އެންޑްރޮއިޑް 17 އިން ނޮޓިފިކޭޝަންތައް ސިއްރުކުރެވޭ ފީޗާއެއް ތައާރަފުކުރަނީ

ގޫގުލްގެ ކުރިއަށް އޮތް "އެންޑްރޮއިޑް 17" އޮޕަރޭޓިން ސިސްޓަމާއެކު، ފޯނަށް އަންނަ ނޮޓިފިކޭޝަންތަކުގައި ހުންނަ އަމިއްލަ މައުލޫމާތުތައް އެހެން މީހުންނަށް ނުފެންނާނެހެން ސިއްރުކުރެވޭ އައު ޕްރައިވެސީ ފީޗާއެއް ތައާރަފުކުރުމަށް އެ ކުންފުނިން ތައްޔާރުވެއްޖެއެވެ. މި އައު ފީޗާއަކީ އެންޑްރޮއިޑްގައި މިހާރުވެސް ބޭނުންކުރާ "އެޕް ލޮކް" ފީޗާއަށް ގެނެވޭ މުހިންމު އަޕްގްރޭޑެކެވެ. މީގެ ސަބަބުން ވަކި އެޕްލިކޭޝަނެއް ލޮކްކޮށްފައި ހުންނަ ވަގުތުތަކުގައި، އެ އެޕަކުން އަންނަ ނޮޓިފިކޭޝަންތަކުގައި ހުންނަ ސެންސިޓިވް މައުލޫމާތުތައް އޮޓޯއިން ފޮރުވައިދޭނެއެވެ. މި ބަދަލާއެކު، ފޯނު މޭޒުމަތީގައި ބާއްވާފައި އޮއްވާ މެސެޖެއް އައި ނަމަވެސް، އެ މެސެޖެއް ފޮނުވީ ކާކުކަމާއި އޭގައި އޮތީ ކޮން ވާހަކައެއްކަން ކައިރީގައި ތިބޭ މީހުންނަކަށް ނުފެންނާނެއެވެ. މީގެ ސަބަބުން ބޭނުންކުރާ މީހާގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ. ސިސްޓަމް ކޯޑުން ފެނިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެސެޖިން އެޕްތައް ލޮކްކޮށްފައި ހުންނައިރު މެސެޖެއް އައުމުން ފެންނަން ހުންނާނީ ހަމައެކަނި "ނިއު މެސެޖް" މިހެންނެވެ. މެސެޖު ފޮނުވި މީހާގެ ނަމާއި މެސެޖުގެ ތަފްސީލު އޮންނާނީ މުޅިން ސިއްރުކުރެވިފައެވެ. ޗެޓް ކުރުމަށް ބޭނުންނުކުރާ އެހެނިހެން އެޕްލިކޭޝަންތަކުން ނޮޓިފިކޭޝަނެއް އައި ނަމަވެސް، އެ ނޮޓިފިކޭޝަނެއްގައި ހިމެނޭ ތަފްސީލުތަކުގެ ބަދަލުގައި ފެންނަން ހުންނާނީ "ނިއު ނޮޓިފިކޭޝަން" މިފަދަ ލިޔުމެކެވެ. މީގެ ސަބަބުން ނޮޓިފިކޭޝަނެއް އައިކަން އެނގުނު ނަމަވެސް އެޕްލިކޭޝަން އަންލޮކް ނުކުރަނީސް އޭގެ މައުލޫމާތެއް ނުފެންނާނެއެވެ. މި ފީޗާވަނީ މިހާރު ޓެސްޓްކުރުމުގެ މަރުހަލާގައިވާ ކަމަކަށް ވުމުން، އެންޑްރޮއިޑް 17 ރަސްމީކޮށް ނެރޭއިރު ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއީ ފޯނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގޫގުލްއިން އަޅާ ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ގޫގުލްއިން އެންޑްރޮއިޑްގެ ޕްރައިވެސީ ވަރުގަދަކުރުމަށް މިފަދަ ބަދަލުތަކެއް ގެންނަން ފަށާފައިވަނީ، ފަހަކަށް އައިސް ސްމާޓްފޯން ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް އޮންނަ ޑިމާންޑް ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން އެންޑްރޮއިޑް 15 އާއެކު ތައާރަފުކުރި "ޕްރައިވެޓް ސްޕޭސް" ފީޗާއަކީވެސް ސިއްރުކުރަން ބޭނުންވާ އެޕްތަކާއި ފައިލްތައް ވަކި ތަނެއްގައި ރައްކާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި މުހިންމު ބަދަލެކެވެ. އެންޑްރޮއިޑް 17 ގައި ތައާރަފުކުރާ މި އައު ފީޗާއަކީ، ފޯން ލޮކްކޮށްފައި އޮންނަ ވަގުތުތަކުގައި ސްކްރީނުން ފެންނަ މައުލޫމާތުތައް ކޮންޓްރޯލްކުރުމަށް އެޕަލްގެ އައިއޯއެސް ފަދަ ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކާ ފައިހަމަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ