މާޒިޔާގައި ހަވާލުވި ޒިންމާ އަކީ ކޮންމެ މެޗަކުން މޮޅުވުން: ހެނާންޑޭޒް މާޒިޔާގައި ހަވާލުވި ޒިންމާ އަކީ ކޮންމެ މެޗަކުން މޮޅުވުން: ހެނާންޑޭޒް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމުގެ މެނޭޖްމަންޓާ އެކު މަޝްވަރާކޮށް ހަވާލުވި ޒިިންމާ އަކީ، ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ނުކުންނަ ކޮންމެ މެޗަކުން މޮޅުވުން ކަމަށް މާޒިޔާގެ ކޯޗަކަށް ހުރި ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ.
ދޮޅު އަހަރެއްހާ ދުވަސް ފަހުން، ރާއްޖޭގެ ފުޓްބޯޅަ ސީޒަން މާދަމާރޭ ފަށާނީ، ކްލަބް އީގަލްސް އާއި މާޒިޔާ އިން ބައްދަލުކުރާ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެއްޓުމުގެ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި އެންމެ ފަހުން ކުޅުނީ ވެސް އީގަލްސް އާއި މާޒިޔާ އިންނެވެ. އެ ގޮތުން، 2023 ވަނަ އަހަރު މާޒިޔާ އިން ޝީލްޑް ކާމިޔާބުކުރީ އީގަލްސް 2-1 އިން ބަލިކޮށްފަ އެވެ. އެންމެ ގިނަ ފަހަރު ޝީލްޑް އުފުލާލުމުގެ ރެކޯޑް އޮތް މާޒިޔާ އިން ވަނީ 2015، 2016، 2017، 2021 އަދި 2023 ވަނަ އަހަރު ޝީލްޑް ހޯދައިފަ އެވެ. އީގަލްސް އިން ވަނީ 2020 ވަނަ އަހަރު މާޒިޔާ ބަލިކޮށް ޝީލްޑް އުފުލާލައިފަ އެވެ.
ހެނާންޑޭޒްގެ ކޯޗުކަމުގައި މާޒިޔާ އިން ނުކުތް ރާއްޖޭގެ ފުރަތަމަ މުބާރާތް ކަމަަށްވާ އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން މިދިޔަ މެއި މަހު ހޯދި އެވެ. މާދަމާރޭ ޝީލްޑް މެޗުގައި ނުކުތުމުގެ ކުރިން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ހެނާންޑޭޒް ވަނީ މާޒިޔާގެ ޓާގެޓަކީ ކޮންމެ މެޗަކުން ވެސް މޮޅެއް ކަމަށް ބުނެފަ އެވެ.
"އަހަރެން މި ކްލަބަށް އައިއިރު، އަހަންނަށް ވަރަށް ސާފުކޮށް ހަވާލުވެފައި އޮތް ޒިންމާ އަކީ ކޮންމެ މެޗަކުން މޮޅުވުން. އެހެންވީމަ، ކޮންމެ މެޗަކަށް ވެސް އަހަރެން ތައްޔާރުވާނީ މޮޅުވާން. އެހެންވީމަ، އަހަރެން މެޗުތަކުގައި ބޭނުންކުރާ ކުޅުންތެރިން ވެސް ތައްޔާރުވާނީ އެ އަމާޒުގައި. ކުޅުންތެރިންނަށް ބުނެދޭނީ މެޗުން މޮޅުވާން ރޭވުންތެރިކަން އޮތްގޮތް. އަހަރެންގެ އުންމީދަކީ އެ ޕްލޭނާ އެއްގޮތަށް އިދިކޮޅު ޓީމަށް އިހުތިރާމް ދީގެން މި މެޗުން މޮޅުވުން،" ހެނާންޑޭޒް ބުންޏެވެ.
މާޒިޔާގެ މެނޭޖްމަންޓުން ދާދި ފަހުން ވަނީ ނިންމުމެއް ނިންމައި، ކުޅުންތެރިންތަކެއް ދޫކޮށްލައިފައި ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އެއީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވި، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ) އަދި އަލީ ފާސިރު (ސެންޓޭ) އެވެ.
ހެނާންޑޭޒް ބުނީ ޓީމު ދޫކޮށްދިޔަ ކުޅުންތެރިންގެ ޖާގަ އަށް ދެން އަރާ ކުޅުންތެރިންނަށް އެ ލިބެނީ ވަރަށް ރަނގަޅު ފުރުސަތުތަކެއް ކަމަށެވެ. އަދި، އުންމީދަކީ އެ ފުރުސަތުތައް ލިބޭ ކުޅުންތެރިން އޭގެ ބޭނުން ރަނގަޅަށް ހިފައި، ޓީމުގެ އަމާޒަށް ވާސިލްވާން އެހީވުން ކަމަށް ވެސް ހެނާންޑޭޒް ފާހަގަކުރި އެވެ.
މާޒިޔާ އަށް ކުޅެމުން އަންނަ 16 އަހަރުގެ ފޯވާޑް، މުހައްމަދު އިލާން އިމްރާން އަކީ މި ސީޒަނުގައި އެ ޓީމުން ރަނގަޅަށް ފުރުސަތު ދިން ޒުވާން ކުޅުންތެރިއެކެވެ. އެކަމަކު، އިލާން އަކީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ކުޅުންތެރިއެއް ކަމަށްވާތީވެ، ހެނާންޑޭޒް ވެސް ގުނަނީ އިލާން އަކީ ސީނިއާ ކުުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ފުޓްބޯޅައިގައި، މިދިޔަ ދޮޅު އަހަރެއްހާ ދުވަހު، ގިނަ ޓީމުތަކަށް އެނގޭނީ މާޒިޔާ ކަމަށާއި މިހާރު އޭނާ ބޭނުންވަނީ އެހެން ޓީމުތައް ވެސް އެނގެން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެވެ. އަދި، މި ވަގުތަށް ބަލާއިރު، އެންމެ މުހިންމީ އީގަލްސްގެ ކަންކަން ދެނެގަތުން ކަމަށް ހެނާންޑޭޒް ވަނީ ބުނެފަ އެެވެ.
އީގަލްސް އާއި މާޒިޔާ އިން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ފަށާނީ މާދަމާރޭ 21:00 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ