ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވި، މުހައްމަދު އަބްދުﷲ (މުހަންމާ) ބޭންކް އޮފް މޯލްޑިވްސްއިން ނަގައި، ނުދައްކާ އޮތް ފަސް މިލިއަން ރުފިޔާގެ ދަރަންޏެއް، އިންޓްރެސްޓާއެކު މަހުން މަހަށް ބަހާލައިގެން 11 އަހަރުދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެގޮތަށް ހުކުމް ކޮށްދިނުމަށް އެދުނީ ބީއެމްއެލުންނެވެ. ނަމަވެސް ބީއެމްއެލުން އެ މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅިއިރު، އެދިފައި އޮތީ، މުހަންމާ ލޯނު ނެގިއިރު، ރަހުނުކުރި ހ. ފުރާތު އޭ ކިޔާ ގޯތި ވިއްކައިލުމުގެ ހުއްދައެއް ދިނުމަށް އެދި އެވެ.
ދަރަނި ދެއްކުމުގެ ފުރުސަތު މުހަންމާއަށް ދޭން ބީއެމްއެލުން ސިވިލް ކޯޓުގައި އެދުނީ ޝަރީއަތްތައް ކުރިއަށް ދަނިކޮށެވެ. ބީއެމްއެލުން ސިވިލް ކޯޓަށް މައްސަލަ ވެއްދީ، މުހަންމާ އެ ބޭންކުން ނަގާފައިވާ ލޯނު ދައްކަން 2022 ވަނަ އަހަރު ސިވިލް ކޯޓުން އަންގާފައިވާ އެންގުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ އެވެ.
ބީއެމްއެލުން ބުނެފައި ވަނީ މި މަހުގެ 4، އާ ހަމައަށް މުހަންމާ ބީއެމްއެލްއަށް ދައްކަންޖެހޭ 5.02 މިލިއަން ރުފިޔާ އޮތް ކަމަށެވެ.
އެހެންކަމުން ބީއެމްއެލުން އެދުނީ މަހުން މަހަށް ބަހާލައިގެން ކުރިއަށް އޮތް 11 އަހަރުދުވަހުގެ ތެރޭގައި މަހަކު 83،000ރ. އަށް ވުރެ މަދު ނޫން އަދަދެއް ދައްކައިގެން ދަރަނި ހަލާސް ކުރުމަށެވެ. ފަސް މިލިއަންގެ ދަރަނި ދައްކައި ހަލާސް ކުރަން މުހަންމާއަށް ސިވިލް ކޯޓުން ދިން ތާރީހަކީ މެއި 31، 2026 އެކެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އެއީ މުހަންމާ ވެސް އެދިފައިވާ ގޮތް ކަމަށެވެ. އެ މައްސަލައިގެ ހުކުމް އިއްވާފައި ވަނީ ބީއެމްއެލް އާއި މުހަންމާގެ ވެސް ގައިރުހާޒިރުގަ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ އެ ހުކުމާ އެއްގޮތަށް މުހަންމާ ފައިސާ ދައްކަމުން ނުދާނަމަ، އިތުރު އަޑުއެހުމަކާ ނުލައި ހ. ފުރާތު ވިއްކައިލުމުގެ ހުއްދަ ދިނުމުގެ ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ ނިންމުން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު މުހަންމާއަށް އޮންނާނެ އެވެ.
މުހަންމާ ނުދައްކާ އޮތް ފަސް މިލިއަންގެ ދަރަންޏެއް، މަހަކު 83،000ރ. ގެ މަގުން ދައްކަން ހުކުމްކޮށްފި މުހަންމާ ނުދައްކާ އޮތް ފަސް މިލިއަންގެ ދަރަންޏެއް، މަހަކު 83،000ރ. ގެ މަގުން ދައްކަން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ