ފްރިޖްގައި ރައްކާކުރަން ނުވާ ބައެއް ކާނާ

ގިނަ މީހުން ދެކޭ ގޮތުގައި ކާނާ ގިނަ ދުވަހު ކުނިނުވާ ގޮތަށް ރައްކާ ކުރުމަށް އޮތް އެންމެ މޮޅު ހައްލަކީ ފްރިޖުގައި ކާނާ ރައްކާ ކުރުމެވެ. ގިނަ ބާވަތްތަކުގެ ކާނާ ނުބައި ނުވެ ބަހައްޓައި ދިނުމަށް އެންމެ އެކަށީގެންވާ ގޮތަކީ ފްރިޖްގައި ރައްކާ ކުރުން ކަމަށް ވިނަމަވެސް ބައެއް ބާވަތްތަކުގެ ކާނާ އެއީ ފްރިޖްގައި ބެހެއްޓުން އެދެވިގެންވާ ކާނާ އެއް ނޫނެވެ. ހުރިހާ ބާވަތެއްގެ ކާނާ ގިނަ ދުވަހު ތާޒާކަން މަތީ ބެހެއްޓުމަށް ބޭނުންވަނީ 'ފިނި' މާހައުލެއް ނޫނެވެ. ދިވެހިންގެ ތެރެއިންވެސް ގިނަ އަދަދެއްގެ މީހުންނަކީ ގެންގުޅޭ ހުރިހާ ކާނާގެ ޒާތެއްގެ ކާނާ ފްރިޖްގައި ރައްކާ ކުރާ މީހުންނެވެ. މި ގޮތުން ފްރިޖްގައި ރައްކާ ކުރަން ނުވާ ކާނާ ބަޔާންކޮށްލަމެވެ.
ފިޔާ : ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ފިޔާގެ ބައެއް ބޭނުންކޮށްފައި ބާކީ އޮތް ބައި ފްރިޖްގައި ބަހައްޓާ މީހުންނެވެ. ފްރިޖްގައި ފިޔާ ބެހެއްޓުމުން އޭގައިވާ ތެތްކަމުގެ ސަބަބުން ފިޔާ ޗަސްވާ ގޮތް ދިމާވާނެއެވެ. ފިޔާ ރައްކާ ކުރުން އެންމެ އެކަށީގެންވަނީ ތެތް ނޫން، ރަނގަޅަށް ވައި ދައުރުވާ އަދި ކޮންމެވެސް ވަރަކަށް އަނދިރި ތަނެއްގައެވެ.
އަލުވި : އަލުވި ފްރިޖްގައި ރައްކާ ކުރުމުގެ ސަބަބުން އޭގައިވާ ސްޓާރޗްގެ މާއްދާތައް ހަކުރަށް ބަދަލުވާ ގޮތްވެއެވެ. މީގެ ސަބަބުން އަލުވިން ފޮނި ރަހައެއް ދިނުމުގެ އިތުރުން ކެއްކުމުން އޭގެ ކުލަ ގެއްލޭ ގޮތް ވެއެވެ. އަލުވި ރައްކާ ކުރަން ޖެހޭނީ ގަދައަށް އަވި ނުދޭ ތަނެއްގައި، ކަރުދާސް ކޮތަޅަކަށް ނުވަތަ ދައުގަނޑަކަށް ލުމަށް ފަހުގައެވެ. މީގެ އިތުރުން ރައްކާ ކުރެވޭ ތަނަކީ ތެތް ނޫން ތަނަކަށް ހެދުން މުހިންމެވެ. އަދި ރައްކާ ކުރުމުގެ ކުރިން އަލުވި ދޮވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ޓޮމާޓޯ : ކޮންމެ ގެއަކުވެސް ޓޮމާޓޯތައް (ވިލާތު ބަށި) އަބަދުވެސް ބަހައްޓާނީ ފްރިޖްގައެވެ. ގިނަ ފިހާރަތަކުގައިވެސް ކަންތައް ކުރަނީ މިގޮތަށެވެ. މީގެ ސަބަބުން ޓޮމާޓޯ ކުނިވުން ލަސްކޮށްދީފާނެއެވެ. ނަމަވެސް ފްރިޖްގައި ރައްކާ ކުރުމުގެ ސަބަބުން ޓޮމާޓޯގެ ރަހަ ގެއްލި، ފެން ރަހަ ދިނުމަށް މެދުވެރިކުރުވައެވެ. ޓޮމާޓޯ ރައްކާ ކުރުމަށް އެންމެ މޮޅު ގޮތަކީ، ކައްކާ ތަނެއްގައި ބޯތަށްޓެއްގައި އެޅުމަށްފަހު ބެހެއްޓުމެވެ. މީގެ ސަބަބުން ޓޮމޯޓޯ ދޮންވެ އޭގެއިން ދޭން ޖެހޭ ރަހަ ފުރިހަމައަށް ދޭ ގޮތްވެއެވެ
ޕާން : މިއީ ރައްކާ ކުރުމުގައި ވަރަށް ގިނަ މީހުން ފްރިޖްގެ ބޭނުން ހިފާ ބާވަތެއްގެ ކާނާއެކެވެ. ކަން މިހެން އޮތް ނަމަވެސް ފްރިޖަކީ ޕާން ރައްކާ ކުރުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫނެވެ. އެއީ އޭގެ ސަބަބުން ޕާން ހަރުވެ މުރަނު ވާ ގޮތް ދިމާވާތީއެވެ.
މީގެ އިތުރުން މާމުއި، ދޮންކެޔޮ، ލޮނުމެދު ފަދަ ތަކެއްޗަކީ ވެސް ފްރިޖްގައި ރައްކާކުރުން އެންމެ ރަނގަޅު ކާނާގެ ބާވަތްތަކެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ