ކަންނެލި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ހުޅުމާލެއިން ބިމެއް ދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ މުހިންމު ވަޢުދުފުޅެއް ޙާސިލުކުރުމުގެ ގޮތުން، ކަންނެލި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށްޓަކައި ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ބިން ހަވާލުކުރެވުމުގެ މަޤްޞަދަކީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް ޤާއިމުކުރުމެވެ.
މަސްވެރިކަމުގެ ސިނާއަތަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބެވެ. މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ޒަމާނީ ފެންވަރަށް މި ސިނާއަތް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަން ހިމެނެއެވެ. މި މަސައްކަތަކީ، ދިވެހި މަސްވެރިންގެ އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ފަސޭހަކަމާއެކު ނެރުމަށް މަގުފަހިކޮށްދޭނެ އަސާސީ މަޝްރޫޢެކެވެ.
މި ބިމުގައި ޤާއިމުކުރެވޭ ފެސިލިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ލޯނު އެހީގެ ދަށުންނެވެ. އެގޮތުން، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.އެސް.ޑީ.ބީ) ފަންޑުގެ ދަށުން މި މަޝްރޫޢަށް ފައިސާގެ އެހީތެރިކަން ލިބިގެންދާނެއެވެ. މި ފެސިލިޓީގެ މަސައްކަތް ފެށުމަށްޓަކައި މިހާރު ހުޅުމާލެއިން ބިން ލިބިފައިވުމަކީ، މަޝްރޫޢުގެ މަސައްކަތް ދުވެލި ބާރުކޮށްލާނެ ކަމެއްކަމަށް ސަރުކާރުން ބުނެއެވެ.
ހުޅުމާލެއަކީ މާލެ ސަރަހައްދުގެ މެދުތެރޭގައި އޮތް މުހިއްމު ސަރަހައްދަކަށް ވާތީ، މިތާނގައި މިފަދަ ފެސިލިޓީއެއް ޤާއިމުކުރުމުން، މަސްވެރިކަމުގެ އުފެއްދުންތައް މާކެޓަށް ނެރުމާއި، މަސް ރައްކާކުރުމުގެ ޚިދުމަތްތައް ހަރުދަނާ ވެގެންދާނެއެވެ. ޚާއްސަކޮށް، ކަންނެލި އުފެއްދުންތައް އިތުރު އަގު (Value Addition) ހުރި އުފެއްދުންތަކަށް ހެދުމުގެ ފުރުޞަތު މި ފެސިލިޓީގެ ސަބަބުން ފަހިވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ބެލެވެއެވެ.
މި މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ނިންމާލެވުމަކީ މަސްވެރިންގެ އުންމީދެކެވެ. މި މަޝްރޫޢުގެ ސަބަބުން ދިވެހި ކަނނެލީގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓުގައި އިތުރަށް ފުޅާވެ، ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް، ގިނަ އަދަދެއްގެ ވަޒީފާގެ ފުރުޞަތުތައް އުފެދިގެންދާނެކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ