ވެނެޒުއެލާއަށް އައި ބިންހެލުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ވެނެޒުއެލާއަށް ކުރިމަތިވި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން، އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ އެލޮއީނާ ރޮޑްރިގޭޒް ގޯމޭޒަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވެނެޒުއެލާއަށް ކުރިމަތިވި މި ބިންހެލުންތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް އަނިޔާވެ، ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވިއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސާއަށާއި، ސަރުކާރަށާއި، އެ ޤައުމުގެ ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާފައެވެ. އަދި މި ހާދިސާގައި ފުރާނަ ގެއްލުނު މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުއްވައި، މި ހިތާމަވެރި ދަނޑިވަޅުގައި އެ ފަރާތްތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުޢާކުރެއްވިއެވެ.
މީގެއިތުރުން، މި ބިންހެލުމުގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، އެ ޤައުމުގެ ހާލަތު އާންމު ހާލަތަށް ރުޖޫޢަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ބިން ހެލުން އައިސްފައިވަނީ ވެނެޒުއެލާގެ ވެރިރަށް ކަރާކަސްގެ ހުޅަނގަށްއެވެ. ބިންހެލުމާއެކު ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައެވެ. އެމެރިކާގެ ޖިޔޮލޮޖިކަލް ސާވޭއިން ހާމަކުރި ގޮތުގައި ފުރަތަމަ އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.2 ގައެވެ. އަދި، އޭގެ މިނެޓެއް ވެސް ނުވަނީސް 7.5 ގެ ބާރުމިނުގައި ދެވަނަ ލޮޅުން އައެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10،000 އާއި 100،000 އާ ދެމެދަށް އުފުލުން އެކަށީގެންވާ ކަމުގައި އެ އިދާރާއިން ލަފާކުރެއެވެ. ބިންހެލުމާ ގުޅިގެން ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރައްވައި، ބައިނަލްއަޤުވާމީ އެހީއަށް އެދިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ. ކަރާކަސްގެ ޗަކާއޯއިން އެކަނި ވެސް އިމާރާތެއްގެ ދަށުން 18 މީހަކު ދިރިހުއްޓާ ސަލާމަތް ކުރެވުނުއިރު، ފެލްކޮންސް ސްޓޭޓުން 22 މީހަކަށް އަނިޔާވެ، 15 މީހަކު ގެއްލިފައިވާ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން ވެނެޒުއެލާގެ އެންމެ ބޮޑު ވައިގެ ބަނދަރަށް ގެއްލުންވެ ވަނީ ބަންދުކޮށްފައެވެ. އަދި، ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި މަދަރުސާތައް ބަންދުކޮށްފައިވާއިރު، ހަސްފަތާލުތަކުގެ މުވައްޒަފުންގެ އަދަދު އިތުރު ކުރުމަށް ވަނީ މަސައްކަތް ފަށާފައެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން ވެނެޒުއެލާގެ އިޤުތިޞާދުގެ މައިގަނޑު ތެލުގެ ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ކަރަންޓުގެ ޚިދުމަތް ދިގު މުއްދަތަކަށް މެދުކެނޑިއްޖެނަމަ، ސާފުނުކުރާ ތެޔޮ އުފައްދާ މިންވަރަށް ބަދަލު އަތުވެދާނެ ކަމުގައި މަޞްދަރުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ