ކަރަންޓު ބިލް ދެން އަންނާނީ ވެމްކޯ ބިލާ އެކު

އަންނަ މަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭ ބިސީތަކުން ނަގާ ކުނީގެ ފީ ނުވަތަ ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ކަރަންޓު ބިލުގައި ހިމަނަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ހާމަކޮށްފި އެވެ.
އެކަމާއި ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެގޮތަށް ނިންމީ ކުނި އުކުމުގެ ފީ ގިނަ ގޭ ބިސީތަކުން ގަވައިދުން ވެމްކޯއަށް ދައްކަމުން ނުދާތީއެވެ.
އެގޮތުން މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް މިނިސްޓްރީން ނެރުނު އެ ބަޔާނުގައިވެ އެވެ.
އެކަމުގެ ސަބަބުން ވެމްކޯއަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށެވެ. އަދި ކުނި ނެގުމުގެ ހިދުމަތް ރަނގަޅަށް ދެވޭނީ ގަވާއިދުން ފީ ނަގައިގެން ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ ކުނި ބިލާއި ކަރަންޓު ބިލު އެއްކޮށްލުމުން، ކުނީގެ ފީ ނުދައްކާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ