ހިމޭން އަޑު”ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފައްޓައިފި ގާޑިޔާ ވިޔަފާރި ފުޅާވުމާއި ކެފޭ/ރެސްޓޯރެންޓްތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުރީދޫގެ 18 ވަނަ އުމްރާ ދަތުރު ސ. ހިތަދޫ، އަމްސަދު ނަޖުމީ އަށް އައްޑޫގެ ތަރައްގީގެ އިންތިޒާރު: ހުއްޓިފައިވާ މަޝްރޫއުތަކ

ޗެމްޕިއަންސް ލީގުން ރެއަލް މެޑްރިޑުން ކަޓައިގެން ދިއުމުގެ ސަބަބުން އެ ކްލަބުގެ ކަންކަން އަލުން ތަރުތީބުކުރުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށްވަނީ ބެލެވިފައެވެ.
ސްޕެއިންގެ ނޫސްތަކަކީ އެ ގައުމުގެ ފުޓްބޯޅައިގެ ޚަބަރުތަކާއި، ޚާއްޞަކޮށް މެޑްރިޑާ ގުޅޭ މަޢުލޫމާތުތައް އެންމެ ފުރިހަމައަށް ގެނެސްދޭ ވަޞީލަތްތަކެވެ.
މދިޔަ އަންގާރަ ދުވަހު ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގުން ވަކިވާން ޖެހުނު ނަމަވެސް، އެ ބައްޔާ މެދު އުފެދުނު ނުތަނަވަސްކަމަށްވުރެ ބޮޑަށް ސްޕެއިންގެ ނޫސްތަކުގައި ދެކެވެމުންދަނީ، ޔޫރަޕްގެ ގަދަބާރުތަކުގެ ތެރެއިން ރެއަލް މެޑްރިޑް ކަޓައިގެން ދިއުމާ ގުޅިގެން އެ ކްލަބަށް ގެންނަން ޖެހޭ “އިންގިލާބީ” ބަދަލުތަކުގެ ވާހަކައެވެ.
އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމާ ގުޅިގެން ބާސެލޯނާއަށް އަމާޒުވި ފާޑުކިޔުންތައް ކުޑަވީ، އެ ޓީމުން ސްޕެއިންގެ ލީގު ކާމިޔާބުކުރުމާ ގާތަށް ދަތުރުކުރަމުންދާތީއެވެ. ނަމަވެސް، ރެއަލް މެޑްރިޑަށް މި ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ. ލަލީގައި ބާސެލޯނާއަށްވުރެ ނުވަ ޕޮއިންޓް ފަހަތުގައި އޮތްއިރު، މި ސީޒަނުގައި ކޯޗު ބަދަލުކުރުމަކުންވެސް ސަޕޯޓަރުންގެ ހިތްހަމަނުޖެހުންތަކަށް ހައްލެއް ނުލިބުނެވެ.
ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއަލް މެޑްރިޑް މިއުނިކްގައި ކުޅުނު މެޗުން ބަލިވީ ހިތްވަރުގަދަ ކުޅުމަކަށްފަހުގައެވެ. ނަމަވެސް، މި ނަތީޖާއާއެކު ވަގުތީ ކޯޗު އަލްވާރޯ އާބެލޯއާއަށް ދާއިމީ ކޯޗެއްގެ މަގާމު ލިބުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ. އާބެލޯއާއަކީ ޖެނުއަރީ މަހު މަގާމުން ވަކިކުރި ޒަބީ އޮލޮންސޯގެ ބަދަލުގައި ހަމަޖެއްސި ކޯޗެވެ.
އެލިއަންޒް އެރީނާގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި އާބެލޯއާގެ ޓީމުން ތިން ފަހަރެއްގެ މަތިން ކުރިހޯދިއެވެ. އަދި 86 ވަނަ މިނެޓުގައި އެޑުއާޑޯ ކަމަވިންގާއަށް ރަތް ކާޑު ދެއްކުމާ ހަމައަށް، މެޑްރިޑުން ބަޔާނާ އެއްވަރަށް ކުޅެމުންދިޔައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ބަޔާނުން ޖެހި ދެ ގޯލާއެކު 4-3 އިން ރެއަލް ބަލިވިއިރު، ދެ މެޗުގެ އެގްރިގޭޓް ނަތީޖާއަކީ 6-4 އެވެ.
މި މެޗަށްފަހު ސްޕެއިންގެ “އޭއެސް” ނޫހުން ސިފަކޮށްފައިވަނީ، މިއީ ޝަރަފުވެރި ވަކިވުމެއް ނަމަވެސް، މީގެ ސަބަބުން ކްލަބަށް ގެންނަންޖެހޭ ބޮޑު ބަދަލުން ސަލާމަތްނުވާނެ ކަމަށެވެ.
މެޑްރިޑަށް އަންނާނެކަމަށް ބެލެވޭ ބަދަލު
މި ބަދަލުތަކުގެ ތެރެއިން އާބެލޯއާއަށް އޭނާގެ ވަޒީފާ ގެއްލުމުގެ ފުރުސަތު ބޮޑެވެ. އޭނާއަކީ ކާލޯ އަންޗެލޮޓީ ނުވަތަ ހޯސޭ މޮރީނިއޯ ފަދަ ތަޖުރިބާކާރު ކޯޗުންގެ ފެންވަރުގެ ބޭފުޅެއްގެ ގޮތުގައި ކުރިންވެސް ބެލެވިފައެއް ނުވެއެވެ.
“އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ކްލަބަށް އެންމެ ފައިދާހުރި ގޮތަށް. އެންމެ ފަހު ދުވަހާ ހަމައަށްވެސް ދެމިހުންނާނީ އެގޮތުގައި،” މެޗަށްފަހު އާބެލޯއާ ބުންޏެވެ. އޭނާ އިތުރަށް ބުނީ މުސްތަގުބަލާ މެދު ކަންބޮޑުނުވާ ކަމަށާއި، ކްލަބުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމްކުރާނެ ކަމަށެވެ.
ރެއަލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ދައުރުގައި ކާމިޔާބީ ނުލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އާބެލޯއާ ގެނައިރު އޭނާގެ އެއްބަސްވުމުގެ މުއްދަތު ހާމަކޮށްފައި ނުވުމަކީ، އޭނާއަށް ދާއިމީކޮށް އެ މަގާމު ދޭން ކްލަބުން ގަސްދުނުކުރާކަމުގެ ނިޝާނެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު 21 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ 13 މެޗުންނެވެ.
އެމްބާޕޭ، ވިނީޝިއަސް އަދި ބެލިންގްހަމްގެ މައްސަލަ ހައްލުކުރާނީ ކިހިނެއް؟
މެޑްރިޑަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކީލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ އަދި ޖޫޑް ބެލިންގްހަމް އެއް ފޯމިއުލާއަކަށް ފައްތައިގެން ޓީމުގެ ބެލެންސް ހިފެހެއްޓުމެވެ. ބަޔާން މެޗުގައި މި ތިން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް، މުޅި ސީޒަނަށް ބަލާއިރު އެ ފެންވަރު ހިފެހެއްޓިފައެއް ނުވެއެވެ. އަދި ޓީމުގެ ބަލިފައިގެ ގޮތުގައި ފާހަގަވީ އެ މެޗުގައިވެސް ހަތަރު ގޯލު ވަދެފައިވުމެވެ.
އާ ކޯޗަކަށް ވުމުގެ ފުރުސަތު އޮތީ ކޮން ބަޔަކަށް؟
ޔާގަން ކްލޮޕް: ލިވަޕޫލް ދޫކޮށްލި ފަހުން ރެއަލް މެޑްރިޑާ އެންމެ ބޮޑަށް ގުޅުވޭ ނަމަކީ މިއީއެވެ. ޖެނުއަރީ މަހުވެސް އޭނާގެ ނަން ދެކެވުނެވެ. ނަމަވެސް ކްލޮޕް ވަނީ މެޑްރިޑާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
ޒައިނުއްދީން ޒިދާން: ރެއަލް މެޑްރިޑަށް ތިން ފަހަރު ޖެހިޖެހިގެން ޗެމްޕިއަންސް ލީގު ހޯދައިދިން ޒިދާނަކީ އަބަދުވެސް ކްލަބުގެ ސަޕޯޓަރުންގެ އެންމެ މަގުބޫލު އެކެކެވެ. ތިންވަނަ ފަހަރަކަށް އޭނާ އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ.
ދިދިއޭ ޑެޝޯމްޕްސް: ފްރާންސް ގައުމީ ޓީމުގައި 14 އަހަރު ހޭދަކޮށްފައިވާ ޑެޝޯމްޕްސްއަކީ ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ކޯޗެކެވެ. ކުރިއަށް އޮތް ވޯލްޑް ކަޕަށްފަހު އޭނާ ކްލަބު ފުޓްބޯޅައަށް އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ.
އުނާއި އެމެރީ އަދި މަސިމިލިއާނޯ އެލެގްރީ: އެސްޓަން ވިލާގައި ރަގަޅު ނަތީޖާތަކެއް ނެރެމުންދާ އެމެރީ އާއި، ޔުވެންޓަސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އެލެގްރީއަކީވެސް ރެއަލް މެޑްރިޑުގެ ލިސްޓުގައި ހިމެނޭނެ ނަންތަކެކެވެ.
ކޮންމެއަކަސް، ރެއަލް މެޑްރިޑުގެ މުސްތަގުބަލަށްޓަކައި ބޮޑު ބަދަލެއް ގެނައުމަކީ މިހާރު މަޖުބޫރު ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ