ރ. އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) ބެހެއްޓުމުގެ މަސައްކަތް ކުރިޔަށްދާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ހާމަކޮށްފި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން މައުލޫމާތު ދޭގޮތުގައި މި ސިސްޓަމް ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގެ ހަކަތަ ލިބިގަންނަ ގޮތްތަކަށް މުހިންމު ބަދަލުތަކެއް އަންނާނެއެވެ. އަދި މި މަސައްކަތަކީ ރާއްޖޭގެ ތިމާވެއްޓަށް އިސްކަންދީ، އާދެވިދާނެ ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ސިސްޓަމް ބަހައްޓައި ޢަމަލީކޮށް ބޭނުންކުރަން ފެށުމުން، އަހަރަކު 164,672 ލީޓަރުގެ ޑީޒަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު އަހަރަކު 403 ޓަނަށް ކުޑަކުރެވޭނެއެވެ. މިއީ ތިމާވެއްޓަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެސްދޭނެކަމެކެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރަށް އެއްބާރުލުންދޭ މުހިންމު މަޝްރޫޢެކެވެ. ރައީސްގެ ތަސައްވުރުގައި 2028 ވަނަ އަހަރާ ހަމައަށް ޤައުމީ ކަރަންޓުގެ ބޭނުންވާ މިންވަރުގެ 33 އިންސައްތަ އާދެވިދާނެ ހަކަތައިން ފުއްދުމަށް އަމާޒުކޮށްފައިވެއެވެ. ރ. އިންނަމާދޫގައި ބެހެއްޓޭ މި BESS ސިސްޓަމަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރ. އިންނަމާދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަޙްމަތްތެރި ގޮތަކަށް ހަކަތަ ލިބިގެންދާނެއެވެ. އަދި، ރާއްޖޭގެ ހަކަތައިގެ ބޮޑު ބައެއް ޑީޒަލުން އުފައްދަމުންދާ ދަނޑިވަޅެއްގައި، މިފަދަ މަޝްރޫޢުތަކަކީ ހަކަތައިގެ ގޮތުން މިނިވަންވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
އިންނަމާދޫގައި ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ