ފިނި ހިތް 19

"މިއަދު ދަރިންނަށް ފެންނަ މަންޒަރުތަކަކީ އެކުދިންގެ މިޒާޖާއި، ޝަޚުސިއްޔަތު ބިނާކުރާނެ އެއްޗެކެވެ. މިޒަމާނުގެ މުނި އަވަސްފިލުވުމުގެ ވަސީލަތްތަކުން އެކުދިންގެ ލޮލާއި، ކަންފަތާއި، ހިތްތައް ރައްކާތެރިކޮށްދޭށެވެ. ތިބާ އެ ކުދިންނަށް މަގުފަހިކޮށްދިން ކަންތައްތަކާއިމެދު ސުވާލު ވެވޭނެއެވެ. މައިންބަފައިންގެ ޒިންމާ ރަގަޅަށް އަދާކުރާށެވެ." *** ޔަލްވީގެ ސިކުނޑީގެ ތެރެއިން އެއްޗެއް ގޮވިއެވެ. އިތުރަށް އަޑު ނީވުނީ ދެމީހުން އެތެރެއަށްވަދެ ދޮރު ލައްޕައިލުމުންނެވެ. ޔަލްވީގެ ސިކުނޑިއަށް ލިބުނު ޝޮކްގައި އިރުކޮޅަކު ފިލިއިރު އަނގަމަތީގައި އަތް އެޅުނީ ރޮވެންފެށުމުން އަޑު ވީއްލިދާނެތީއެވެ. ލޮލުން އޮހިގަތް ހޫނު ކަރުނަ އަތްތިލައަށް އެޅެންފެށުނެވެ. އެތައް އިރެއްވާންދެން ހިމޭން ކަރުނަ އޮއްސަން ހުރުމަށްފަހު މޫނު ފޮހެލާފައި ގެއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަންއިރު އަޔާޝް ހުރީ ފޯނެއްގައެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޔަލްވީގެ ކަރުނުން ފުރިފައިވާ ލޮލާއި އޭނަގެ ސީރިޔަސް ލޯ ގުޅުމުން އަޔާޝްއަށް ވަގުތުން ވިސްނުނެވެ.ޔަލްވީއަށް އޭނައާއި ބެހޭގޮތުން ސިއްރެއް އެނގިއްޖެއެވެ. ނޫންނަމަ މިހާ ޖަޒުބާތީވެގެން ރުއިމަކީ ޔަލްވީގެ ސިފައެއްނޫނެވެ. ޔަލްވީ އޭނަގެ މޭގައި އިނގިލި ޖައްސައިލިއެވެ. "ޔޫ ޑޯންޓް ލަވް މީ...އެހެންމީހަކު ދެކެ ލޯބިވަނީ....." އަޔާޝް ޖަވާބެއް ނުދިނެވެ. އޭނަ ދޮގުހަދަންވީ ކީއްވެހެއްޔެވެ؟ "ހަޔާ.......ހަޔާއާއި ކައިވެނިކުރަން އުޅެފައި އެ ހަފްލާއަށް ނުދިޔައީ ކީއްވެކަމެއް ނޭގޭ..އެކަމަކު ކޮންމެ ރީޒަނެއް..ކޮންމެ އަމަލެއްގެ ފަހަތުގައި ވާހަކައެއް ފޮރުވިފައި އޮވޭ.. ހަޔާ މިގެއަށް ގެނައީ ކީއްކުރަން؟ ސިއްރުން އެފެއާއެއްކަން ޔަގީން. ކޮންމެވެސް ސަބަބަކާއިހުރެ ކައިވެނި ހުއްޓުނީމަވެސް ގުޅުން ކުރިއަށް....އެހެންވެ ދޯ ރޭގަނޑު ގެއަށް ނާންނަނީ...ދާތަނެއް މިއެނގުނީ..............ހަޔާވެސް މާ އަޅުވެރި މީހެއްކަމަށް ހެދިގެން ހުރެ މީހެއްގެ ފިރިއަކާއެކު......" "އިނަފް......" އެއާއެކު ޔަލްވީގެ މޫނަށް އެރި ހޫނު އެތިފަހަރުން އޭނަ ފަހަތަށް ވިއްސައިގެންގޮސް އެނދުގައި އިށީދެވުނެވެ. "ދެވަނަފަހަރަށް އަބުރުވެރި އަންހެންކުއްޖަކާއި ބެހޭގޮތުން އެންމެ ލަފުޒެއްވެސް ބުނެގެން ނުވާނެ........." އަޔާޝްގެ މޫނަށް ވެރިވި ރުޅީގެ ރަތްކުލައާއި އެ ތަފާލަކީ ހަޔާއަށް އަދިވެސް އެހިތުގައިވާ ލޯތްބާއި އަޅާލުން ރަމްޒުކޮށްދޭ ކަމެކެވެ. ޔަލްވީއަށް އެކަން ޔަގީންވިއެވެ. އަޔާޝް އިތުރު އެއްޗެއް ނުބުނެ ކޮޓަރިން ނުކުތުމުން ޔަލްވީ މޫނުގައި އަތް އަޅައިގެން ބާރުބާރަށް ރޯންފެށިއެވެ. ކޮޓަރިން ބޭރަށް އަޑު ފޭދުނަސް ހެޔޮކަމަށެވެ. ކަންތައް ހިނގީވެސް އެގޮތަށެވެ. އާސީންއާއި ތަގުވާވެސް ވެގެން އުޅޭގޮތެއް ނޭގިގެން އެތަނަށް ދުވެފައި އައުމުން އޭނަ ހަގީގަތް ކިޔައިދިނީ ރޮއިރޮއިފައެވެ. ހަޔާއަކީ އަޔާޝްގެ ލޯބިވެރިޔާއެވެ. އެދެމީހުންގެ ލޯބީގެ ނިވާފަތްގަނޑެއްގެ ގޮތުގައި އޭނަ ގެންގުޅެނީއެވެ. އެދެމީހުން ކައިވެނި ނުކުރި ސަބަބެއް ނޭގުނަސް އަޔާޝްއާއި ހަޔާގެ ގުޅުން އެބައޮތެވެ. އެގެއަށް ހަޔާ ގެނައީ ހަމަ އަޔާޝްއެވެ. ތަގުވާ ހުރީ ހިމޭނުންނެވެ. ހަގީގަތް ކިޔާދޭން ބޭނުންވެފައި އެކަމަށް ނުކުޅެދިފައެވެ. އަދި ޔަލްވީ އެބުނާފަދަ "ނުރައްކާތެރި" ގުޅުމެއް އެދެމީހުންގެ އޮތްކަން ގަބޫލުނުކުރެވިފައެވެ. ކުށްހީއަކީ ފާފައެކެވެ. ސާބިތު ނުހިފޭ ވާހަކަތައް ގަބޫލުކުރުމާއި ފިތުނަ އުފެއްދުމަކީ ދީންގައި މަނާކުރައްވާފައިވާކަމެކެވެ. ޚާއްސަކޮށް އަބުރުވެރިކުއްޖެއްގެ ބޮލުގައި ސާބިތު ހެއްކެއްނެތި އެވަރުގެ ތުހުމަަތެއް އެޅިގެންނުވާނެއެވެ. *** މިނާހް ކެބިންގައި ފައިލެއް ބަލަން އިންތަންފެނުމާއެކު ހަޔާގެ ލޮލުގެ ވިދުންއިތުރުވިއެވެ. ނަމަވެސް ހިތުގެ ކަނަކުން އިންޒާރެއް އައުމާއެކު ފިޔަވަޅުތައް އަވަސްކޮށްލިއެވެ. "ހަޔާ.."މިނާހްގެ ނަޒަރުން އޭނަ ސަލާމަތެއްނުވިއެވެ. އޭނަ ފިޔަވަޅުތައް ފަހަތަށް އަޅަމުންގޮސް ކެބިންގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. "ހަޔާ....އަހަރެން މޮޔަވެދާނެ..."މިނާހްގެ ނަޒަރު އޭނައާއި ބައްދަލުވިއެވެ. ހަޔާ ސިހޭގޮތްވުމާއެކު މޫނަށް ހޫނުވާގޮތްވިއެވެ. މާސްކު އަޅައިގެން ހުރެވުނުކަމީ ނަސީބެކެވެ. "މިބުނީ.....މްމމް...މި ފައިލްތައް."އޭނަ ފައިލަށް އިޝާރާތްކުރިއެވެ."މި ބަލާލަބަލަ..ދެ ދުވަސްކުރިން ވެކްސިން ދީފައިވާ މީހުން ކުއްލިއަކަށް ހަމަ ޚަބަރުހުސްވެގެން ގެނެސް ނިޔާވެފައި މިވަނީ..އެކަމަކު މަރުވި ސަބަބަކަށް މިއޮތީ ވައިރަސްގެ ސަބަބުން ބަލި ބޮޑުވެ ހާލަތު ދަށްވީކަމަށޭ...އެކަމަކު ލެބް ރިޕޯޓްތަކުން އެބަ ދައްކާ ކުއްލި ރިއެކްޝަންތަކުން ގުނަވަންތައް ފެއިލްވެ ސިވިއާ އިންފްލެމޭޓަރީ ރެސްޕޯންސެއް އަންނަކަން..އަދި މި އޮތީނު...."މިނާހް ރަތް ދެލިން ލިޔެފައިވާ ޖުމްލައެއްގައި އިނގިލި ޖައްސައިލިއެވެ." މިވަރުގެ ގެއްލުމަކީ ހަމަމިފަދަ ހާލަތަކާއި ބަލާއިރު ހަމަ ހިތްހަމަޖެހޭވަރުގެ ކަމެއް." "ކޮންމެވެސް މީހަކު ހިސާބުތައް ވަރަށް އެބަ ޗެކްކުރޭ..ނޭގެނީ މި ކުޅިގަނޑުގެ އަޑީގައި ކިތައް މީހުންގެ ހިއްސާ ވާކަން.."މިނާހް ފައިލް ލައްޕައިލިއެވެ."އެމީހުން މިސްޓޭކެއް ނަހަދާނެ..ވަރަށް ރޭވުން ވަރަށް މޮޅުވާނެ.....މާ ގިނަ ސުވާލުކޮށް ކަންތައް ހޯދަން މީހަކު އުޅެންޏާ..." އޭނަގެ އަޑު މަޑުވިއެވެ. އެވަގުތު ނޭފަތުގައި ސެންޓުގެ ވަސް ޖެހިގެން އޭނައަށް އެނބުރި ބަލައިލެވުނެވެ. ފިޔަވަޅުގެ އަޑުވެސް ނީއްވާ އަންނަން ލީވަންއަކީ ޖިންނިއެއްހެއްޔެވެ؟ "މާން....ޖޯޑު ލައުންޖްގައި ބަހައްޓާފައި އައީ...ހަނދާންނެތުނީ؟" ލީވަން މޭޒުމަތީގައި މަގު ބެހެއްޓިއެވެ. "ޑޮކްޓަރ މިނާހްގެ ފޭމަސް ފްރެންޑްދޯ...އެންމެންވެސް ބުނޭ ވަރަށް ބަރޯސާވެވޭފަދަ އެކުވެރިއެކޭޭ...." "އަހަރެން ނުދެނެހުރިން ސެލެބްރިޓީއަކަށް ވީކަމެއް..ބަރޯސާ؟ ފަހަރެއްގައި ތީގެ މާނަ ގެނައިގޮތަކުން އެކަން އެނގޭނީ...." ހަޔާ ބުމަ އަރުވައިލިއެވެ. ލީވަން ފަހަރަކު މޫނަކަށާް ބަލައިލިއެވެ." އަހަރެން އަޑުއެހިން ޑޮކްޓަރ ހަޔާ ވެކްސިން ރިފިއުޒްކުރި ވާހަކަ....ވަރަށް ބްރޭވް އިނގޭ އެކަމަކު ބައެއް މީހުން ބުނެފާނެ މޮޔަކަމެކޭ..." "ބްރޭވް ވުން ނޫނީ ފަރުވާތެރިވުން. އެމީހެއްގެ ނަޒަރިއްޔާތު މުހިއްމީ..." "ޝީޒް ކެއަފުލް..ދެޓްސް އޯލް..."މިނާހް އަވަހަށް ބުނެލިއެވެ. ލީވަންގެ ނަޒަރު ހަޔާގެ މޫނަށް ހުއްޓި ދިގުދެމޭގޮތްވިއެވެ." ފަރުވާތެރިވުން ހަމަ ރަގަޅު...އާއްމުކޮށް ސަވައިވްވަނީވެސް ފަރުވާތެރިވެ ބަލައިގެން އުޅޭ މީހުން ނޫންތަ؟ އަހަރެމެން ވަރަށް ސަވައިވާސް އިންދެކެ ލައިކްވޭ ދޯ މާން..." ލީވަން ދަމުން ބުނި ޖުމްލައިން މިނާހްގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. ހަޔާ ދިޔަފަހުން އެކަނި ކެބިންގައި އިންދާ ވައި އަޑަކުން މީހަކު ބުނެލިހެން ހީވިއެވެ." އިތުބާރުކުރާ މީހުންނާއިމެދު ފަރުވާތެރިވޭ...." ހީވީ ފާރުގެ ތެރެއިން އައި އަޑެއްހެންނެވެ. ހިޔަންޏެއްފަދައިންނެވެ. އޭނަ ގަނޑުވިއެވެ. "ކާކު؟" އޭނައަށް ވަށައިގެން ހޯދާލެވުނެވެ. ހަމައެކަނި ކަންފަތުގައި ގުގުމައިލީ އޭނަގެ ހިތުގެ ވިންދުގެ އަޑެވެ. އޭނަ އެތަނުން ނުކުމެގެން ހިނގައިގަތްއިރުވެސް ކަންފަތުގައި ގުގުމަނީ އެ އަޑެވެ. މާބޮޑަށް "ސްޓްރެސް"ވަނީއެވެ. ކަންފަތަށް އެފަދަ އަޑުތައް އިވެންވީ އެހެން ސަބަބެއްނެތެވެ. އެވަގުތު ލީވަންގެ މޫނު ސިކުނޑީގެ ލޯގަނޑަށް އެރިއެވެ. އޭނަގެ އެހުންނަ މީހުން ހިތް އަތުލައިގަންނަ ގޮތެވެ. ހުރިހާ ތަނަކުން ފެންނަ މޫނެކެވެ. އެހެން މީހުންނަށް އެނގެން ނުޖެހޭ ކަންތައްވެސް އޭނަ ދެނެގަނެއެވެ. މިނާހް ލީވަންގެ ހަރަކާތްތަކަށް ބެލިއެވެ. އޭނަ ހުރީ ބަލާބެލުމަށް ވަރަށް ހަމަޖެހިފައެވެ. އުފާވެރި ހިނިތުންވުމެކެވެ. ތަނުގެ މުވައްޒަފުންނާއި ވާހަކަ ދައްކާފައި އުޅުނަސް ދޭތެރެއަކުން ވަށައިގެން ހޯދައިލާގޮތާއި ސިއްރުން ފޯނުގައި ހުންނަތަން ފެނުނެވެ. ސަބަބަކާއި ނުލާ އޭނަގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ލީވަންގެ ހަރަކާތްތަކުގައި ހުރީ ފަރުވާތެރިކަމެެ. އާއްމުކޮށް މީހުންގެ ކުރިމަތީގައި އެހުންނަ ހަމަޖެހޭގޮތާއި ޚިލާފެވެ. އޭނައަށް ގަބޫލުކުރުން ދަތިވެފައި ބޯ ހޫރައިލެވުނެވެ. *** ޔަލްވީ ހޭލެވުނީ ބޯކޮށް ވާރޭ ވެހޭ އަޑަށެވެ. ހުވަފެނަކުން ހޭލެވުނުއިރު ހިނގި ކަންތައްތައް ހަނދާނެއްނެތަސް ކޮންމެވެސް ހިތާމަވެރި ކަމެއް ފެނުނުކަން ޔަގީނެވެ. ހިތް އަވަސްވެ ރޮވޭނީ އެހެންވީމަ ނޫންހެއްޔެވެ؟ މަޑުމަޑުންގޮސް ސިކުނޑި ރަގަޅަށް ހޭލެވުމާއެކު އަޔާޝްއާއި ހަޔާގެ މާޒީ އޭނަގެ ސިކުނޑިއަށް ތީރެއްހެން ހެރުނެވެ. ޒަޚަމްވެގެން ލޭ އޮހިގަތްފަދައެވެ. ބޮލުގައި ދެއަތުން ހިފަހައްޓާފައި ފާރުގައި ތަޅައިގަންނަން ހިތްއެދުނެވެ.އޭނަ އެނދުން ތެދުވެގެން ކާލި އަޅަމުން ހިނގައިގަތީ އަޔާޝް ހުރިތަނެއް ބެލުމަށެވެ. މިރޯދަމަހުވެސް ހަޔާގެ ކޮޓަރިއަށް ދިޔައީ ނޫންބާވައެވެ. މީހަކު ކާކޮޓަރިއާއި ދިމާލަށް ދިޔަހެން ހީވެގެން އެދިމާލަށް މިސްރާބ ބަދަލުކުރިއެވެ. "ޔަލްވީ....އާ ޔޫ އޯކޭ؟" ކަންފަތުގައި ޖެހުނީ އަޔާޝްގެ އަޑެއް ނޫނެވެ.މިނާހްއެވެ. އޭނަވެސް ހުރީ ކޮފީީ އަޅާށެވެ. ޔަލްވީގެ ލޯ ކަރުނުން ފުރިފައިވާއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ނިދި މޫނަކާއި ނިދާ ހެދުމުގައި ހުރުމުން މިނާހް އަވަހަށް ދާން އުޅުނެވެ. "މާންއަށް އެނގޭތަ؟ މީހަކު މަރުވާނެ ފަސޭހަގޮތެއް؟ ބޭހެއް؟ ތިއީ ޑޮކްޓަރެއްނު..." ދޮރާއި އަރާ ހަމަވެފައި އޭނަގެ ފިޔަވަޅު މަޑުޖެހިލިއެވެ. "ވަޓް؟ ކީކޭ ތިކިޔަނީ؟"އޭނަ އެނބުރުނެވެ. ޔަލްވީ މޮޔަވީހެއްޔެވެ؟ "މަރުވާކަހަލަ ޚިޔާލު އަންނާނީ މީހާގެ ބޯ ގޮވީމައެއްނު...ޔަލް ހަމަ ބޯ ސަކަރާތް..........."ޔަލްވީ މަގަކަށް ކޮފީ އަޅައިގެން އައިސް ގޮނޑީގައި އިށީދެ މޭޒުގައި ބޯ އަޅައިލިއެވެ."ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫން...އައިމް ލައިކް..........ޕްލީޒް ހެލްޕް މީ....ހެލްޕް........................އައި ވޯނަ ކިލް...މީ..ހިމް ..ހާރ..." "ކާކުތަ؟ކިހިނެއްވީ ޔަލް.....ކިޔާދީބަލަ...." މިނާހްވެސް ގޮނޑި ދަމާލައިގެން އިށީނެވެ. ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ. އޮރެންޖް ބައްތީގެ އަލި ދެމީހުންގެ މޫނަށް އެޅި ވިދައެވެ. ކުޑަދޮރުން ފެންނަނީ ބޯ ވަޔާއެކު ހަރަކާތްކުރާ ގަސްތަކެވެ. "އަހަރެން ކުރިން ނުދެނެހުރިން ބައްޕަމެން މިހެން އެރެންޖް މެރިޖަކަށް އެއްބަސްކުރުވާފައި އަހަރެމެން ދެމީހުން ޑޭޓަށް ދިޔައިރު އަޔާ ލޯބިވަނީ އެހެން މީހަކު ދެކެކަން...އެއްވެސް ވަރަކަށް މާޒީގެ ވާހަކައެއް ނުދައްކާ......އެހެން މީހުންނަށް ފޮރުވަން ލޮލުގައި އަނދުން އަޅުވަން ކުރިކަމެއްކަމަށް...މެރިޖަށް ފަހަށްވެސް އެއީ ހަމައެކަނި ނަމެއްގައި ހަޒްބެންޑެއް....އެކަމަކު އައި ވޯޒް ޑެސްޕެރޭޓް ފޯ ލަވް..ދުވަހަކު އެފަދަ ލޯތްބެއް ނުލިބޭ.ހީކުރީ އަޔާ ހަޒްބެންޑްވީމަ ލޯބިވާނެކަމަށް، ކެއާ ކުރާނެކަމަށް. އެކަމަކު އެހެނެއްނުވި..ހީޒް ލައިކް އެ ސްޓްރޭންޖާ..ޔަލް އެވަރުން އުޅޭއިރުވެސް ވަރަށް ދުރު...ފަހުން އެނގުނީ އަޔާ ކުރިން މެރީކުރަން އުޅުނުކަމާއި މިގެއަށް ހަޔާ ގެނައީކާކުކަން....އަޔާޝްގެ ސިއްރު ލޯބިވެރިޔާއަކީ ހަޔާ...ޔަލް ކައިރީ އަޔާޝް އަމިއްލައަށް އެއްބަސްވީ...ހިތަށް އެރިއޭ ކޮންމެ ރެއަކު ރޭގަނޑު ގެއަށް ނައިސް މިދަނީ ކޮންތާކަށް ހޭ......." މިނާހް ސިހުނުވަރުން ބާރުލެވުނީ އަތުގައިވާ ކޮފީތަށްޓަށެވެ. އޭނަގެ ސިކުނޑިވެސް ފަޅައިގެންދާވަރުވިއެވެ. ނޫނެކެވެ. މިއީ ހަގީގަތެއްނޫނެވެ. ހުވަފެނެކެވެ.ނޫނީ ޔަލްވީ ދޮގުހަދަނީއެވެ. ހަޔާއަކީ އެކަހަލަ ކުއްޖެއްނޫނެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ އަޔާޝް ދެއްކި ވާހަކަތަކެވެ. އޭނަ މޮޔައީއެވެ. ހަޔާއާއި ދުރަށް ދާން ޖެހުނީމަ ހިތަށް އަނިޔާދޭން ހައްތާ އެކުވެރިވެވުނީއެވެ. އޭނައަށް ދޮންބެގެ ލޯބިވެރިޔާ ނޫން އަންހެންކުއްޖަކު ނުފެނުނީހެއްޔެވެ؟ އަޅުވެރިކަމަކީވެސް ދެއްކުންތެރިކަމަކީހެއްޔެވެ؟ "މާން..ހަޔާވެސް އެހާ ސިއްރުވެރި..އެއްވެސް ވަރަކަށް ޕާސްޓް ކިޔައެއްނުދޭ....ދެމީހުންގެ ގުޅުމުގެ ވާހަކަ ފޮރުވައިގެން ހުރީ..މިގެއަށް އައިސްވެސް އެހެނެއް ނުކިޔާ....ތަގުވާވެސް މަކަރުވެރި...އޭނައަށް ކޮންމެވެސް ގޮތަކުން ހަޔާ އެނގޭ....ސަހަރާ ކައިރީ ހުންނަ ގެއަށް ދަމޭ ބުންޏެއްނު...އެދިޔައީ ހަޔާގެ ގާތަށް...އޭނައާއި ހަޔާގެ އޮތް ގުޅުމެއްވެސް ނޭގޭ...ދެމީހުންވެސް ހީވަނީ ކުރިއްސުރެ ދަންނަހެން......."ޔަލްވީގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ