ވައިގެ ކޮލިޓީ ބެލުމަށް 4 ސްޓޭޝަނެއް ގާއިމް ކުރަނީ

ވައިގެ ކޮލިޓީ ބެލުމަށް ޚާއްސަ 4 ސްޓޭޝަނެއް މިއަހަރުތެރޭ ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް އެންވައިރަމެންޓް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.
އެންވައިރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިރުޒާ މުހައްމަދު ވިދާޅުވީ ރާއްޖޭގެ ވައިގެ ކޮލިޓީ ބެލުމަށް ގިނަ މަސައްކަތްތައް ކުރަމުންދާކަމަށާއި، އެގޮތުން މިވަގުތު ރާއްޖޭގެ 7 ރަށެއްގައި އާންމުންނަށް، ވައިގެ ކޮލިޓީ ފޯނުން މިހާރު ބެލޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ. އެ 7 ރަށަކީ ގއ. ވިލިނގިލި، ށ. ފުނަދޫ، ލ.ގަން، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ، އަދި ކުޅުދުއްފުށިއެވެ.
ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ މާލެ ސަރަހައްދަށް ކަމުން މި ސަރަހައްދުގައި އެކަން ބެލުމަށް ޚާއްސަ މަސައްކަތެއް ކުރަމުން އަންނަކަމަށާއި، އެގޮތުން މާލެ ސަރަހައްދުގައި މިއަހަރު ތެރޭގައި ވައިގެ ކޮލިޓީ ބެލުމަށް 4 ސްޓޭޝަން ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިރުޒާ ވިދާޅުވިއެވެ.
މިސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާ، މާފަންނު ސަހަރާ، ހުޅުމާލެ ސެންޓަރަލް ޕާކު އަދި ހުޅުމާލެ ފޭސް 2 ގައެވެ. މި 4 ސްޓޭޝަނުން ފޯނުން ވައިގެ ކޮލިޓީ ބެލުމުގެ އިތުރުން އިތުރު މައުލޫމާތުވެސް ލިބޭނެކަމަށްވެސް އެންވައިރަމެންޓް މިނިސްޓްރީ އިން ބުނެއެވެ.
މިރުޒާ ވިދާޅުވީ، ވައިގެ ކޮލިޓީ މޮނިޓަރ ކުރުން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ އެއް މަޝްރޫޢަކީ ލޯ އެމިޝަން ޓްރާންސްޕޯޓް މަޝްރޫޢުކަމަށެވެ. މި މަޝްރޫޢަކީ ދަތުރުފަތުރާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ