ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތު އިފްތިތާހުކޮށްފި
މި ސަރުކާރުގެ ދައުރުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވާ އެންމެނަށް ބޯހިޔާވަހިކަން ހޯދައިދޭން ރައީސް މުހައްމަދު މުއިއްޒު ވެފައިވާ ވައުދު ފުއްދަން ސަރުކާރުން ގެންގުޅޭ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު މިރޭ އިފްތިތާހުކޮށްފި އެވެ.ހައުސިން މިނިސްޓްރީން ބުނީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ގެޒެޓުގައި މިރޭ އާންމުކުރާނެ ކަމަށެވެ.ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފުތިތާހު ކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ.އޭގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް، ކުއްޔަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންގެ އިތުރުން މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތައް ވެސް ހިމެނެ އެވެ.މިރޭ ތައާރަފްކުރާ ސްކީމްތަކުގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަމާޒުކޮށްފައިވަނީ ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.ގޯތި ސްކީމަށް ޕޮއިންޓު ދިނުމުގައި ވެސް ހައުސިން މިނިސްޓްރީން ގެންގުޅެނީ ފްލެޓު ސްކީމާ އެއްގޮތް މިންގަނޑުތަކެވެ. ނަމަވެސް ގޯތި ދިނުމުގައި ގޭބިސީގެ އާމްދަނީގެ ބަދަލުގައި ބަލަނީ އުމުރުފުރާއަށެވެ.ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ފަހުން ރައީސް މުހައްމަދު މުއިއްޒު އިއުލާނުކުރި 7000 ފްލެޓާއި ރަސްމާލޭން ދޫކުރާ 15،000 ގޯތި ދޫކުރަނީ މި ސްކީމުތަކުގައި ކަނޑައެޅި އުސޫލުތަކުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ