ހައްޖާއި އުމްރާއަށް ދާ މީހުން ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ރާއްޖެއިން ހައްޖާއި އުމްރާގެ އަޅުކަމަށް ދަތުރުކުރާ މީހުން ޖަހަންޖެހޭ ވެކްސިންތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކުރައްވާފައިވަނީ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން އެއްވާއިރު، އޭގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އެއަޅުކަމަށްދާ ދިވެހިން ރައްކާތެރިވުމަށާއި އެމީހުން ރާއްޖެ އަނބުރާ އައުމަށްފަހު ބަލިތައް ފެތުރުމަށް އޮންނަ ފުރުޞަތު ހަނިކުރުމަށެވެ.
- މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން
- އިންފްލުއެންޒާ
- އޯރަލް ޕޯލިއޯ ވެކްސިން
އެޗްޕީއޭއިން ވިދާޅުވީ ހައްޖާއި އުމްރާއަށް މީހުން ގެންދާ ހުރިހާ ގްރޫޕްތަކުންނާއި ގްރޫޕެއް މެދުވެރިނުވެ އަމިއްލައަށް އުމްރާއަށް ދާ އެންމެންވެސް ކަނޑައެޅިފައިވާ މުއްދަތުގައި ވެކްސިންތައް ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބިގަތުމަށް ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ވެކްސިން ފުރިހަމަ ކުރަން ޖެހެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ޖެހުމުގެ މިންގަނޑުތަކަކީ އެއިރެއްގައި ބަލިތައް އުޅޭ މިންވަރާއި، ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި ތައްޔާރުކުރެވޭ މިންގަނޑުތަކެއް ކަމަށެވެ.
ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުންތަކާއި، ބައެއް ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކަށް ބަލައި، ޖަހަންޖެހޭ ވެކްސިންގެ މިންގަނޑުތަކަށް ބަދަލުގެނެސް އެ މައުލޫމާތު އާންމު ކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ