ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި ހަފުލާއެއްގައި ބަޑީގެ ހަމަލާއެއް ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގެންނެވި "ވައިޓް ހައުސް ކަރަސްޕޮންޑެންޓްސް ޑިނާ" ވޮޝިންގްޓަންގެ ހޮޓަލެއްގައި ކުރިއަށްދަނިކޮށް ބަޑީގެ ހަމަލާއެއް ދިނުމުން ޓްރަމްޕް އެ ތަނުން ނެރެފިއެވެ. އަހަރަކު އެއް ފަހަރު ބާއްވާ އެ މީޑިއާ ގާލާ މި އަހަރު ބޭއްވި ވޮޝިންގްޓަން ހޮޓަލްގައި ހަފުލާ ކުރިއަށްދަނިކޮށް ބާރުގަދަ އަޑުތަކެއް އިވެން ފެށުމުން ޓްރަމްޕާއި ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް އެ ތަނުން ނެރެފައިވާއިރު، ހަފުލާގެ ބައިވެރިން ވަނީ ރައްކާތެރިކަން ހޯދުމަށް މޭޒުތަކުގެ ދަށަށް ވަދެފައެވެ. ހާދިސާ ހިނގި ވަގުތު ސީކްރެޓް ސާވިސްގެ ޚާއްސަ ފައުޖުތަކުން ވަނީ ހަތިޔާރާ އެކު ސްޓޭޖްގެ ކޮންޓްރޯލް ނަގާފައެވެ. ސީކްރެޓް ސާވިސްގެ ތަރުޖަމާނު އެންތޮނީ ގުގްލިއެލްމީ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ރައީސާއި ފަސްޓް ލޭޑީ ސަލާމަތުން ތިއްބެވި ކަމަށާއި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ޝައްކުކުރެވޭ އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. ބަޑީގެ އަޑު އިވުމުން ހަފްލާގައި ތިބި މީހުން މޭޒު ތަކުގެ ދަށަށް ވަދެ. ފޮޓޯ/ގެޓީ އެސޯސިއޭޓެޑް ޕްރެސް، އޭޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ހާދިސާގައި އެކަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް، އެ ކަމާބެހޭ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއްނުވެއެވެ. މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި މީހުން ބުނި ގޮތުގައި، ބަޑީގެ އަޑު އިވެން ފެށީ ހަފުލާ ފަށައި ކެއުން ކުރިއަށް ދަނިކޮށް، ޓްރަމްޕް ވާހަކަފުޅު ދެއްކެވުމަށް ތައްޔާރުވަމުން ދަނިކޮށެވެ. މިއީ ޓްރަމްޕް އަމާޒުކޮށް ހަމަލާދޭން އުޅުނު ފުރަތަަމަ ފަހަރެއް ނޫނެވެ. ޓްރަމްޕް އަވަހާރަކޮށްލުމަށް 2024 ވަނަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާއިރު، އެ އަހަރު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެއްގެ ތެރެއިން ދިން ބަޑީގެ ހަމަލާއެއްގައި ޓްރަމްޕް ވަނީ ޒަޚަމުވެވަޑައިގަންނަވާފައެވެ. އެ ހާދިސާގައި ބަޑިޖެހީ އުމުރުން 20 އަހަރުގެ ޒުވާނެކެވެ. އެ މީހާ ފުލުހުން ވަނީ މަރާލާފައެވެ. އޭގެ ދެ މަހެއްހާ ދުވަސް ފަހުން ޓްރަމްޕްގެ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުންނަ އިންޓަނޭޝަނަލް ގޯލްފް ކްލަބް ސަރަހައްދުން ވެސް ބަޑި ހިފައިގެން އުޅުނު މީހަކު ވަނީ ފެނިފައެވެ. ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅުނު ކަމަށް ބަލައި، ޝައްކު ކުރެވޭ މީހާ ވަނީ މިދިޔަ ފެބްރުއަރީ މަހު އުމުރަށް ޖަލަށްލާފައެވެ. މި ފަހަރު މި ހާދިސާ ހިނގި ވޮޝިންޓަން ހިލްޓަން ހޮޓަލަކީ 1981 ވަނަ އަހަރު އޭރުގެ ރައީސް ރޮނަލްޑް ރޭގަންގެ ގަޔަށް ވެސް ބަޑިޖަހައި އަވަހާރަކޮށްލަން އުޅުނު ތަނެވެ. މި ޑިނާއަކީ ޓްރަމްޕް ރައީސްކަމުގައި ހުންނަވައިގެން މި ޑިނާގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ