މާލޭގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާތައް ބާރުގެ ބޭނުންކޮށް މިރޭ ރޫޅާލާފައި ވަނީ މާލޭގެ މުހިންމު ބައެއް މަގުތައް ބަންދުކޮށް މުޒާހަރާކުރާތީ އާންމު ރައްޔިތުންނަށް ދަތިވެއަދި ޖީސީއީ އޯލެވެލް ހަދާ ދަރިވަރުންނަށް އެކަމުގެ ސަބަބުން އުނދަގޫވަމުން ދާތީ ކަމަށް ފުލުުހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - "ދުލެއް ނުކުރާނަން" ނަމުގައި ޒުވާނުން ކުރަމުން އަންނަ މުޒާހަރާތައް މިރޭ ފުލުހުން ރޫޅާލާފައި ވަނީ ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުން ކޮށްގެންނެވެ. އެގޮތުން:
އެ ޒުވާނުން ބޭނުންކުރި އަޑުގަދަ ކުރާ ފަދަ ތަކެތި ފުލުހުން ވަނީ އަތުލައިގެން ގެންގޮސްފައި
މުޒާހަރާގައި އިސްކޮށް އުޅުނު ދެ ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައި
ތަފްސީލް - މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވުމާ އެކު އެކްސްގައި ފުލުހުން ނެރުނު ކުރު ބަޔާނެއްގައި ބުނީ މުޒާހަރާތައް ރޫޅާލީ އާންމުންނަށް އުނދަގޫވާނޭހެން މަގު ބަންދުކޮށް މުޒާހަރާ ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމަށް ފަހު އެ ކަންކަމަށް ބައިވެރިން ބޯ ނުލެބުމުން ކަމަށެވެ. އެގޮތުން:
މަޖީދީމަގުފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކާރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރުން ކުރިއަށް ގެންދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ބުނި
އަދި ބުނީ މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު އެކި ފަހަރު މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށްފަހު، މިރޭ ވަނީ އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅާލާފައިވާ ކަމަށް
"ފާއިތުވި ދުވަސްތަކުގައި މާލޭގެ މައި މަގު މަޖީދީމަގުގައި، ދުއްވާ އުޅަނދުފަހަރަށް މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާތައް ދިވެހި ފުލުހުންގެ ހިދުމަތަށް ވަނީ މެދުނުކެނޑި ލިބެމުން،" ބަޔާނުގައި ބުންޏެވެ.
"މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެންނެވެ."
މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންނާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ބަލާފައި: ފުލުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ