މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ދުރާލާ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެކަމުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެންޑީއެމްއޭ އިން މިފަދައިން އިލްތިމާސް ކޮށްފައިވަނީ އެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި މި ކޮޅިގަނޑާއި ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި، ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.
ވުމާއެކު މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ހާއްސަ ސަމާލުކަން ދޭންވީ ކަންކަން ވެސް އެ ބަޔާނުގައި ހިމަނާފައިވެއެވެ. އެކަންތައްތަކަކީ:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެ ހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.
- ފެންބޮޑުވެ ގެއްލުންލިބޭ ހިސާބުގައި ހުންނަ ކާބޯތަކެތި އަދި ހިފާ ގެންގުޅޭތަކެތި (ދޮންނަމެޝިން، އައިސް އަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން.
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރައްކާކުރުން.
- ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.
- ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމާއި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީން ކުރުން
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމް ކުރުން
އުތުރާއި މެދުރާއްޖެތެރޭގައި އަތޮޅުތަކަށް އުތުރާއި އިރު އުތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
އާއަހަރުގެ ބަންދާއި ދިމާކޮށް މޫސުން ގޯސްވެފައި ވާއިރު ގިނަ އަދަދެއްގެ މީހުން ރަށްތަކަށް ދަތުރު ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ