އަޅުގަނޑުމެންނަށް މިފަހަރު ލިބުނީ ބީ ރިޕޯޓެއް: ޝިޔާމް
ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބުނީ ބީ ރިޕޯޓެއް ކަމަށާއި އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އޭ ރިޕޯޓެއް ކަމަށްވާތީ އިންތިހާބު ނިމުމާއެކު ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ. ހއ. މުރައިދޫގެ ކައުންސިލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ގޮނޑިތައް ޕީއެންސީއަށް ލިބުން ފާހަގަކުރަން ރޭ މާލޭގައި ހަރުގެ ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާގައި ޝިޔާމް ވާހަކަ ދެއްކެވި އެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވީ އެ ޕާޓީއަށް އިންތިހާބުގައި ލިބުނީ 'ބީ ރިޕޯޓެއް' ކަމަށާއި އެއީ ކުރިން ވެރިކަމުގައ ތިބެ އެއްވެސް ޕާޓީއަކަށް ހޯދުނު ވަރުގެ ކާމިޔާބެއް ވެސް ނޫން ކަމަށެވެ."މޮޅުވީތޯ މިއީވެސް ކުރާ ސުވާލެއް. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިފަހަރު ލިބުނީ ބީ ރިޕޯޓެކޭ. ވެރިކަމުގައި ތިބެގެން ބީ ރިޕޯޓެއް ކައުންސިލް އިންތިހާބުގައި ހޯދީ ކޮން ބައެއްތޯ އަޑު އައްސަވާ ބޭފުޅުން ބައްލަވާ،" ޝިޔާމް ވިދާޅުވި އެވެ.މިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި 70 ޕަސެންޓަށް ވުރެ ގިނަ ބަޔަކު ވޯޓުލާން ނިކުމެފައިވާ ކަމަށާއި އެކަމުން ދައްކުވައިދެނީ އެ ނިޒާމަށް އޮތް އިތުބާރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނިމިދިޔަ އިންތިހާބުގެ ޕޮޒިޓިވް ކަންކަން ފާހަގަ ކުރައްވައި، ޝިޔާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އެބަ އޮތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ސްޕަ މެޖޯރިޓީއެއް މަޖިލީހުގައި އޮތް ނަމަވެސް ޕީއެންސީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށާއި އެކަމުން ދައްކުވައިދެނީ އެ ނިޒާމަށް އޮތް އިތުބާރު ކަމަށެވެ. މި ސަރުކާރަކީ ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދާނެ ސަރުކާރެއް ކަމަށާއި ކުރިއަށް ދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ