ޝޯއާ ގުޅޭ ގޮތުން ނެހާ ހެދީ ދޮގު ކަމަށް ބުނެފި
ދާދި ފަހުން އޮސްޓްރޭލިއާގެ މެލްބޯންގައި ބޭއްވި މިއުޒިކް ޝޯއާ ގުޅިގެން އިންޑިއާގެ ލަވަކިޔުންތެރިޔާ ނެހާ ކައްކަރު ދެއްކީ މުޅީން ދޮގު ވާހަކަތަކެއް ކަމަށް އެ ޝޯ އިންތިޒާމުކުރި ފަރާތްތަކުން ބުނެފިއެވެ. ނެހާއާއި އޭނާގެ ބޭންޑުގެ ހުށަހެޅުންތަކެއް ތާވަލުކުރެވުނު އެ ޝޯއަށް ނެހާއާއި ލަވަކިޔުންތެރިޔާގެ ޓީމުން ދިޔައީ ޝޯ ފަށަން އޮތް ގަޑިއަށްވުރެ ތިން ގަޑިއިރު ފަހުންނެވެ. ނެހާ އެ ތަނަށް ދާނެ އިރަކަށް އިންތިޒާރުކޮށް އެތައް ގަޑިއިރު ހޭދަކުރަން ޖެހުމުން އޯޑިއަންސްގެ ތެރެއިން ގިނަ ބަޔަކު އޭރު ލަވަކިޔުންތެރިޔާއަށް ފާޑުކިއެވެ. ނެހާ ސްޓޭޖަށް އެރުމުން އޯޑިއަންސްގެ ތެރެއިން ގިނަ ބަޔަކު ނެހާއަށް ނުރުހުމުގެ ބަސްތައް ބުނުމާ ގުޅިގެން ލަވަކިޔުންތެރިޔާ ރުއި މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އެ ދުވަސްކޮޅު ދައުރުވިއެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނެހާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޝޯ އިންތިޒާމުކުރި ފަރާތްތަކުން ނެހާގެ ބޭންޑަށް އެއްވެސް ޚަރަދެއް ނުކުރާ ކަމަށާއި އެންމެ ކުޑަމިނުން ނެހާގެ ޓީމް އޮސްޓްރޭލިއާގައި ތިބި ހޮޓަލަށް ވެސް ފައިސާ ދެއްކީ އަމިއްލަ ޖީބުން ކަމަށެވެ. ޝޯއަށް ދިއުން ލަސްވީ އެހެންވެ ކަމަށާއި ހަގީގަތް ނުބަލާ ބައެއް މީހުން ފާޑުކިޔުމުން ނެހާ ވަނީ އެކަމަށް ރައްދު ދީފައެވެ. އެހެންނަމަވެސް، އޭގެ އެއް މަސް ފަހުން ޝޯ އިންތިޒާމުކުރި ފަރާތްތައް ކަމަށްވާ ޕޭސް ޑީ އަދި ބިކްރަމް ސިންގް ރަންދަވާ މި ވަނީ އެ މީހުންނާ ގުޅޭ ގޮތުން ލަވަކިޔުންތެރިޔާ ސޯޝަލް މީޑިއާގައި ދެއްކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ. އެ މީހުން ބުނި ގޮތުގައި ނެހާ މެލްބޯންގެ ކޮންސެޓަށް ދިއުމަށް އިންކާރުކުރި ހަގީގީ ސަބަބަކީ އެންމެ 700 މީހުން އޯޑިއަންސްގައި ހިމެނޭތީއެވެ. ސްޓޭޖްގެ ކަންކަން ހަމަޖެއްސި ޓީމަށް ނެހާ ވަނީ ސްޓޭޑިއަމް ފުރެންދެން މީހުން ނާންނަހާ ހިނދަކު ޝޯ ދޭން ނުދޭނެ ކަމަށް އަންގާފައި ކަމަށް އިވެންޓު މެނޭޖަރުން ވަނީ ބުނެފައެވެ. ނެހާ ކޮންސެޓަށް ދިއުމުގެ ކުރިން ވެސް މެލްބޯންގެ އެ ސްޓޭޑިއަމްގައި އޮޕެނިންގް އެކްޓް އައިޓަމްތައް ކުރިއަށް ގެންދިޔަ ކަމަށާއި އެތަނުގެ ސައުންޑު ސިސްޓަމްތައް ވެސް ބަރާބަރަށް މަސައްކަތް ކުރި ކަމަށް ޕޭސް ޑީ އަދި ބިކްރަމް ސިންގް ރަންދަވާ ވަނީ މީޑިއާގައި ބުނެފައެވެ. މީގެ އިތުރުން، ނެހާގެ ޓީމު އޮސްޓްރޭލިއާއަށް ދިއުމުގެ މާކުރިން އެޑްވާންސްކޮށް އެ ބޭންޑަށް ފައިސާ ދީފައިވާނެ ކަމަށާއި އޮސްޓްރޭލިއާގައި އެކަންކަން ހަމަޖެހިފައި އޮންނަ އުސޫލަކީ އެއީ ކަމަށް ޕޭސް ޑީ އަދި ބިކްރަމް ސިންގް ވަނީ ބުނެފައެވެ. އެހެންކަމުން އެ މީހުންނާ ގުޅޭގޮތުން ނެހާ ދައްކަނީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނުވާ ކަމަށް ޕޭސް ޑީ އަދި ބިކްރަމް ސިންގް ރަންދަވާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ