އަލަނާސި: ގިނަ ފައިދާތަކުން ފުރިގެންވާ މޭވާއެއް
ރާއްޖޭގެ ބާޒާރުން ވެސް އާއްމުކޮށް ލިބެން ހުންނަ މޭވާގެ ބާވަތެއް ކަމަށްވާ އަލަނާސިއަކީ ރޯދަ މަހު ވަރަށް ގިނަ ގޭގޭ ސުފުރާމަތިން ފެންނަ އެންމެ އާއްމު އެއް މޭވާއެވެ. ފައިދާހުރި އެތަކެއް މާއްދާތައް އެކުލެވޭ އަލަނާސި އަކީ މުހިއްމު ނިއުޓްރިއެންޓްސްގެ މާއްދާތައް ކަމަށްވާ ވިޓަމިން ސީ، މެންގަނީސް އަދި އެންޒައިމްސް އޭގައި އެކުލެވޭ މޭވާއެކެވެ. އަލަނާސީ ކެއުމުގެ އާދަ ހުންނަ މީހެއްނަމަ އެ މީހެއްގެ އިމިއުނިޓީ ބޫސްޓްކޮށްދިނުމަށް އެހީވެދީ، ކެންސަރު ބަލިން ރައްކާތެރިކަން ހޯދައިދީ އަދި ބޮޑެތި ސާޖަރީތަކުން އަވަހަށް ރަނގަޅުވުމަށް ވެސް އެހީތެރިވެދެއެވެ. އެމެރިކާގެ ޓެކްސަސްގައި މަސައްކަތް ކުރައްވާ އިންޓާނަލް މެޑިސިން ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އެންޖެލިކާ ބަލިންގިތު މުތާލިއާކުރައްވާފައިވާ ލިޔުމެއްގައި އަލަނާސިން ހަށިގަނޑަށް ލިބޭ ވަރަށް ގިނަ ފައިދާތައް ވަނީ ބަޔާންކޮށްދެއްވާފައެވެ. އަލަނާސީ އަކީ ހުހަށް މޭވާއެއްގެ ގޮތުގައި ކެއުމުގެ އިތުރުން އެކި ވައްތަރުގެ ކެއުން ތައްޔާރު ކުރުމުގައި ވެސް ބޭނުންކުރާ މުހިއްމު ބާވަތެއްގެ މޭވާއެއް--ފޮޓޯ/ދަސީޒަންޑްމޮމް އެގޮތުން އަލަނާސީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އާއި ނިއުޓްރިއެންޓްސްގެ މާއްދާތަކުގެ ސަބަބުން ކުދިކުދި ބަލިތަކާއި ދެކޮޅަށް ރައްކާތެރިކަން ހޯދައިދިނުމަށް އެހީތެރިވެދެއެވެ. އެއް ޖޯޑު އަލަނާސީގައި އެކުލެވޭ މުހިއްމު ނިއުޓްރިއެންޓްސް މާއްދާތަކަށް ބަލާއިރު ވިޓަމިން ސީ، ވިޓަމިން ބީ6، ކޮޕަ، ޕޮޓޭސިއަމް، މެގްނީސިއަމް އަދި އަޔަން ހިމެނެއެވެ. އަލަނާސީގައި އެކުލެވޭ ވިޓަމިން ސީ މާއްދާ އަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުމުގެ އިތުރުން ހެދި ބޮޑުވުމަށް ވެސް ވަރަށް މުހިއްމު މާއްދާއެއް ކަމަށް ޑރ. އެންޖެލިކާގެ ލިޔުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަލަނާސީ އަކީ ވަރަށް ގިނަ ޤައުމުތަކުގައި އެކި ވައްތަރުގެ މަހުގެ ބާވަތާ އެކު ކެއްކުމުގައި ބޭނުންކުރާ މޭވާގެ ބާވަތެކެވެ. އޭގެތެރޭގައި، ކުކުޅު މަސް އަދި ގެރި މަސް ހިމެނެއެވެ. މި މޭވާގައި އެކުލެވޭ ގްރޫޕެއް ކަމަށްވާ ޑައިޖެސްޓިވް އެންޒައިމްސްގެ ސަބަބުން މަހުގެ ބާވަތްތައް އެކުލެވޭ ކެއުންތަކަށް އިންސާފުކުރާއިރު މަހުގެ ބާވަތްތައް ފަސޭހައި ހަޖަމުކޮށްދިނުމަށް އެހީތެރިވެދެއެވެ. މިހާރަކަށް އައިސް ދިވެހީންގެ ތެރޭ ވެސް ވަރަށް އާއްމު ބައްޔެއް ކަމަށްވާ އާތުރައިޓިސްއަށް ވެސް އަލަނާސި ކާނަމަ ވަރަށް ބޮޑު ލުއިފަސޭހައެއް ލިބޭ ކަމަށް ޑރ.އެންޖެލިކާ ބަލިންގިތުގެ ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެތެރެއިން ޖޮއިންޓް އިންފްލެމޭޝަންއާ ގުޅިގެން އަންނަ ތަދުތަކަށް ލުޔެއް ލިބޭ ކަމަށް ދިރާސާތަކުން ދައްކާ ކަމުގައި މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ. ރަނގަޅަށް ދޮންނުވާ އަލަނާސި މާގިނައިން ކައިފިނަމަ ބަނޑަށް އެކަމުގެ އުނދަގޫވާ ކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރާ ކަމަށާއި އެހެންކަމުން އަލަނާސީ ކާންވާނީ އެއީ ރަނގަޅަށް ދޮންވެފައިވާ އަލަނާސީކަން ޔަގީންކުރުމަށް ފަހު ކަމަސް ޑރ.އެންޖެލިކާ ވަނީ އިރުޝާދު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ