އެއް އަތުން ރާ ބަންޖާއި ކަންފަތި ހިފައިގެން، ދިގުކޮށް ހެދިފައި ހުރި ދިވެހި ރުކުގައި ބަނދެފައިވާ ހަރުތަކުން ހަލުވިކަމާއެކު އަރަމުން ގޮސް، ރުކުގެ ދެ ފަން ދޭތެރެއިން ކުރިގަނޑަށް އެ ދެމިގަތީ ނާލާފުށީ އިބްރާހިމް އެވެ. ރުކުގައި ރަނގަޅަށް ހަރުލައި ހުރި ފަނުގެ މައްޗަށް ހަށިގަނޑުގެ ބަރު ދީގެން ހަމަޖެހިލައިގެން އިނދެ، ރުކުގެ ބޮންތިއަށްވުރެ ތިރިއަށް އޮތް، ހިލަތޮށި ނުލާ ޅަ އެތް ކޮށަން ފެށީ ފާޑުވެރިކަމާއެކު އެވެ. އެ މަސައްކަތް ނިމުމާއެކު ހާނާފައި ހުރި ކަށިކެޔޮ ފަތްތަކެއް ނަގައި، އެތައް ފަށަކުން އެތް ބަނދެލި އެވެ. އެތުގެ ކުރި ލަންބާލައި ބަންޖަށް ސީދާވާ ގޮތަށް ހަރުކޮށްފި އެވެ. ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކުރުމަށްފަހު އެހާމެ ހަލުވިކޮށް ތިރިއަށް ފޭބީ އެވެ. ރާކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމުނީ އެވެ. ދެން އޮންނާނީ ރާ ބޭލުމަށް ދެއިރު ރުކަށް އެރުމެވެ. އެތުން ރާތިއްކެއް ފާއްދާނުލާނަމަ ކުޑައިކޮށް ކޮށާ މަށާލުން ނޫން އިތުރު މަސައްކަތެއް ދެން ނޯންނާނެ އެވެ.
އިބްރާހީމް ތިރިއަށް ފޭބިއިރު މާލޭ މުހައްމަދު އޭނާގެ އިންތިޒާރުގައި ތިރީގައި ހުއްޓެވެ. އެއްކޮލުގައި ހުރި ދުފުންގަނޑު އަނެއް ކޮލަށް ބަދަލުކުރަމުން، ދެ މިޔަ ކަނުން ފައިބައިފައި ހުރި ސޮނިކޮޅު އަތުގެ ނުފުށުން ފުހެލަމުން އަޑަށް ބާރުލާފައި އެކުވެރި އިބުރާހީމަށް ގޮވާލި އެވެ. ވާންވީ ކިހިނެއްކަން އެ ގޮވާލުމުގެ ރާގުން އިބްރާހީމަށް އެނގިއްޖެ އެވެ. ދެ މިތުރުންގެ ސައިގަޑި ޖެހުނީ އެވެ.
އިބްރާހީމާއި މުހައްމަދުގެ ގުޅުމަކީ މިސާލު ޖެހޭ އެކުވެރިކަމެކެވެ. ޅަ ދުވަހުއްސުރެ އެކުގައިއުޅެ، އެކުގައި ކަޅަށް ޖައްސައި، އެންމެ ފަހުން ޒަވާޖީ ގުޅުމުގެ ސަބަބުން ޒާތަކަށް އާއިލީ ގުޅުމެއް ވެސް އުފެދިއްޖެ އެވެ. ލިބިފައި ހުރި ތަރުބިއްޔަތުގެ ސަބަބުން، ކަންނެތް ކަމަކީ ދެމީހުން ކުރެ މީހެއްގެ މިޒާޖުގައި ހުރި ކަމެއް ނޫނެވެ. ދެމީހުންނަކީވެސް ރަށުގައި ނަން ހިނގާ ކުޅަދާނަ ދެ ރާވެރިންނެވެ. އެ މަސައްކަތުގައި އެ ދެމީހުންގެ ހުނަރުވެރިކަމާ ވާދަކުރާނޭ ހަމަ އެކަކުވެސް ނެތެވެ. ނުވެސް އުފެދުނީ އެވެ.
ރުކެއް ރާކުރުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ މަރުހަލާއަކީ ރާކުރެވިދާނޭ ރުއް ފާހަގަކުރުމެވެ. ރާކުރާކަށް ކޮންމެ ކޮންމެ ރުކެއް ކަމުނުދާނޭކަން ރާވެރިން ދަނެ އެވެ. ކުޅަދާނަ ރާވެރިއެއް ނަމަ، ރާކުރެވޭނޭ ރުއްތަކާއި އެކަމަށް އެކަށީގެންނުވާ ރުއްތައް ވަކިކުރަން އެނގޭނެ އެވެ. ރާ އެރުމުގެ މަސައްކަތުގައި ރާވެރިންގެ މެދުގައި އެންމެ ވާދަވެރިކަން ބޮޑު ކަމަކީވެސް އެއީ އެވެ. މިކަމުގައި ވެވިފައި އޮންނަ އެއްބަސްވުމަކީ އެ ރުކެއް ފާހަގަކުރެވޭ ރާވެރިޔަކު އެރުކުގައި ތުޅާ ނުވަތަ ހަރު ބަންނަން ފެށުމެވެ. ހަރު ބަންނާނީ ފޫޓެއް ނުވަތަ ދޮޅު ފޫޓެއް ހުންނަ ވަރުގެ ކުރެދިންނެވެ. ބަންނަން ބޭނުންކުރާނީ ރޯނެވެ. ރާ ރުއް ފާހަގަކުރެވިގެން ހަރު ބަންނަން ފަށާ މީހާ އެއީ އޭނާގެ ހޮވުމެއްކަން ފާހަގަވާ ގޮތަށް ހެދީމާ އޭނާގެ ހުއްދަނެތި އެހެން ރާވެރިޔަކު އެ ރުކާ ކައިރިވެގެން ނުވާނެ އެވެ. މިކަމުގައި އޮންނަ ހަމައެކަނި ގަވާއިދަކީ މިއީ އެވެ. މުހައްމަދާއި އިބްރާހީމް ވެސް އަމަލުކުރަމުން އައީ މި ގަވާއިދަށެވެ.
ފަތިހު ރާ ބާލައިގެން ވަލުމަގުން ހިނގާފައި އައިއިރު މުހައްމަދު ދެ އަތަށް ބަލަމުން އައީ ރާކުރަން ހެޔޮ ރުކެއް ފާހަގަވޭތޯ އެވެ. ނަސީބު އަތުގައި ހިފި އެވެ. ހިނގާން އޮތް މަގުގެ ވައަތްފަރާތުން އޮތް ބޯ ޖަންގަލީގެ މެދުގައި ހެދިފައި އެއޮތް ރުއްގަނޑު އެއްވެސް މީހަކަށް ފާހަގަވެފައި ނެތީތާ އެވެ. ތައްޖަހާފައި ނެތެވެ. ބަންޑާރަތޯ އަމިއްލަތޯ ވަކިނުވާ މި ރުއްގަނޑު މިގޮތުގައި މިއޮތީ ވަލުގެ މި ހިސާބަށް މީހުން ވަދެ ނުއުޅޭތީތާއޭ މުހައްމަދު ހީކުރި އެވެ. އޭގެ ތެރެއިން ފަސްމީރުކުރިރުކެއް ފާހަގަކޮށް، އެ ރުކުގައި ހަރު ބަންނަން ފަށައި، އެއީ މުހައްމަދުގެ ރާ ރުކެއްކަން ފާހަގަވާ ގޮތް ހަދައި އޭނާ ހިނގައިގަތީ ދެން ރާ ބާލަންޖެހޭ ރުކަށް އެރުމަށެވެ.
ދެވަނަ ރުކުގެ މެދަކާ ހަމައަށް އެރުނު އިރު މުހައްމަދުގެ ލޯމައްޗަށް އަނދިރިވާން ފަށައިފި އެވެ. ދެއަތުން ބާރަށް ރުކުގައި ބައްދާލިއިރު ހެޔަށް ގޮތް ވާން ފަށައިފި އެވެ. ވެއްޓޭން އުޅުނުހެން ހީވި އެވެ.
މުހައްމަދަށް ލޯ ހުޅުވާލެވުނުއިރު އޮތީ ގޭގެ ބޮޑުއަށީގަ އެވެ. ވަށައިގެން މީހުންތައް ހޭލަމޭލައަށް އުޅެ އެވެ. ފައި ހަރަކާތް ކުރުމުގައި ގޯހެއް އުޅޭކަން އިހުސާސުވީ ހޭ އެރިތާ އިރުކޮޅެއް ފަހުންނެވެ. އުމުރު ދުވަހަށް ނުކުޅެދޭ މީހަކަށްވީއޭ ހިތައި ރޮވޭ ގޮތްވެ، ދެލޮލަށް ކަރުނަ ޖަމާވެ އޮހޮރޭން ތައްޔާރުވި ތަން ފެނި އިބްރާހީމް ކުރިއަށް ޖެހިލި އެވެ. މުހައްމަދާ އެވެ. މުހައްމަދު ރުކަކުން ވެއްޓިފައި އޮއްވައި ފެނުނީ މިއަދު ވަލަށް ވަދެ އުޅުނު ބަޔަކަށެވެ. ރޯންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. މަސް ތަކަކަށް ދިގު ދެމިގެން ނުގޮސް، ދާދި އަވަހަށް ފައި އެޅޭވަރު ވާނޭކަމަށް ހަކީމުން އެބަ ބުނެ އެވެ. ނަސީބު ރަނގަޅުކަމުން ދާމިއީ ނުކުޅެދުންތެރިކަމެއް ކުރިމައްޗެއް ނުވެ އެވެ.
ލެއްވި ރަހުމަތަށް ހަމްދުކުރުމާއެކު، މުހައްމަދު އަވަސްވެގަތީ އޭނާ އަލަށް ހޯދި ރުކުގެ ވާހަކަ އިބްރާހީމަށް ކިޔައިދޭށެވެ. މުހައްމަދު ރާ ބާލަން ފަށާފައި ހުރި ހުރިހައި ރުކަކުން ރާ ބާލައި ދިނުމާ ހަވާލުވާން ހުރީވެސް އިބްރާހީމް އެވެ. އެހެންވެ އަލަށް މި ފެނުނު ރުއް ވެސް މަތި ކުރަންވާނީ އިބްރާހީމާ ކަމަށް މުހައްމަދު ދުށްޓެވެ.
މުހައްމަދުގެ އިރުޝާދަށް އިބްރާހީމް މި ރުކުގައި ހަރު ބަނދެ، ރުއް ރާކުރުމުގެ އެންމެހައި މަރުހަލާތައް ފުރިހަމަކޮށްފި އެވެ. ދެއިރު ރުކަށް އަރައިގެން ލިބޭ އެއްޗަކުން މުހައްމަދަށްވެސް ބައި އަޅަ އެވެ. މިކަން މިހެން އޮތްނަމަވެސް އަމިއްލައަށް ރުކަށް ނޭރޭކަން އެއީ މުހައްމަދުގެ ހިތަށް ކުޅަދާނަވާ ތަދެއް ނޫނެވެ. ރަށުގައި ހުރި ރުކަށް އަރަން އެންމެ ފަރިތަ މީހަކީ ހަމައެކަނި އިބްރާހީމް ކަމަށް ވުމަކީ އުފަލަކަށް ވުމާއެކުވެސް ހިތަށް ކުޑަކުޑަ ތަދެއް ލިބޭ ކަމަކަށްވެސް ވެއްޖެ އެވެ. ފައިގެ ތަދަށްވުރެ ބޮޑީ ހިތުގެ ރިހުމެވެ.
ދުނިޔެއިން ދުވަހަކާއެކު ހަޔާތުން ދުވަހެއް ވެއަތުވަމުން ދެ އެވެ. މުހައްމަދުގެ ހާލު ރަނގަޅުވެ ތެދުވެ އުޅޭން ފަށައިފި އެވެ. ރަނގަޅަށް ފިރުކެވޭ އިރަށް ދުއްވައިގަތުން އާދަވެފައިވާ މުހައްމަދު ފުރަތަމަވެސް ހޯދީ އޭނާގެ ރާ ބަންޖާއި ކަންފައްޗެވެ. ރުއް އަރާން ފަށަންވީ އެވެ. އޭނާ ތުޅާ ބަނދެފައި ހުރި ރުއްތަކަށް އަރަން ދިމާކުރިއިރު، އިބްރާހީމް ގެންދިޔައި ގަވައިދުން އެ ރުއްތަކުން ރާ ބާލަމުންނެވެ. މިއީ މުހައްމަދަށް ލިބޭން އޮތް ހައްގަކަށް އަރައިގަތުން ކަމަށް ސިފަކޮށް ވާހަކަ ދެއްކީ ކާކު ކަމެއް ނޭނގެ އެވެ. އެ ވާހަކައިގައި ދެމީހުންވެސް ބަނދެވި، އެކަކު އަނެކަކަށް ބަދުބަސް ބުނެފިކަމަށް ނަންވެ، ދެމީހުންމެ އެ ވާހަކަ ގަބޫލުކޮށްފި އެވެ.
މި ފިތުނައިގައި ޖެހި ޅަ ދުވަހުގެ މިތުރުންނަކީ ދެ ހަތުރުން ކަމަށްވީ ދާދި އަވަހަށެވެ. މަށަށް ރުކަށް ނޭރޭ ނަމަ ތަށަށްވެސް ނޭރޭނޭކަމަށް އެކަކު އަނެކަކަށް ގަދަބަސް ބުނެފި އެވެ. މި ފަންޏެއް އެޅުވި ބަޔަކު އެ މަންޒަރު ދެކޭން ދުރުގައި ހޭން ތިއްބެވެ. މިހާރު އިބްރާހީމާއި މުހައްމަދަކީ ރަށުގައި ނަގާކިޔާ ރާވެރިންނެއް ނޫނެވެ. އިހަށް މި ރާވެރިން ރާ ބޭލިހައި ރުއްތަކުން މިހާރު ރާ ބާލަނީ އެހެން މީހުންނެވެ.
ދެ އެކުވެރިންގެ ދެމެދުގައި މި އެޅުވި ފަންޏާއި، އޭގެ ސަބަބުން ދެ މީހުންނަށް ލިބުނު ގެއްލުން އިހުސާސުވީ މިގޮތުގައި ދުވަސްތަކެއް ވެއަތުވެދިޔަ ފަހުންނެވެ. އެކަކު އަނެކަކު ދެކެ ފުރަތަމަ އައި ރުޅިއެއް މިހާރަކު ނެތެވެ. ހިތުގައި ހަސަދައެއް ވެސް ނެތެވެ. މިހާރު އޮތީ، އެކަހަލަ ކުޑަކުޑަ ކަމަކާ މަތިކޮށް ރުޅި އިސްކުރެވުނު ކަމުގެ ލަދެވެ. ދެމީހުންގެ ހުނަރުން އަލުން ބޮންތީގައި ހިފާން ތަދުބީރެއް ކުރާން އިސްނަގާނީ ކާކުކަން ނޭނގި އަހަރަކާ ބައެއް ވެއަތުވެދިޔަ ފަހުން އެ ހަމަހިމޭންކަން ފޫދުއްވާލީ މުހައްމަދެވެ. އިބްރާހީމްވެސް ނުސީދާ ގޮތުން ދިން މެސެޖުތަކާއި، ކުރާ އިޝާރާތްތަކުން ހިތްވަރު ލިބިގަނެގެންނެވެ.
އިބްރާހީމާއި މުހައްމަދުގެ ހަމަ ވިސްނުމުން ވިސްނާލިއިރު، އެ ދެމީހުންގެ ގުޅުމުގެ ސަބަބުން ލާބައާއި މަންފާ ލިބުނީ ހަމައެކަނި އެ ދެމީހުންނަކަށް ނޫނެވެ. އެއް ފަންނެއްގައި އެހައި ހުނަރުވެރި ދެ މީހަކު އެކުވެ ކުރި މަސައްކަތުގެ މަންފާ މުޅި ރަށަށް ލިބެމުން ދިޔަ އެވެ. އެހެންވީތީ، އެ ދެ އެކުވެރިން ވަކިވެގަތުމުގެ ގެއްލުންވެސް މުޅި ރަށް ތަހައްމަލު ކުރި އެވެ.
އިބްރާހީމާއި މުހައްމަދަށްވެސް ހޭވެރިކަން ވެއްޖެ އެވެ. "މިއީ ކާކުގެ ރުކެއް" ތޯ ވާ އަރައިރުމަކީ ކުޑައިރުގެ ކުޅިވަރެކެވެ. 'ދިނަސް ނުދިނަސް ކަނޑާކަނޑާ ބަންގަޅިސް' ގެ އުސޫލު ރަނގަޅީ ހަމައެކަނި އެ ކުޅިވަރަށެވެ. މި ރުކުގައި ތުޅާ ބަނީ ކޮންމެ މީހަކު ކަމަށް ވިޔަސް ދެ މީހުންނަށް ވެސް މި ރުކުން ރާ ބޭލޭނެ އެވެ. ކޮންމެ މީހަކު ރާ ބޭލިޔަސް އަނެކާއަށް ފައިދާ ވެސް ވާނެ އެވެ. ލަހުން ނަމަވެސް މިކަން ވިސްނުނީތީ ދެ އެކުވެރިން ޝުކުރުކޮށް، ދުވަހަކުވެސް އަރައިރުން ނުވާން އެކަކު އަނެކަކަށް ވައުދުވެ ހަތްހުވާ ކޮށްފި އެވެ.
އެއް ރުކެއްގައި ތުޅާ ބަނދެވުމުން އުފެދުނު ދެކޮޅުވެރިކަން ހައްލުވީ ގޮތް! އެއް ރުކެއްގައި ތުޅާ ބަނދެވުމުން އުފެދުނު ދެކޮޅުވެރިކަން ހައްލުވީ ގޮތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ