އިގުތިސާދަށް މުހިންމު ކަމަށް ބުނެ މަޖިލީހުން ފާސްކުރި އެސްއީޒެޑް ބިލު ތަސްދީގުކުރައްވައިފި

ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޒަމާނީ ޚިދުމަތްތަކާއި ވަސީލަތްތައް ލިބޭ ގޮތަށް މީހުން ދިރިއުޅުމަށް ތަރައްގީކުރާ ސަރަހައްދުތަކަކީ، ނުވަތަ "ސަސްޓެއިނަބަލް ޓައުންޝިޕް"އަކީ ޚާއްސަ އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައަޅަން އެސްއީޒެޑު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. އެ ބިލު ދިރާސާކުރުމަށް މިދިޔަ އަންގާރަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، ބިލު ދިރާސާކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް އެމްޑީޕީން ބުންޏެވެ. މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި ޓޫރިޒަމް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އާންމުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދައި ބިލު ދިރާސާކުރުމަށްފަހު ފާސްކުރުމަށް ވެސް އެ ޕާޓީން އެދުނެވެ. އެހެންނަމަވެސް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން އެ ބިލު ވީ އެންމެ އަވަހަށް ފާސްކުރުން މުހިންމު ކަމަށެވެ. އަދި އެމްޑީޕީން މަސައްކަތްކުރަނީ ގައުމަށް މަންފާހުރި ކަންކަން ލަސްކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. https://sun.mv/213533 އެއަށްފަހު، ޕީއެންސީގެ 55 މެންބަރުންގެ ވޯޓުން، މުޅި މަޖިލީހުގެ ކޮމިޓީން ބިލް ފާސްކުރިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ ނުވަ މެންބަރުންނެވެ. އަދި، މަޖިލީހުގައި އެ ބިލް ފާސްކުރަން 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެންބަރުންނެވެ. މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެސްއީޒެޑްގެ ގޮތުގައި ޓައުންޝިޕް ކަނޑައެޅޭ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ބުަދަ ދުވަހު -- ފޮޓޯ/ މަޖިލިސް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު އެސްއީޒެޑް ގާނޫނަށް މިދިޔަ މަހުގެ 20ގައި ހުށަހެޅުއްވީ "ސަސްޓެއިނެބަލް ޓައުންޝިޕް"ގެ ތަފުސީލުތައް ހިމަނައި، ގާނޫނަށް ބާބެއް އިތުރުކުރުމަށެވެ. އެ އިސްލާހުގައިވާގޮތުން ސަސްޓެއިނެބަލް ޓައުންޝިޕެއް ތަރައްގީކުރާނަމަ އިންވެސްޓަރުން ބައި ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރަންޖެހެއެވެ. އެ ބިލުގައިވަނީ، ސަސްޓެއިނެބަލް ޓައުންޝިޕެއްގައި ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ލާޖް ސްކޭލް ރިއަލް އެސްޓޭޓެއް އެ ޒޯނުގައި ތަރައްގީކުރަން ޖެހޭކަމާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމުރީނުދޭ މަރުކަޒަކާއި ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލެއް އެ ތަނުގައި ތަރައްގީކުރަން ޖެހޭކަން ބަޔާންކޮށްފައެވެ. ހަމައެހެންމެ، ސަސްޓެއިނެބަލް ޓައުންޝިޕެއް ހިންގުމަށް ބޭނުންވާ ހަކަތައިގެ މަދުވެގެން 60 ޕަސެންޓު އިއާދަކުރުވަނިވި ހަކަތައަށް ވާން ޖެހޭނެ ކަމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކުރަން ޖެހޭނެ ކަމަށް ވެސް ޝަރުތުތަކުގައިވެއެވެ. "ސަސްޓެއިނެބަލް ޓައުންޝިޕެއް" ތަރައްގީކުރާ އިންވެސްޓަރުންނަށް އިނާޔަތްތައް ލިބޭނެ ގޮތާއި ޓެކުހުގެ ގޮތުގައި ސަރުކާރުން ނަގާނެ އަދަދު ވެސް މި ގާނޫނަށް އިތުރުކުރަން ހުށަހެޅި ބާބުގައި ހިމަނާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ