ސީވީއެފްގެ އެސްޖީކަމުގެ ދައުރު ނިމުމުން، ނަޝީދު އެނބުރި ރާއްޖެއަށް

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު އަދާކުރައްވަމުން ގެންދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރު ހަމަވުމުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ސީވީއެފްގެ އެސްޖީގެ މަގާމާ ހަވާލުވެ ރައީސް ނަޝީދު އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލުކުރެއްވީ 2024ވަނަ އަހަރުއެވެ.
ސީވީއެފްއަކީ 2009ވަނަ އަހަރު، ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރާއްޖެއާ އެހެން 11ގައުމަކުން އުފެއްދި ފޯރަމްއެކެވެ.
ސީވީއެފްއިން ވަނީ ރައީސް ނަޝީދު އެސްޖީގެ މަގާމުގައި ހުންނެވިއިރު ކުރެއްވި ހިދުމަތްތައް ފާހަގަކުރައްވައިފައެވެ. އެގޮތުން ސީވީއެފްއަކީ މިނިވަން ފޯރަމްއެއްގެ ގޮތުގައި ހެދުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ފާހަގަކުރިއެވެ.
ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވި އިރު ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީ ތެރޭގައި އޮތް ހިޔާލު ތަފާތުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި އެމްޑީޕީގެ ލީޑާޝިޕް އެކުގައި މަސައްކަތްކުރެވޭނެ ގޮތެއް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
އަދި އެމްޑީޕީން ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ވެސް އެ މަނިކުފާނަށް ގޮނޑިއެއް ދޭން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ