އިސްލާމްއާބާދުގައި ގޭސް ސިލިންޑަރެއް ގޮވައި އަލަތު ކައިވެނިކުރި ދެމަފިރިއަކު މަރުވެއްޖެ
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކައިވެނީގެ ހަފުލާއަށްފަހު ގޭގައި ނިދާފައި ތިއްބާ ގޭސް ސިލިންޑަރެއް ގޮވައި، އަލަށް ކައިވެނިކުރި ދެމަފިރިއަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފިއެވެ.
މި ހާދިސާގައި އެ ގޭގައި ތިބި ކައިވެނީގެ މެހުމާނުންނާއި އާއިލާގެ މެންބަރުން ހިމެނޭހެން އިތުރު 6 މީހަކު ވެސް ވަނީ މަރުވެފައެވެ. އަދި މި ގޮވުމުގެ ސަބަބުން 12 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު ހިނގި މި ބާރުގަދަ ގޮވުމުގެ ސަބަބުން ގޭގެ ފުރާޅު ވެއްޓި، ފާރުތައް ވަނީ ކުނޑިކުނޑިވެފައެވެ. އިމާރާތުގެ ބައިތަކާއި ފަރުނީޗަރުތައް ބިންމައްޗަށް އުކާލެވިފައިވާއިރު، ޒަޚަމްވި މީހުން ސަލާމަތްކުރީ އިމާރާތުގެ ދަށުން ކޮނެގެންނެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނި ގޮތުގައި، މި ހާދިސާ ހިނގީ ގޭސް ލީކުވެ މުޅި ކޮޓަރިތެރެއަށް ފެތުރިފައި ވަނިކޮށް ގޮވުމުގެ ސަބަބުންނެވެ. މި ގޮވުމުގެ އަސަރު ކައިރީގައި ހުރި ތިން ގެއަކަށް ވެސް ވަނީ ކޮށްފައެވެ.
ކައިވެނިކުރި ފިރިހެންމީހާގެ ބައްޕަ ބުނި ގޮތުގައި އޭނާގެ ދަރިފުޅު ކައިވެނިކުރީ ހާދިސާ ހިނގި ދުވަހުގެ ކުރީ ދުވަހުއެވެ. އާދިއްތަ ދުވަހުގެ ފަތިހު އެންމެން ނިދަން ދިޔަ ނަމަވެސް، ހެނދުނު ހޭލަން ޖެހުނީ މި ބިރުވެރި ހާދިސާއަށެވެ.
ފުލުހުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް، ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިސްލާމްއާބާދުގައި ގޭސް ސިލިންޑަރެއް ގޮވައި އަލަތު ކައިވެނިކުރި ދެމަފިރިއަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ