ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ބީޗް ހޭންޑްބޯޅަ ޓީމުން ފެށީ ވަރުގަދަކޮށް

ޗައިނާގެ ސަންޔާގައި މިއަދު ފެށި ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބަލިކޮށްފިއެވެ. ސަންޔާގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސް މިއަދު ފެށީ ބީޗް ހޭންޑްބޯޅައިގެ އިވެންޓްތަކުންނެވެ. ބީޗް ހޭންޑްބޯޅަ ފިރިހެން އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. އެއީ އޮމާން، ޕާކިސްތާން، ޖޯޑަން، ބަންގްލަދޭޝް، ތައިލެންޑް، ގަތަރު އަދި މޮންގޯލިއާއާ އެކުގައެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކުރީ 2-1 އިންނެވެ. ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމު-- ފޮޓޯ: އެމްއޯސީ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، އެ ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ވަނީ ލީޑު ނަގައި، ލީޑު ފުޅާވެސް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެ ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 12-21 އިންނެވެ. ފުރަތަމަ ސެޓު ރާއްޖެ އަތުން ދިޔަ ނަމަވެސް ދެވަނަ ސެޓުގައި ތަފާތު ދެއްކިއެވެ. ރަނގަޅު ރޫހެއްގައި ދެވަނަ ސެޓަށް ނުކުމެ، މުހިއްމު ވަގުތުގައި ޕްރެޝަރުވެސް ހެންޑަލް ކޮށްފައިވެއެވެ. އެ ސެޓު ރާއްޖޭން 26-23 އިން ގެންގޮސްފައިވާ އިރު، ފަތުހުﷲ އާދަމް ވަނީ 10 ގޯލް ޖަހައިފައެވެ. އަދި މުހައްމަދު ޝަމްނޫޒް ނައީމް ވަނީ 14 ގޯލް ޖަހައިފައެވެ. މެޗު ޕެނަލްޓީއަށް ގޮސް މޮޅުވީ 7-4 އިންނެވެ. ޕެނަލްޓީގައި ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ވަނީ މޮޅު ސޭވްތަކެއް ކޮށްފައެވެ. ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފިރިހެން ބީޗް ހޭންޑްބޯޅަ ޓީމު-- ފޮޓޯ: އެމްއޯސީ ރާއްޖެއަށް އަދި މިއަދު ގްރޫޕް ސްޓޭޖުގެ މެޗެއް އޮންނާނެއެވެ. އެމެޗުގައި ނުކުންނާނީ ވަރުގަދަ ޖޯޑަންއާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރުފަހު 2:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ