ބަނދަރު ސަރަހައްދުން ކޮޅުވެއްޓި ބަންޑުން ޖެހުން: ހާލު ދެރަވި ދިވެހި ޒުވަނާ މަރުވެއްޖެ

މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި އިއްޔެ މެންދުރުފަހު، ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހަދިސާގައި ހާލު ދެރަވި ޒުވާނާ ވެސް މިއަދު ހެނދުނު މަރުވެއްޖެއެވެ. އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 15:44ހާއިރެވެ. ފުލުހުން ބުނީ ކޮޅުވެއްޓީގައި 14 މީހުން ތިބި ކަމަށެވެ. އެ އެންމެން ވެސް ފެނުނުއިރު އޭގެ ތެރެއިން، ހަ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ. އެއީ ހަތަރު ދިވެހީންނާއި ދެ ބިދޭސީންނެވެ. ދެ ބިދޭސީންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއްވި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ފަހުން މަރުވީ ކަމަށް ފުލުހުން ރޭ ބުންޏެވެ. މަރުވީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިނެވެ. މީގެ އިތުރުން ދިވެއްސަކަަށް ވެސް ބޮޑެތި އަނިޔާތަކެއްވެ ހާލު ސީރިއަސްކަމަށް ފުލުހުން ބުންޏެވެ. އެއީ 25 އަހަރުގެ އަލީ އަފްލާހް އަބްދުﷲއެވެ. މިއަދު ހެނދުނު ފުލުހުން ބުނި ގޮތުގައި އެ ޒުވާނާ ވެސް ވަނީ މަރުވެފައެވެ. މި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުންނެެއް ނުދެއެެވެ. ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ