އެސްއީޒެޑްގެ ސޯލާ ސިޓީ މަޝްރޫއުގެ އަމަލީ މަސައްކަތަށް ހުއްދަ ދީފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ހިންގަން ހުއްދަ ދިން، އަވިން ކަރަންޓު އުފައްދާ ނިޒާމުގެ މަޝްރޫއު (ޕްރޮޖެކްޓް ސޯލާ ސިޓީ)ގެ އަމަލީ މަސައްކަތް ފަށަން ބޯޑް އޮފް އިންވެސްޓްމަންޓްސްއިން މިއަދު ހުއްދަ ދީފި އެވެ.
ވީ ކިހިނެއް؟ - އެސްއީޒެޑްގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް ހުއްދަ ދޫކުރީ 24 އޭޕްރީލް 2024 ގައެވެ. އެއީ ކެނެޑާގެ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.
ތަފްސީލު - އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިއަދު ދޫކުރި ހުއްދައިގެ ދަށުން އަބްރަޒާސް ޕަވަ ކޯޕް ކުންފުންޏަށް:
ހުޅުމާލެއާ 4-5 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި 100 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓެޔަކް ޕްރޮޖެކްޓެއް ހިންގޭނެ
އެ މަޝްރޫއުގެ ދަށުން ބެޓަރި ސްޓޯރޭޖާއި ހުޅުމާލޭގެ ގުރިޑާ ގުޅުވައިދޭ އިންޓަކަނެކްޝަން ސަބްމެރިން ކޭބަލެއް އަޅާނެ
މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި އަމާޒާ ވެސް ގުޅޭ މަޝްރޫއެއް ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2023ގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ %22 އަކީ ތެލުގެ ބާވަތްތަކެވެ. އަދި އެ އަދަދުގެ ތެރެއިން ގާތްގަނޑަކަށް %80 ހަރަދުކޮށްފައިވަނީ މެރިން ޓްރާންސްޕޯޓާއި ކަރަންޓު އުފައްދަން ބޭނުންކުރާ ޑީސަލަށެވެ.
ޕްރޮޖެކްޓް ސޯލާ ސިޓީއާ އެކު އިކޮނޮމިކް މިނިސްޓްރީން ލަފާކުރަނީ ކޮންމެ އަހަރަކު ތެކަށް ކުރާ ހޭދައިން 42 މިލިއަން ޑޮލަރު (646.8 މިލިއަން ރުފިޔާ) ސަލާމަތް ކުރެވޭނެ ކަމަށެވެ.
އެނގުން މުހިންމު - މިއަދު ދޫކުރި ހުއްދައިގެ ދަށުން ބައެއް އިތުރު މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ވެސް ޑިވެލޮޕަރަށް ތަނަވަސްވާނެ އެވެ. އޭގެ ތެރޭގައި ކޮމާޝަލް ރިއަލް އެސްޓޭޓް އަދި އިންޑަސްޓްރިއަލް ހަބެއް ހިމެނެ އެވެ. އެ މަޝްރޫއުތަކުގެ ޝަރުތެއްގެ ގޮތުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަށް އިންވެސްޓުކުރުން އިިސްކުރުން ހިމެނެ އެވެ.
މުޅި މަޝްރޫއަށް ޖުމްލަކޮށް 187 މިލިއަން ޑޮލަރު އެ ކުންފުނިން އިންވެސްޓުކުރާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިޔާދަކުރަނިވި ހަކަތައިގެ ބަޔަށް ކުރާ އިންވެސްޓްމަންޓެވެ.
އަބްރަޒާސްއިން ރާވާފައިވަނީ، މިނިސްޓްރީން ބުނި ގޮތުގައި، އޭޕްރީލް ނިމެންވާއިރަށް މަޝްރޫއަށް މޮބިލައިޒްކޮށް، 2027އަށް އޮޕަރޭޝަނަށް ގެނައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ