އަމިއްލަ ގަޔަށް ވަޅިޖެހީ ޑިމޮކްރެޓްސްއެއް ނޫން ބުރުމާ ގާސިމް

ބޮޑު ގޮހޮޑާ ހެދިގެން ކޮންމެ ސަރުކާރަކަށް ފާވެގެން ދައުލަތް ދަވާލުމުގައި ހިތެއް ނުފުރެއެވެ. ކޮންމެ ވެރިއަކުވެސް ވެރިކަމަށް އެރުމާއެކު ޅޮސް އުދޯއްޔަށް ލައިގެން ހިންޏަށް ހަކުރު އޮޅުވާލައެވެ. ގައުމާ ރައްޔިތުންނަށް މާ ހެވެއް އެދިގެން އުޅޭ އެހެން މީހަކު ނެތް ކަމަށް ދެއްކިގެން ހުރިހާ ސަރުކާރެއް ފުޅިއްސާލައެވެ. ވެރިމީހާގެ އުގަށް ވެއްޓި ގަނެގެން ނެގުނުހާ ނާޖާއިޒު މަންފާއެއް ދައުލަތުގެ ތެރެއިން ދަމައިގަނެއެވެ. އެންމެ ފަހުން ގޮހޮރުގަނޑު ދަމައިގަނެ ދުވަސް ދުއްވާލާފާ ވެރިކަން ވައްޓާލަން ނިކުމެއެވެ. ދިވެހިން ދަންނަ ބުރުމާ ގާސިމުގެ ހަގީގި ސިފައަކީ މިއެވެ.
ރައީސް މައުމޫނުގެ މުއްޕަތުން ނެތްމޮޅު ހޯދައިގެން މަހުޖަނަކަށްވެ ހިފީ މައުމޫނު ކަރުގައެވެ. ކަޅުއޮށު ބަނޑު ދަށުގައި ހުރެ ބޮޑުވާ ކޮރައްޔެކޭ ބުރުމާ ގާސިމެކޭ ތަފާތެއް ނެތެވެ. މައުމޫނުގެ ބާރުން ބާރާއި މުއްސަދިކަން ހޯދައިގެން މައުމޫނުގެ ދުވަސް ދުއްވާލީއެވެ. މައުމޫނުގެ 30 އަހަރުގެ ވެރިކަން ވައްޓާލަން ހިންގި ހުރިހާ ހަރަކާތެއް ހިންގުމުގެ ފަހަތުގައި ހުރީ ގާސިމު ނޫން ދެވަނަ މީހެއް ނޫނެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރު ގެންނަން ކުރިހާ ކަންކަމާ އެސަރުކާރު މަގުމަތިން ވައްޓާލީ ގޮތް ދިގު ކުރާކަށް ކިޔާނެ ކަމެއް ނެތްތާއެވެ. ވަހީދުގެ ބަގަވީ ސަރުކާރުގެ ތެރެއިން ނެގިހާ މަންފާގެ ވާހަކަވެސް ދައްކާކަށް ނެތީމެވެ. 
ރައީސް ޔާމީނު ވެރިކަމަށް ގެންނަން މަސައްކަތްކޮށް އެސަރުކާރުގެ ތެރެއިން ނެތްމޮޅު ހޯދަން އުޅުމުން ޔާމީނު ދިންކެހި ހިތައް އެރިޔަސް އަންނަނީ ހިންޏެވެ. ކޯޓުތަކަށް ދަނޑިބާނައިގެން ނެރުވި ފެބުރުއަރީ 1ގެ އަމުރުގެ މަޅީގައިޖެހި ބޮލުރޮދި ކެނޑިގެން ވީގޮތް އެންމެނަށްމެ ފެނުނެވެ. 
ދެވަނަ ފަހަރަށް އެމްޑީޕީ ވެރިކަމަށް އައުމަށް އުފެދުނު ބޮޑުކޯލިޝަނަށް ސަވާރުވެގެން އެމްޑީޕީގެ ލީޑަރޝިޕްގައި ރެދުލައްވާ ސަރުކާރުގެ މައްއޗަށް ވެރިވެ ގަނެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް ހިސޯރުކޮށްގެން ހުރީ ގާސިމެވެ. ކޯލިޝަން ބޭނުން ކޮށްގެން އަމިއްލަ އަނބިމީހާ ވަޒީރުކަމުގައި ހުރި އެ ސަރުކާރު ފޭލިކޮށްލަން ގާސިމު ނުކުރަނީ ކީއްހެއްޔެވެ. 
ރިޔާސީ އިންތިހާބުގައި ޗޮކުން ގޮސް ހައެއްކަ ހާސް ވޯޓު ނުހޯދި ބަލި ބުޅާ ގަނޑަކަށްވެ ހަސް ނެތުނީމާ މުއިއްޒު އުނގަށް ފުއްމާލައިގެން އަނެއްކާ ދިމާކުރީ ދައުލަތް ދަވާލުމަށްކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. 
ރައްޔިތުންގެ ބޮޑު މެޖޯރިޓިއަކުން ހޮވާފައިވާ ސަރުކާރެކޭ ވަޒީރުންނޭ ރުހުމޭ ކިޔަން ގާސިމަކީ ކާކު ހެއްޔެވެ. ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ ސުޕަމެޖޯރިޓީ އޮވެމެ, ވެރިންނަށް ރައްޔިތުންގެ އިތުބާރު ގެއްލުމުނޭ އެމްޑިޕީއާ ދިމާލަށް ކިޔަން އެންމެ ތާހިރީ ގާސިމެވެ.
ކޯލިޝަނުގެ ދުއްޕާނުގައި އެމްޑީޕީގެ ލީޑަރޝީޕް ބައިބައިކޮށް ކޯލީޝަނުގައި އޮވެ ދަ ޑިމޮކްރެޓްސް ބޭރުކުރުވައިގެން ކަރާކަރުޖައްސާ ރައީސް ސޯލިހުގެ ވެރިކަން ވައްޓާލަން ނިކުމެ ހަރާން ކޯރުވީ ބުރުމާ ގާސިމެވެ. އަމިއްލަ ގަޔަށް ވަޅިޖަހަނީ ދަ ޑިމޮކްރެޓްސްއެއް އެމްޑީޕީއެއް ނޫނެވެ. އަމިއްލަ ގަޔަށް ވަޅިޖެހީ ކޯލިޝަންގައި އޮވެ އަބިމީހާ ވަޒީރުކަމުގައި ބަހައްޓައިގެން އިބޫ ސަރުކާރުގެ ސިޔާސީ އެތައް މަގާމެއް ހިސޯރުކޮށް ބޮޑު ފައިދާނަގާ ހަރާން ކޯރުވި ބުރުމާ ގާސިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ