ރާއްޖޭގެ ދަރަނީގެ މައްސަލައަށް ހައްލު ހޯދާނަން: ރައީސް ޔާމީން

ރާއްޖޭގެ ދަރަނީގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި, ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ އެމައްސަލަ އަށް ހައްލު ހޯއްދަވާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދަކާ ބައްދަލު ކުރައްވަައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައި އީޔޫއިން ވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަން ފާޅުކޮށް، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ހައްލުކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރެއްވުމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި އެ މަނިކުފާނުގެ ވެރިކަމުގައި ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން ވެސް މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި ބައްދަލުވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.
ހަމައެހެންމެ ރާއްޖޭގެ ރަށްށުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމުކުރުމަށް އެހީ ހޯދުމަށާއި, ތަރައްގީގެ އެކި ދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް ޔާމީން ވަނީ މި ސަރުކާރު ވެރިކަމަށް އައިސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި، މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވައިިފައެވެ. އަދި މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ވެސް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ