އުދައްޔު މަރާލި މައްސަލައިގެ ސިއްރު ހެކިވެރިންނަށް ބިރާއި އިންޒާރު ކުރިމަތިވޭ: ގާޒީ

ގއ. މާމެންދޫގައި މިދިޔަ އަހަރު ހިންގި ގްރޫޕް މާރާމާރީއެއްގައި އަހުމަދު އުދައްޔު މަރުވެ އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ހަމަލާދިން މައްސަލައިގަައި ހިމެނޭ ސިއްރު ހެކިންނަށް އިންޒާރުތައް ލިބެމުންދާ ކަމުގެ މައުލޫމާތު ޝަރީއަތަށް ލިބިފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހެކިންނަށް އިންޒާރު ދޭ މައްސަލަ ގާޒީ ފާހަގަކުރެއްވީ، ތާވަލުގައިވާ ގޮތުން ނަމަ ސިއްރު ހެކިބަސް ނަގައި މިއަދު ނިންމަން ޖެހޭ ކަމަށް ދައުވާ ރައްދުވާ ޝަރަފް ރަޝީދުގެ ވަކީލު ނިޝާން އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.
ވަކީލު އެދުނީ ސިއްރު ހެކިން ހުށަހަޅަން ދައުލަތަށް ލިބިފައިވާ ފުރުސަތު ނިމިއްޖެ ކަމަށް ކަނޑަޅައިދިނުމަށެވެ.
ބުނީ ކީކޭ؟ - ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި، ސިއްރު ހެކިން ހާޒިރުކުރުމަކީ ދަތިކަމަކަށް ވާއިރު، އެ ހެކިންނަށް ބިރު ދައްކައި އިންޒާރު ދޭ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ސިއްރު ހެކިންނަށް އިންޒާރުދޭ މައްސަލަ ޝަރީއަތުގެ ސަމާލުކަމަށް ގެންނެވީ ހެކި ބަސް ނަގަން އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ފަރަހަނާޒް މުހައްމަދު ދީދީ އެވެ. މިކަން ކަމަށް ރިއާޔަތްކުރައްވައި ގާޒީ ވަނީ ސިއްރު ހެކިންގެ ތެރެއިން ދައުލަތުން ބޭނުންވާ ހެކިން ހާޒިރުކުރަން ފުރުސަތު އޮންނާނެ ކަމަށް ކަނޑައަޅުއްވާފަ އެވެ.
ތަފްސީލް - މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވެސް ކުރިއަށް ދިޔައީ ސިއްރު ހެކިންގެ ހެކިބަސް ނެގުމެވެ. މިއަދު ހެކިބަސް ދިން މީހުން ކިޔައިދިނީ އުދައްޔު، 17، މަރުވި ހާދިސާއަށް ފަހު ހިނގައިދިޔަ ކަންކަމާއި އޭނާގެ ފަރުވާގެ ކަންކަމާ ގުޅޭ ވާހަކަތަކެވެ.
ސިއްރު ހެކިވެރިޔާ 5:
އޭނާ އެ ތަނަށް ދިޔައިރު، އުދައްޔު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބުނު
ޒުވާބު ހިނގަމުން ދިޔަ ވަގުތު ޝަރަފުގެ އަތުން ފޫޓެއްހާ ދިގު ވަޅިއެއް ފެނުނު
ކުޑަކުއްޖާ އަތުން ދަގަނޑު ބުރިއެއް ކަހަލަ އެއްޗެއް ފެނުނު
އެއްވެސް މީހަކު ހަމަލާދިން ތަނެއް ނުފެނޭ
ސިއްރު ހެކިވެރިޔާ 17:
މާޒިން އާއި ކުޑަކުއްޖާ ޒުވާބު ކުރަމުން ދިޔަ މަންޒަރު ފެނުނު
އުދައްޔުގެ ބޭބެ، މުހައްމަދު އިރާގު މަރުގެ އިންޒާރު ދިން އަޑު އިވުނު
މި ޒުވާބު ހިނގީ އެ ދެ މީހުންގެ މަންމަ އާއި މާމަގެ ހާޒިރުގައި
"އޮންނާނީ ހޭއަރުވާލާފައޭ" އަދި "މި ތިބީ ކިންގުންނޭ" މާޒިން އާއި ޝަމީމް ބުނި އަޑު އިވުނު
އެއްވެސް މީހަކު މާރާމާރީ ހިންގަނިކޮށް ނުފެނޭ
ސިއްރު ހެކިވެރިޔާ 20:
ހޮސްޕިޓަލަށް ދިޔައިރު ޑޮކްޓަރު ހުރީ އުދައްޔުއަށް ފަރުވާދޭން 
ބެންޑޭޖު ކުރުމަށް ފަހު، ސީޕީއާރު ފަރުވާ ދިން
އުދައްޔު ގައިން ނެއްޓި ވަޅި އޮތީ ބިންމަތީގައި؛ ތިލަ ބިންދައިގެން ގޮސް އޮތީ ވަޅީގެ މުއްގަނޑު އެކަނި
ވަޅި ބިންމަތިން ނަގައިގެން ކޮތަޅަކަށް ލައިގެން ގެންދިޔައީ ފުލުހުން
ފިރުޝާން ގެނައީ އުދައްޔުއަށް ފަރުވާދެމުން ދަނިކޮށް
މާމެންދޫ ސިއްހީ މަރުކަޒުން ދެވެން އޮތް ފަރުވާއެއް ދިނުމަށް ފަހު ފޮނުވާލީ ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް
ސިއްރު ހެކިވެރިޔާ 25:
އުދައްޔުއަށް ހަމަލާދީފައި އޮއްވާ ފެނުނީ ފަޅުގެއެއްގެ ކުރިމަތިން
އޭރު ވެސް ގައިގައި އެއްވެސް ވަރެއް ނެތް
އެ ތަނުން ނަގައިގެން ގެންގޮސްލީ ހޮސްޕިޓަލަށް
މައްސަލައިގެ ހުލާސާ - މިދިޔަ އަހަރު ފެބްރުއަރީ 8 ވަނަ ދުވަހު އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ތިން މީހެއްގެ މައްޗަށެވެ. އެއީ:
އަހްމަދު ޝަމީމް، ރިހިފަރުދާގެ/މާމެންދޫ 
ޝަރަފް ރަޝީދު، ބިލަތްމާގެ/މާމެންދޫ
މުހައްމަދު މާޒިން، ގުލްފާމުގެ/މާމެންދޫ
އުދައްޔު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ކުރި ދައުވާތައް ސާބިތުވާ ކަމަށް މިދިޔަ ސެޕްޓެމްބަރު 14ގައި ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. 
އިތުރަށް ކިޔާލަން -
ތޫނު އެއްޗަކުން ހަމަލާދިން ތަން ފެނުނު ހެކިވެރިޔަކު ނެތް
ހަމަލާއަށް ފަހު ކެރިގެން ދެން ގޮވާލީ 'އަހަރެމެންނަކީ ކިންގޭ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ