީ އެމްޑީޕީގައި އޮތް ސިޔާސީ ހަމަނުޖެހުމުގެ ކޮޅިގަނޑު ނިމިގެންދާނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ހުރިހާ ބޭފުޅުންހެން ޕާޓީން ވަކިކުރައްވައިގެނެވެ. އޭގެ ސަބަބުތައް ވެސް ބައިވަރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް ވަޑަައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ހީނަރުވާން ފެށި އެވެ. ފަހަރަކު މައްސަލައެއް ފަހަރަކު މައްސަލައެއް ކުރިމަތިވެ ދެ ބޭފުޅުންގެ ގުޅުން މިހާރު ވަނީ ދެން އަލުން އެކުވެރި ނުވެވޭ މިންވަރަށް ދުރުވެފައި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
އެމްޑީޕީ ބައިބައިވެ ފަޅަފަޅައިގެން ދިއުމުގެ އަސްލަކީ ދެ ރައީސުންގެ މެދުގައި އޮތް ދެބަސްވުމެވެ. ގުޅުން ހީނަރުވެ މުޅީން ކެނޑިގެން ދިއުމެވެ. ދެ ރައީސުންގެ މެދުގައި އޮތް ގުޅުން ކެނޑި އެމްޑީޕީ ބައިބައިވުމާއި ގުޅޭ ގޮތުން ދެ ބޭފުޅުންގެ ވަފާތެރި މެންބަރުންގެ ވާހަކަތައް ތަފާތެވެ.ރައީސް ސޯލިހްގެ ފެކްޝަންގެ ބޭފުޅުން ދެކޭ ގޮތުގައި ހުރިހާ ވެސް މައްސަލައަކީ ރައީސް ނަޝީދު ވެރިކަން ހޯއްދަވަން ބޭނުންފުޅުވުމެވެ. ކޮންމެ ގޮތަކުން ވެސް ވެރިކަން ހޯއްދެވުމަށް މަސައްކަތް ކުރެއްވުމެވެ. ބަރުލަމާނީ ނިޒާމެއް ގެނެސް ވެރިކަމުގެ ނިޒާމު ފުރޮޅާލައްވަން މަސައްކަތް ކުރެއްވުމެވެ. ވެރިކަން ހޯއްދެވުމަށް އެހީތެރިވެ ދިން ޕާޓީތައް ފެއަށް ޖައްސާ ކޯލިޝަން ރޫޅާލަން މަަސައްކަތް ކުރެއްވުމެވެ. ނަޝީދުގެ އެފަދަ ކޮންމެ ހުށައެޅުމަކަށް ރައީސް ސޯލިހް ދެކޮޅު ހެއްދެވުމުގެ ނަތީޖާއަކީ އެކި "ބަހަނާ" ތައް ބޭރަށް ނެރެ އެމްޑީޕީ ބައިބައިކޮށް ހިޔާލު ތަފާތުވުންތަކަށް ގަސްދުގައި ޖާގަ ހުޅުވައި ދިނުމެވެ.ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީ ބައިބައިކޮށް ފުނޑުފުނޑުކޮށްލީ ރައީސް ސޯލިހެވެ. އެމްޑީޕީގައި މިދިޔަ 16 އަހަރު އޮތް އެކުވެރި ކަމާއި އެއްބައިވަންތަކަން ނަގާލި ބޭފުޅަކީ އެއީ އެވެ. ވެރިކަން ލިބިވަޑައިގަތުމުން ރައީސް ނަޝީދު ފެއަށް ޖައްސަވާ އެމްޑީޕީގެ އަސާސްތަކާއި ހިލާފަށް ވެރިކަން ކުރައްވަން ފެއްޓެވީ އެވެ. ކޮރަޕްޝަނާއި ފަސާދައިގެ ދޮރުތައް ތަންމިނަށް ހުޅުވާ އެމްޑީޕީން ވަކާލާތު ކުރި ހުރިހާ އަސާސްތަކެއް ދޫކޮށްލެއްވީ އެވެ. ރައީސް ސޯލިހާއި ދެކޮޅަށް ނުކުންނަވާ ފާޅުގައި މަސައްކަތް ކުރެއްވުމަށް ރައީސް ނަޝީދަށް މަޖުބޫރުވެވަޑައިގަތް ސަބަބުތަކަކީ އެއީ އެވެ.
އެމްޑީޕީގެ ބައިބައިވުން ބޮޑުވެ މިހާރު އާދެވިފައި ވަނީ މައްސަލައިގެ އެންމެ ހައްސާސް ހިސާބަށެވެ. ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕީޕީއެެމަށް ވީ ގޮތް މިއަދު ރައީސް ސޯލިހްގެ ވެރިކަމުގައި އެމްޑީޕީއަށް ވަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.ޕާޓީގެ ކޮންޓްރޯލް ހޯއްދެވުމަށް ރައީސް ޔާމީނާއި ރައީސް މައުމޫން ކުރެއްވި މަސައްކަތުން ކާމިޔާބު ހޯއްދެވީ ޔާމީނެވެ. މައުމޫން ޕާޓީން ބޭރުކޮށް އެމަނިކުފާނަށް ތާއީދު ކުރައްވާ ހުރިހާ ބޭފުޅުންހެން ޕާޓީން ވަކި ކުރެއްވި އެވެ. ޕާޓީގެ މުދަލާއި ފައިސާގެ ކޮންޓްރޯލް ނެންގެވި އެވެ. އެހާތަަނަށް ޕީޕީއެމުން މައުމޫން ވަކިކުރާނެ ދުވަހެއް އެއީ ފެނިދާނެ ދުވަހެއް ކަމަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ.މިހާރު އޮތް ސުވާލަކީ މިއީ އެވެ؛ މިހާރު އުފެދިފައިވާ މައްސަލަތަކާއެކު ރައީސް ނަަޝީދު އެމްޑީޕީން ވަކިކޮށްފާނެ ހެއްޔެވެ. އެމްޑީޕީގެ ކޮންޓްރޯލް މިވަގުތު އޮތީ ރައީސް ސޯލިހަށެވެ. ޕާޓީގެ އިދާރީ އެންމެ އިސް މަގާމުތަކުގައި ތިއްބެވީ އެމަނިކުފާނުގެ ވަފާތެރީންނެވެ. ފިޔަވަޅު އަޅާ ކޮމެޓީގައި ތިއްބެވީ ވެސް ރައީސްގެ އަރިސް ބޭފުޅުންނެވެ. ޕާލަމަންޓަރީ ގުރޫޕާއި ގައުމީ މަޖިލީހުގެ މާބޮޑަށް ސާފު މެޖޯރިޓީއެއް ރައީސަށް އެބައޮތެވެ. މި ހުރިހާ ކަމަކާއެކު ރައީސް ނަޝީދު ޕާޓީން ވަކި ކުރަން ނިންމާފާނެ ހެއްޔެވެ؟ އެފަދަ ނިންމުމެއް ނިންމާ ތަންފީޒު ކުރަން ކެރޭނެ ހެއްޔެވެ؟އެމްޑީޕީގައި ނަޝީދުގެ ފިކުރެއްގެ ފަނޑެއް ނޫނެވެ. އެހާ ފަސޭހައިން ފަނޑެއް ނުވެސް ކުރެވޭނެ އެވެ. އެ ހަގީގަތް ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ އެވެ. ސަރުކާރާއި ދެކޮޅަށް ފާޅުގައި ނުކުންނަވާ ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވުމުން ވެސް ފިޔަވަޅެއް އަޅަން ކެރިވަޑައިނުގަތީ އެހެން ވެގެނެވެ. ނަޝީދާއެކު އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި މަޖިލީހުގެ 12 މެންބަރަކު ހިމެނިވަޑައިގަންނަވަ އެވެ. އެމްޑީޕީގެ އިސް ބައެއް އެކްޓިވިސްޓުންނާއި ގުރާސްރޫޓްގެ އެތައް ހާސް މެންބަރުންނެއް ވެސް އެ ހަރަކާތަށް ނިސްބަތް ވެއެވެ. ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވާތީ "ފިކުރެއްގެ ދިރުން" ހަރަކާތަށް ނިސްބަތްވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް ދިޔައީ އިންޒާރު ދެމުންނެވެ.
އެ އިންޒާރު ދެމުންދާތާ އެތައް ދުވަހެއް ފަހުން އިއްޔެ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ވަނީ ވަރުގަދަ ނިންމުމެއް ނިންމާފައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު / މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކޮށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމެވެ. އާޒިމަށް ފިޔަވަޅު އެޅިއިރު އިތުރު ހަތަރު މެންބަރަކަށް ވެސް ފިޔަވަޅު އަޅަން ކޮމެޓީއަށް އޮތީ ފޮނުވާފައެވެ.އާޒިމަށް ފިޔަވަޅު އެޅުމުގައި ކޮމެޓީން އަމަލު ކުރި ގޮތުންވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނަށް ފިޔަވަޅު އެޅުމުގައި އެމްޑީޕީ ފަހަތު ފަޔަށް ބުރަވެފައިވާ މިންވަރު ހާމަވެ އެވެ. އެމްޑީޕީގެ އަސާސްތަކާއި ހިލާފަށް މަސައްކަތް ކުރައްވާ ކަމަަށް ތުހުމަތުކޮށް ޕީޖީ ގުރޫޕްގެ ފަސް މެންބަރެއްގެ މައްސަަލަ ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުއްވިއިރު އެންމެ ފަހުން ފޮނުއްވީ އާޒިމްގެ މައްސަލަ އެވެ. ނަމަވެސް އެންމެ އަވަހަށް ނިންމާ ފުރަތަމަ ފިޔަވަޅު އެޅީ އާޒިމަށެވެ.ދެން ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަަތީފާއި އެންމެ ފަހުން އޮތް ޗެއާޕާސަން އިންތިހާބުގައި އެ މަގާމަށް ނަޝީދުގެ ތާއީދާއެކު ނިކުންނެވި އިމްތިޔާޒް ފަހްމީ އާއި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި ކުޅުދުއްފުށީ މެންބަރު ޔާސިރު އަބްދުލްލަތީފެވެ.އާޒިމަށް ފިޔަވަޅު އެޅުއްވީ ޗާގޯސް މައްސަލާގައި ސަރުކާރާއި ދެކޮޅު އިއްތިހާދުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ތަމްސީލު ކުރެއްވުމުންނެވެ. ނަމަވެސް އޭގެ މާކުރީން މެންބަރު ހަސަން ލަތީފް ގެންދެވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީގެ ނަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރިޔާސީ އިންތިހާބުގައި ތާއީދުުކޮށް އެކުގައި ކުރިއަށް ދެވޭނެ ގޮތްތަކެއް ހޯދުމަށް ސިލްސިލާ މަޝްވަރާތަކެއް ކުރައްވަމުންނެވެ. އެ މަޝްވަރާތަކުގައި ހަސަންގެ އިތުރުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް އާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ބައިވެރިވެވަޑައިގަންނަވަ އެވެ.ރައީސް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނު ނުކުންނަވާ ހުންނަވަނިކޮށް އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް އެކުގައި ކުރިއަށް ދާނެ ގޮތެއް ހޯދުމަށް މަޝްވަރާ ކުރުން ސަރުކާރާއި ދެކޮޅު އިއްތިހާދަކުން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި ބައިވެރިވުމަށް ވުރެ މާބޮޑެވެ. ހަގީގަތަކީ ރައީސް ނަޝީދާ ނުލާ އެމްޑީޕީ ބަލިކަށިވެ ނިކަމެތި ވެދާނެ މިންވަރެއްގެ އަންދާޒާއެއް ކުރެވޭތީ އެމަނިކުފާނާއި އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނަށް ފިޔަވަޅު އަޅަން ނުކެރުމެވެ. އާޒިމަކީ އަސްލު އެމްޑީޕީގެ އުފެއްދުމެއް ނޫނެވެ. އާޒިމްގެ ސިޔާސީ ހަޔާތުގެ ފެށުމަކީ ރައީސް މައުމޫނެވެ. ކާމިޔާބު ސިޔާސީ ލީޑަރަކަށް އާޒިމް ހެއްދެވުމުގައި މައުމޫނާއި ޑީއާރުޕީގެ ދައުރު ބޮޑެވެ. އެހެންވީމަ ފިޔަވަޅު އެޅުމުގައިވެސް އާޒިމް އިސްވީ އެވެ.
ދެން އޮތީ ނަޝީދާއި ގުޅޭ ސުވާލެވެ. އެމަނިކުފާނު ވަކި ކުރައްވާނެތޯ ނޫނީ ވަކިކުރައްވަން ކެރިވަޑައިގަންނަވާނެތޯ އުފެދޭ ސުވާލެވެ.ނަޝީދު ވަކި ކުރެއްވުމަކީ ރައީސް ސޯލިހަށް އަދި އެމްޑީޕީއަށްވެސް އެންމެ ބޮޑު ކަންތަކެވެ. ކުރަން އެންމެ ބޮޑަށް ފަސް ޖެހޭނެ ކަަމެވެ. ނަމަވެސް މިހާރު މަންޒަރު ފެންނަ ގޮތުން އެ މަރުހަލާގެ ފެށުން އައީ އެވެ. އާޒިމް ވަކި ކުރެއްވުމަކީ ފުރަތަމަ ފިޔަވަޅެވެ.އޭގެ ފަހުން ދެން އޮތީ ހަސަން ލަތީފާއި އިމްތިޔާޒް ފަހްމީ ފަދަ ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނަށް ފިޔަވަޅު އެޅުމެވެ. ޕާޓީން ވަކި ކުރުމެވެ. އެހާތަނަށް ދާއިރު ރައީސް ނަޝީދާމެދު ފިޔަަވަޅު އަޅަން ޖެހޭ ބައިވަރު ސަބަބުތައް އެމްޑީޕީއަށް އޮންނާނީ ފެނިފަ އެވެ. އެކަމަކު ޕީޕީއެމުން މައުމޫން ވަކި ކުރެއްވުމާއި އެމްޑީޕީން ނަޝީދު ވަކިކުރެއްވުމާއި އުޑާއި ބިމާހާ ތަފާތުވާނެ ކަން ރައީސް ސޯލިހަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން އެއްގޮތް ވާނެ ކަންކަން ހުންނާނެކަން ވެސް އެނގިވަޑައިގަންނަވާނެ އެވެ.މައުމޫން ވަކިކުރެއްވި ނަމަވެސް ރައީސް ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ހޯދުން ވީ ވަރަށް ފަސޭހަ ކަމަކަށެވެ. ޕާޓީގެ ޕީޖީ ގުރޫޕުން މެންބަރުންތަކެއް ވަކިވެވަޑައިގެން އިދިކޮޅާއި ގުޅިވަޑައިގަތަސް މަޖިލީހުގެ ކޮންޓްރޯލް ގެއްލިވަޑައެއް ނުގަންނަވަ އެވެ. އަދި އިދިކޮޅު ޕާޓީއަކަށް ޕީޕީއެމް ބަދަލުވެ މިއަދު ރައީސް ޔާމީން ޖަލުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ފުލް ކޮންޓްރޯލް އެމަނިކުފާނަށް އެބައޮތެވެ.އޭރުވެސް ޔާމީނާއި ދެކޮޅުވީ 12 މެންބަރުންނެވެ. މިއަދު ރައީސް ސޯލިހާއި ދެކޮޅަށްވެސް އެމްޑީޕީން 12 މެންބަރުން ޓީމެއް އެބައޮތެވެ. ޔާމީނާއި ދެކޮޅުވީ މެންބަރުންގެ ތެރޭގައި އެހެން ޕާޓީތަކުގެ މެންބަރުންނާއި ފަަހުން ޕީޕީއެމާއި ގުޅުނު މެންބަރުން ވެސް ހިމެނެ އެވެ. ނަމަވެސް ރައީސް ސޯލިހާއި ދެކޮޅަށް މިއަދު ނުކުމެ ތިއްބެވީ އެމްޑީޕީގައި ވަރަށް ގިނަ ދުވަސްވީ އެ ޕާޓީގެ ހަގީގީ މެންބަރުންތަކެއްތަކެވެ. ހާއްސަކޮށް މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ މެންބަރުންނެވެ. އެހެންވީމަ އެކަމުން އެމަނިކުފާނަށް ލިބޭނެ ގެއްލުން، ޔާމީނަށް ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެ އެވެ.
އަނެއް ކަމަކީ ނަޝީދު ވަކި ކުރައްވައިފިނަމަ އެމްޑީޕީގެ މެންބަރުންގެ އަދަދު މަދުވުމެވެ. މިދިޔަ ޖަނަވަރީ 28 ގައި އޮތް އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދު ވަނީ 16،000 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އެއީ ރައީސާ ދެކޮޅަށް ނުކުމެއްޖެ ނަމަ ވަރަށް މަތީ ނަންބަރެކެވެ. މައުމޫން ވަކި ކުރެއްވުމުން ޕީޕީއެމްގެ މެންބާޝިޕަށް ބޮޑު ބަދަލެއް ނައެވެ. މިއީވެސް ރައީސް ސޯލިހަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.ދެން އޮތީ މިހާރަށް ވުރެ ބޮޑަށް ފާޅުގައި ނުކުންނަވާ ނަޝީދު، ރައީސް ސޯލިހާއި ދެކޮޅަށް މަސައްކަތް ކުރެއްވުމެވެ. އިދިކޮޅު ފަރާތްތަކާއެެކު އިތުރަށް ގުޅުން ބަދަހިކޮށް އިދިކޮޅުގެ ސަފުތައް ވަރުގަދަ ކޮށް ދެއްވުމެވެ. އެކަން ކުރައްވައިފިނަމަ ދެވަނަ ދައުރަކަށް އިންތިހާބު ވުމަށް ރައީސް ސޯލިހަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ އެވެ.ޕީޕީއެމުން މައުމޫން ބޭރު ކުރެއްވުމުން އެމަނިކުފާނުގެ ތާއީދު ދެއްވީ އޭރުގެ އިިދިކޮޅަށެވެ. ނަތީޖާއަކީ އިދިިކޮޅުގެ ސަފުތައް ވަރުގަދަ ވުމެވެ. ރައީސް ޔާމީންގެ ބާރުގަދަ ވެރިކަަމުގައި ސިއްކަ ޖެހި ނިމުމެވެ. ނަޝީދު އެމްޑީޕީން ބޭރުު ކުރައްވައިފިނަމަ ކުރީގެ މަންޒަރު ތަކުރާރުކޮށް މާ ބޮޑަށްވެސް ގާތެވެ. އެމަނިކުފާނުގެ ތާއީދުވެސް އިދިކޮޅަށް ނުދެއްވާނެ ސަބަބެއް ނެތެވެ. މިހާރުވެސް ރައީސް ސޯލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ފާޅުގައި ވިދާޅުވެ އެވެ. އެމްޑީޕީން ވަކި ކުރައްވައިފިނަމަ އިތުރަށް އެކަން ޔަގީން ކޮށްދެއްވާނެ އެވެ.އެއާއެކު އިދިކޮޅުގެ ސަފުތަކަށް ވަރުގަދަ ކަމެއް ލިބި ރައީސް ސޯލިހްގެ ވެރިކަންވެސް ނިމުމުގެ ސިއްކަ ޖެހުމުގެ ފުރުސަތު އެބައޮތެވެ.އެކަންކަން އެހެން ގޮތަށް ބޮޑަށް ބުރަވެވެނީ އެމްޑީޕީގައި އޮތް ސިޔާސީ ހަމަނުޖެހުމުގެ ކޮޅިގަނޑު ނިމިގެންދާނީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ހުރިހާ ބޭފުޅުންހެން ޕާޓީން ވަކި ކުރައްވައިގެނެވެ. އެކަމުގެ ސަބަބުތައްވެސް ބައިވަރެވެ. އެއް ކަމަކީ އެމަނިކުފާނު ޕާޓީގައި ހުންނަވާ ރައީސާ ދެކޮޅު ހެއްދެވުމުން ދެވަނަ ދައުރެއް ހޯއްދެވުމަށް އޮތް ހުރަސްތަކާއި ގޮންޖެހުންތައް ބޮޑުވުމެވެ. އެގޮތުގައި އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެ މަގެއް ނުފެނި އިދިކޮޅު ޕާޓީއަށް ވެއްޖެނަމަ ރައީސް ސޯލިހަށް ރައީސް ނަޝީދު ޕާޓީ ހިންގެވި ގޮތަށް ކޮންޓްރޯލް ނަންގަވާ ހިންގެވޭނެ ކަމާމެދު މާ ބޮޑަށްވެސް ސުވާލު އުފެދެއެވެ.އަނެއްކޮޅުން ނަޝީދު އެ ގެންދަވަނީ ޕާޓީން ވަކިނުކުރާނެ ކަމަށާ އެމްޑީޕީ ހޯއްދަވާނެ ކަމަށް ވިދާޅުވަމުންނެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި އަދި ރައީސް ސޯލިހްގެ ވަފާތެރި މެންބަރުންނަށްޓަކައިވެސް ނަޝީދު އެ ޕާޓީން ބޭރުކުރުމަކީ ވަރަށް ގާތް ކަމެކެވެ. ބަލަން ތިބެމާ ހިނގާށެވެ.
ރައީސް ނަޝީދު ޕާޓީ ވަތްކެތް ނުކުރާނެ ބާކީކޮށް ނިދީގައި ހިނގާ ބުދެއް ފަދައިން ގަނޑުކޮށް ބާކީކޮށްލުމުން އެމްޑީޕީގެ މިހާރުގެ ވާގިވެރތިންނަށް ފުދޭނެ. މިހާރުވެސް އެއީ ބާކީ ވެފައިވާ ބޭފުޅެއް. އެކަމަކަކު އެއީ އަދި ނަޝީދުގެ ނިމުމެއް ނޫން. އެ މަނިކުފާނުގެ ތަރި ދަނީ އަރަމުން
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ