12 ބުރީގެ ގައުމީ ސިއްހީ ލެބޯޓްރީ އެޅުމުގެ މަސައްކަތް ޖަރުމަނުގެ ކުންފުންޏަކަށް

ނެޝެނަލް ހެލްތު ލެބޯޓަރީ (ގައުމީ ސިއްހީ ލެބޯޓްރީ) އެޅުމުގެ މަސައްކަތް، ޖަރުމަނުގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޖަރުމަނުގެ ޖީޓެކް ކޮންސަލްޓިން ގްރޫޕްއާއެވެ. މި މަޝްރޫއުގެ ދަށުން ލެބޯޓްރީގެ ފީސިބިލިޓީ ސްޓަޑީއާއި ޑިޒައިންގެ މަސައްކަތުގެ އިތުރުން ޢިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު އަބްދުﷲ އެވެ. އަދި ޖީޓެކްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗާ ކްރިސްޓްނަ ޖެންރާ އެވެ.
12 ބުރީގެ މިފަދަ ޒަމާނީ އިމާރާތެއް ގާއިމްކުރުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ބަލިތައް ދެނެގަތުމާއި ދިރާސާކުރުމުގެ ގާބިލުކަން އިތުރުކުރުން ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު ނާޒިމް ވިދާޅުވީ ގައުމީ ފެންވަރުގެ ވަރުގަދަ ލެބޯޓަރީއެއް ހުރުމަކީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭކަމެއް ކަމަށެވެ.
އެގޮތުން ތަފާތު ބޭސްތަކާއި ކާނާގެ ބާވަތްތައް ތަހުލީލު ކުރުމަށް މިހާރު ބަރޯސާ ވާން ޖެހެނީ ބޭރުގެ ކުންފުނިތަކަށްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި ލެބޯޓްރީގެ ސަބަބުން އެފަދަ މުހިންމު މަސައްކަތްތައް ފަސޭހަކަމާއެކު މި ގައުމުގައި ކުރެވޭނެ މަގުފަހިވެގެންދާނެ ކަމަށެވެ. "މިކަމުގެ ސަބަބުން އެކަމަށް ހިނގާ ހަރަދު އިތުރުވެ، ހަދަރު ބޮޑުވެ، އެންމެ މުހިންމު ވަގުތުތަކުގައި އަޅުގަނޑުމެންނަށް އެ ހިދުމަތް ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި ދިނުމަށް ވަނީ ގޮންޖެހުމަކަށްވެފައި" ނާޒިމް ވިދާޅުވިއެވެ.
އަދި މި ލެބޯޓްރީގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު ނިންމާލެވޭނެކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކޮންސަލްޓެންސީއާއި ޑިޒައިންގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްދުވަސްތެރޭގައި ނިންމާ، ދެވަނަ ފޭސްގެ ދަށުން ކޮންޓްރެކްޓަރެއް ހޯދައި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.
އެ ލެބޯޓްރީގައި މައިކޮލޮޖީ، އިންޓާނޮލޮޖީ އަދި ޕެރަސަޓޮނޮލޮޖީގެ ޓެސްޓުތައް ހެދިގެންދާނެ ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ ދިރާސާތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ