މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ކުފޫ ހަމަވާ އިތުރު ބޭފުޅެއް ނެތް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް، ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ އަލީ ޖަލީލަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.
ގާސިމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު އެންޑޯޒްކޮށް ތާއީދުކުރައްވާ ކަމަށާއި މޫސާ އަލީ ޖަލީލަކީ ގައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، މި ގައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއް ކަމަށާއި މި ގައުމުން އަގު ވަޒަންކުރާ، ގައުމީ ޝަރަފު އަރުވާފައިވާ ނިޝާން އަސްކަރީގެ އިއްޒަތުގެ ވެރިއެއް ކަމަށެވެ.
ހަމައެކަނި 1988 ވަނަ އަހަރު ނޮވެމްބަރު މަހު 3 ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް މޫސާ އަލީ ޖަލީލުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭރުއްސުރެ މިއަދާ ހަމައަށްވެސް މޫސާ އަލީ ޖަލީލު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށް ކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކު، ފަސްބައިގައި ކިލަނބުކަމެއް ނެތި ކަމަށެވެ. އަދި މޫސާ އަލީ ޖަލީލަކީ އެއްވެސް މީހަކާ މެދު ކުޑައިމީސްކޮށް ކަމެއް ނުކުރައްވައި، ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖުރިބާކާރު ޝަހުސިއްޔަތެއް ކަމަށް ވިދާޅުވިއެވެ.
”މި ހުރިހާ ހަގީގަތްތަކެއް މިހެން ހުރީތީވެ، ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަގާމަށް މޫސާ ޖަލީލަށްވުރެ ތަޖުރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ގާބިލު، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަން ޔަގީން،“ އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭގެ ރައްޔިތުން، މާލޭގެ މޭޔަރަކަށް މޫސާ އަލީ ޖަލީލު ހޮވައިދިނުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ކުފޫ ހަމަވާ އިތުރު ބޭފުޅެއް ނެތް ކަމަށް ވިދާޅުވެ، ގާސިމްގެ ތާއީދު މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ