ދެ އަހަރުތެރޭ އޭސީ ހަރުކުރެވުނީ 61 ޕަސެންޓު ސްކޫލުތަކުގައި، މަޝްރޫއު ނިމޭނެ ސީދާ ތާރީޚެއް ނޭނގޭ

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ސަރުކާރުން ފެށި "ކޫލް ސްކޫލް" މަޝްރޫއުގެ 61 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް ވިދާޅުވެ، ދެވަނަ ޓާމުގެ ތެރޭ ގިނަ ސްކޫލުތަކުގައި އޭސީ ހަރުކޮށް ނިމޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުން ހިންގާ ސްކޫލުތައް ފިނިކުރުމަށް ޓަކައި ސްކޫލުތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއު އިފްތިތާހުކުރީ މީގެ ދެ އަހަރުކުރިން ޖޫން ދޭއް، 2024ގައެވެ. https://sun.mv/192726 އޭގެ ފަހުން ސްކޫލުތަކުގައި އޭސީ ހަރުކޮށް ނިންމުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އަމާޒަކީ މިދިޔަ ސެޕްޓެންބަރު މަހުގެ ކުރިން އެ މަޝްރޫއު އެއްކޮށް ނިންމައިލުމެވެ. އެ މަޝްރޫއަށް ގިނަވެގެން އަށް މަސް ހޭދަވާނެ ކަމަށް ވެސް ލަފާކުރެއްވިއެވެ. އެއަށްފަހު، ސްކޫލުތައް އޭސީކޮށް ނިންމުމަށް، އެންމެ ހާލަތު ދަށް ސަރުކާރު ހިއްސާވާ އެއް ކުންފުނިކަމަށްވާ ފެނަކައާ މިދިޔަ އަހަރުގެ ޖޫން މަހު ހަވާލުކުރިއެވެ. https://sun.mv/207217 ނަމަވެސް ސަރުކާރުން މީގެ ކުރިން ދިން ތާރީޚުތަކުގައި ސްކޫލުތަކުގައި އޭސީ ހަރުކޮށް ނުނިންމެއެވެ. މިކަމާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫޤް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޝަފީޢު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ، ޖުމުލަ 217 ސްކޫލުގެ ތެރެއިން 61 ޕަސެންޓު ސްކޫލުގައި އޭސީ ހަރުކޮށް ނިންމައިފައިވާ ކަމަށެވެ. މިހާރު މަސައްކަތްކުރަނީ ބާކީ ސްކޫލުތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށް ކަމަށާއި، ހުރިހާ ސްކޫލުތަކަށް އޭސީ ވަނީ މިހާރު ފޮނުވައި ނިމިއްޖެ ކަމަށް ޝަފީޢު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސްކޫލުތަކުގައި އޭސީ ހަރުކޮށް ވީ އެންމެ އަވަހަކަށް ނިންމައިލަން ސަރުކާރުން ބޭނުންވާ ކަމަށެވެ. "އެކަމަކު ހުންނަ ގޮންޖެހުންތައް ހުންނާނެ، އެ ގޮންޖެހުންތަކާއެކުގައި ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓާގެޓަކީ ދެވަނަ ޓާމުގެ ކިޔެވެން ފެށެން ވާއިރަށް ގިނަ ސްކޫލުތަކުގައި މި މަސައްކަތް ނިންމައިލުން،" ޝަފީޢު ވިދާޅުވިއެވެ. ނަމަވެސް އެ މަޝްރޫއު އެއްކޮށް ނިމޭނެ ތާރީޚެއް ޝަފީޢު ވިދާޅެއް ނުވެއެވެ. ކޫލް ސްކޫލު މަޝްރޫއަކީ ސްކޫލްތައް ފިނިކުރުމުގެ ގޮތުން ސްކޫލުތަކުގައި އޭސީ ހަރުކުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ސަބަބުން ސްކޫލުތަކުގެ ކަރަންޓު ބިލަށް ބަދަލު އަންނާނެއެވެ. މި ކަމާ ގުޅިގެން ޝަފީޢު މީގެ ކުރިން ވިދާޅުވީ، އެ މަޝްރޫއު ނިމުމާ އެކު، ސްކޫލުތަކުގެ ކަރަންޓު ބިލަށް މިހާރު ހޭދަވާ ވަރަށްވުރެ އިތުރަށް ޚަރަދުވާނީ 38 އިންސައްތަ ކަމަށެވެ. އޭގެ ތެރެއިން 30 އިންސައްތަ ކަރަންޓަކީ އެންމެ މަދުވެގެން ވެސް އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ގޮތުގައި ހަދަން ރައީސް ވަނީ އިރުޝާދު ދެއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ