ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 އޮކްޓޯބަރުގައި ބާއްވަނީ

ރާއްޖޭގެ އެންމެ މަގުބޫލު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ 16 ވަނަ ބުރު އަންނަ 24 އޮކްޓޯބަރުގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވަން ނިންމައިފި އެވެ.
ތަފްސީލް - މި އަހަރު ވެސް ދުވުންތެރިންނަށް ބައިވެރިވެވޭނީ:
ހާފް މެރެތަން 
10 ކިލޯމީޓަރު 
5 ކިލޯމީޓަރު 
5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް ކެޓަގަރީ؛ މި ކެޓަގަރީގައި އޮފީސްތަކަށް އަދި ރިސޯޓުތަކުން 4 މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ
ޑީއެމްއާރްއާރްގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދޭނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 256،000ރ. ދޭނެ އެވެ.
ކުރީ އަހަރުތަކާ އެއްފަދައިން، މި އަހަރުގެ ރޭހަކީ ވެސް ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެގޮތުން:
ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ 
މި މަހުގެ ނިޔަލަށް ޖަމިއްޔާތައް ރަޖިސްޓަރީކުރެވޭނެ
ފާހަގަކޮށްލެވޭ - ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ.
މި ދުވުން މާލޭގެ އިތުރުން އަތޮޅުތަކަށް ފުޅާކޮށް، ދިރާގު ފުވައްމުލައް ރަން މި އަހަރު ފުވައްމުލަކުގައި ކާމިޔާބުކަމާ އެކު ބާއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ