ޕާކިސްތާނުގެ ގެއްލުގެ ކާގޯ މަތިންދާބޯޓުގެ ބައިތައް ކަނޑުމަތިން ފެނިއްޖެ

ރޭގެ ވަގުތެއްގައި ރާޑަރަށް ގެއްލުނު ކާގޯ މަތިންދާބޯޓުގެ ބައިތައް ކަނޑުމަތިން ފެނިއްޖެ ކަމަށް ޕާކިސްތާނުގެ އެއާޕޯޓްސް އޮތޯރިޓީން މިއަދު ބުނެފި އެވެ. 
ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީއޭއޭ) އިން ބުނި ގޮތުގައި، ޔޫއޭއީގެ ޝާރްޖާ އިން ފުރައިގެން ކަރާޗީއަށް ދަތުރުކުރި މި ބޯޓު ގެއްލުނު އިރު އޭގައި ތިބި ފަސް މީހުން ހޯދުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުންނެވެ. 
ޕީއޭއޭ އިން ކުރިން ބުނެފައިވާ ގޮތުގައި ބޯޓު ރާޑަރަށް ގެއްލުނީ "ނެވިގޭޝަން ސިސްޓަމްގެ މައްސަލައެއް" އުޅޭކަމަށް ރިޕޯޓުކުރި ފަހުންނެވެ. އަދި އެކަން ރިޕޯޓްކުރުމަށް ފަހު ވަރަށް ބާރަށް ބޯޓު ތިރިވަމުން ދިޔަކަން ޑޭޓާތަކުން ދައްކާ ކަމަށް ވެސް ބުންޏެވެ. 
ޕީއޭއޭ އިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ ނޭވީ އާއި މެރިޓައިމް ރެސްކިއު އެޖެންސީން 12 ގަޑިއިރު ވަންދެން ކުރި މަސައްކަތުން "ކޭ2 އެއާވޭސް ކާގޯ ބީ737" ގެ ބައިތައް ކާމިޔާބުކަމާ އެކު ހޯދައި، ދެނެގަނެވިފައިވާ ކަމަށެވެ.
މި ބޯޓުގެ ބައިތައް ފެނިފައިވަނީ ޕާކިސްތާނުގެ ދެކުނު އައްސޭރިފަށުގެ ރަށެއް ކަމަށްވާ އޮރްމާރާ ކައިރިން، އަރަބި ކަނޑުގެ ތެރެއިންނެވެ.
"ގެއްލިފައިވާ ފަޅުވެރިން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް،" ޕީއޭއޭ އިން ބުންޏެވެ.
އެ އޮތޯރިޓީން ވަނީ މަތިންދާބޯޓުގެ ބައިތައް ނަގައި "K2 Air" ލިޔެފައިވާތަން ފެންނަ ފޮޓޯތަކެއް ވެސް އާންމުކޮށްފަ އެވެ.
ޕީ.އޭ.އޭ އިން ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ރޭގަނޑު 9:21 (ޖީއެމްޓީން ހަވީރު 4:21) ގައި ރާޑަރުން ފެނުނު ގޮތުގައި ބޯޓު ދިޔައީ "ވަރަށް ހަލުވިކަމާ އެކު ތިރިއަށް އަދި މިސްރާބު ބަދަލުކުރަމުންނެވެ." އަދި މުއާސަލާތީ ގުޅުން ކެނޑުނީ ކަރާޗީގެ ހުޅަނގުން ގާތްގަނޑަކަށް 155 ނޯޓިކަލް މޭލު ބޭރުންނެވެ.
ފްލައިޓްތައް ޓްރެކްކުރާ ހިދުމަތެއް ކަމަށްވާ ފްލައިޓްރާޑާ އިން ދައްކާ ގޮތުގައި، ބޯޓުން އެންމެ ފުރަތަމަ ލިބުނު މައުލޫމާތުތަކުން އެނގެނީ ބޯޓުގެ އުސްމިން ދަށްވުމަށް ފަހު އަލުން މައްޗަށް އެރި ކަމަށެވެ. އަދި އޭގެ ފަހުން ދެވަނަ ފަހަރަށް ކުއްލިއަކަށް އަދި ވަރަށް ބާރަށް ތިރިއަށް ދިޔަކަމަށް ދައްކަ އެވެ.
ކޭ2 އެއާވޭސް އަކީ ޕާކިސްތާނުގެ އަމިއްލަ ކާގޯ އެއާލައިނެކެވެ. މިއީ އެ ގައުމުގެ އެތެރޭގަ އާއި ބައިނަލްއަގުވާމީ ޝެޑިއުލް އަދި ޗާޓަރު ފްލައިޓްތައް ބާއްވާ އެއާލައިނެކެވެ.
އެއާފްލީޓްސް.ނެޓް އާ ހަވާލާދީ ބުނެފައިވާ ގޮތުގައި، 1999 ވަނަ އަހަރު އުފެއްދި މި ބޯޓަކީ ކުރިން އޭރޯފްލޮޓް އަދި ގަރޫޑާ އިންޑޮނީޝިއާގައި ފަސިންޖަރުން އުފުލި ބޯޓެކެވެ. އަދި މިއީ 2012 ވަނަ އަހަރު ކާގޯ ބޯޓަކަށް ބަދަލުކުރީ އެވެ.
ޕާކިސްތާނުގެ އޭވިއޭޝަން ދާއިރާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި، ހާއްސަކޮށް ދެކުނުގެ ސިޓީއެއް ކަމަށްވާ ކަރާޗީ ހިމެނޭ ގޮތަށް، ނުރައްކާތެރި ފްލައިޓް އެކްސިޑެންޓްތަކެއް ހިނގާފައިވާ ތާރީހެއް އޮތް ދާއިރާއެކެވެ. ސަލާމަތީ އަދި ލައިސަންސްގެ މައްސަލަތަކާ ހުރެ ޔޫރަޕިއަން ޔޫނިއަނުން ޕާކިސްތާނުގެ ގައުމީ އެއާލައިން އެ ސަރަހައްދުގެ ވައިގެ ސަރަހައްދަށް ވަނުން ހަތަރު އަހަރަށް މަނާކުރި ނަމަވެސް، 2024 ވަނަ އަހަރު އެކަން ވަނީ އުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ