އާދިއްތައަށް ފަހު ވިއްސާރަ އަލިވާނެ، އެކަމަކު ވައިބާރު
އާދީއްތައަށް ފަހު އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަނުކުރި ނަމަވެސް ވައިބާރުވުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ. "ސަން"އަށް މައުލޫމާތުދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އަސަރު، ހުކުރު ދުވަހަށް ފަހު މަޑުވަމުން ދާނެ ކަމަށެވެ. ދެކުނުގެ ރަށްރަށަށް މިހާރު ވެސް ވިއްސާރަައިގެ އަސަރު ކުޑަވަމުންދާ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާނީ ކެރީގެ އަސަރު ކަމަށް މެޓް އޮފީހުން މައުލޫމާތުދީފައިވެއެވެ. https://sun.mv/212878 "ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޮނިހިރުން ފެށިގެން ވާރޭ ވެހުން މަދުވާނެ. އެހެންނަމަވެސް އުތުރާއި މެދުރާއްޖެތެރޭގެ ވައި މުޅިން މަޑުވެގެންދާނެ ކަމަށް ނުބެލެވޭ. އާދީއްތައާ ހަމައަށް ވެސް ކޮންމެ ވެސް ވަރަކަށް ބާރުކޮށް އުޅޭނީ. ނަމަވެސް މިއަަދަށްވުރެ ތަންކޮޅެއް މަޑުވާނެ،" މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. މެޓް އޮފީހުން މިއަދު ނެރުނު އިއްޔެގެ ތަފާސް ހިސާބު ފާއިތުވި 24 ގަޑިއިރަށް ބަލާފައި މެޓްއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެންމެ ވައިބާރުވެފައިވަނީ މާލެއަށެވެ. އެ ތަފާސްހިސާބުން ދައްކާގޮތުގައި މާލެއަށް އެވްރެޖްކޮށް 28 މޭލުގެ ބާރުމިނަށް ވައިޖެހެއެވެ. އަދި، މާލެއަށް އެންމެ ބާރަށް 56 މޭލުގެ ބާރުމިނުގައި ވައިޖެހިފައިވާ ކަމަށް މެޓުން ރެކޯޑުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބާރަށް ވައިޖެހިފައިވަނީ ބ. ދަރަވަންދުއަށެވެ. އިއްޔެ ދަރަވަންދޫގައި 55 މޭލުގެ ބާރުމިނުގައި ވައި ޖެހުނު ކަމަށް މެޓުން ރިކޯޑްކޮށްފައިވެއެވެ. އަދި، 51 މޭލުގެ ބާރުމިނުގެ ވައިޖެހިގެން ތިންވަނައަށް އެންމެ ބޮޑަށް ވައިޖެހިފައިވަނީ އދ. މާމިގިއްޔަށެވެ. ނަމަވެސް، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މެޓުން ވަނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ. https://x.com/MetMaldives/status/1981209084830634002 ފާހަގަކުރެވޭ ގޮތުގައި، މޫސުން ގޯސްވެ، މިދިޔަ ހަފުތާގައި ވަނީ ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ. އެއަށް ފަހު، ބުރާސްފަތި ދުވަހު ބޯޓެއް ދިޔަވެ، އަޑިއަށް ގޮސްފައިވެއެވެ. އެ ބޯޓުގައި ތިބި މީހުން، އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ. މޫސުން ގޯސް ދުވަސްތަކުގައި ހިނގާފާނެ ހާދިސާތަކަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަބަދުވެސް އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ