ސަރުކާރުގެ މިނިސްޓްރީތަކާއި އިދާރާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގޭގައި ތިބިގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އިއްޔެ އިއުލާންކުރައްވައިފި އެވެ.
މިއީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅާ ފިޔަވަޅެކެވެ.
"މި ނިންމުމުގެ މައިގަނޑު މަގުސަދަކީ ތެލުގެ ބޭނުންކުރުން މަދުކޮށް، ހަކަތަ ފޯރުކޮށްދިނުމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުން،" އަންވަރު ވިދާޅުވި އެވެ.
މި ފިޔަވަޅު އަޅާފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކަށް އިޖާބަދިނުމުގެ ގޮތުންނެވެ.
ބޮޑުވަޒީރު ސިފަކުރެއްވި ގޮތުގައި، މިހާރު އޮތް ހާލަތަކީ އާދަޔާ ހިލާފު ހާލަތެކެވެ. އަދި ދުނިޔޭގެ ސަޕްލައި ޗެއިނަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު މެލޭޝިއާއަށް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ތެލުގެ ހަރަދުތައް ހަމަޖެއްސުމަށް މެލޭޝިއާ ސަރުކާރުން މިހާރު ވެސް މަހަކު ގާތްގަނޑަކަށް 4 ބިލިއަން ރިންގިޓް ހޭދަކުރެ އެވެ. ތެލުގެ ހަރަދު ކުޑަކުރުމަށް މެލޭޝިއާ އިން އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، ތެލުގެ ކޯޓާ މަދުކުރުމާއި ޑީސަލަށް ދޭ ސަބްސިޑީ ހަރުދަނާކުރުން ހިމެނެ އެވެ.
މީގެ އިތުރުން، މިކަމާ ބެހޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ.
"ސިޔާސީ މަންފާއަށްޓަކައި ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ،" އަންވަރު ވިދާޅުވި އެވެ.
މިފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުން ދުރާލައި އެޅި ފިޔަވަޅުތަކާއި ޕެޓްރޯނަސް ކުންފުންޏާ އެކު ކުރެވުނު މަސައްކަތުގެ ސަބަބުން، މެލޭޝިއާގެ ހަކަތައިގެ ހާލަތު އަދިވެސް އޮތީ ރަނގަޅު ފަންތިއެއްގައި ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
މެލޭޝިއާއިން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ