އުންރުވާގެ ޙަރަކާތްތައް ހުއްޓުވާތީ ވިލާތުގެ ކަންބޮޑުވުން, އަދިވެސް ދަނީ އެހީ ފޯރު ކޮށްދެމުން

ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެ ޤައުމުގެ ރައްޔިތުންނަށް އެހީ ފޯރު ކޮށްދޭ އދގެ އިދާރާ އުންރުވާގެ ޙަރަކާތްތައް ޔަހޫދީ ދައުލަތުން މަނާ ކުރުމުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޔަހޫދީންގެ ޤަނޫނުހަދާ މަޖިލީހުން ވަނީ ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ބިންތަކުގައި އުންރުވާއަށް ޙަރަކާތްތެރި ނުވެވޭނެ ކަމަށް ކަނޑައަޅައި ޤާނޫނެއް ފާސް ކޮށްފައެވެ. އެ ޤާނޫނުގެ ދަށުން ޔަހޫދީންގެ އެއްވެސް އިދާރާއަކާއި އުންރުވާއާ ދެމެދު މުޢާމަލާތް ކުރުން ވެސް މަނާވެއެވެ. ޖަނަވަރީ 30ވަނަ ދުވަހު ވަނީ އެ ޤާނޫނަށް ޢަމަލު ކުރަން ފަށާފައެވެ.
އެ ޤާނޫނަށް ޢަމަލު ކުރަން ފެށުމުން އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ވަނީ ބަޔާނެއް ނެރެފައެވެ. ޔަހޫދީ ދައުލަތުން, އދ ހިމެނޭ ގޮތަށް އެންމެހާ ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ. ފަލަސްޠީނުގައި ހިންގާ އިންސާނީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެެއް ނެތި ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
އުންރުވާއަކީ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން އުރުދުނާއި, ލުބްނާން އަދި ސޫރިޔާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އެކުލަވައިލާފައިވާ އިދާރާއެކެވެ. ގެދޮރު ނެތިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތަކާއި, ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވެސް އުންރުވާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރެއެވެ. އުންރުވާ އުވާލަން ޔަހޫދީން ނިންމާފައި ވަނީ, 2023 އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ޔަހޫދީ ދައުލަތަށް ދިން ޖިހާދީ ޙަމަލާއާ ގުޅިގެންނެވެ. އެ ޙަމަލާތަކުގައި އުންރުވާގެ ބައެއް މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ޔަހޫދީން ތުހުމަތު ކުރެއެވެ.
ޔަހޫދީންގެ ނިންމުމުގެ ސަބަބުން ހަނގުރާމައިގައި ސުންނާފަތިވެ އެތަައް ބަޔަކު ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ޙާލަތު އިތުރަށް ގޯސްވާނެ ކަމަށް އެހީދޭ ޖަމާޢަތްތަކުން ދަނީ ބުނަމުންނެވެ. ޔަހޫދީ ދައުލަތުން މި ފަދަ ޤާނޫނަކަށް ޢަމަލު ކުރަން ފެށި ނަމަވެސް އުންރުވާއިން ފަލަސްޠީނުގައި ކުރަމުުންދާ މަސައްކަތް ހުއްޓާލައިފައެއް ނުވެއެވެ.
އުންރުވާގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް ޖޫލިއެޓް ތޫމާ ވަނީ އެ ކަން ޔަޤީން ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށާއި ޚާއްސަ ކޮށް ޣައްޒާއަށް އެހީ ފޯރު ކޮށްދޭ މައި އިދާރާއަކީ އަދިވެސް އުންރުވާ ކަމަށެވެ. ޣައްޒާގައި އުންރުވާގެ މަސައްކަތްތެރިން ޙަރަކާތްތެރިވަަމުންދާ ކަމަށާއި އަސާސީ ސާމާނު ހިފައިގެން ޣައްޒާއަށް ޓްރަކުތައް ވަންނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ކުރަމުންދާ މަސައްކަތަށް ހުއްޓުމެއް އައިސްފި ނަމަ ޔަހޫދީންނާއި ޙަމާސާ ދެމެދު ވެފައިވާ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ތޫމާ އިތުރަށް ވިދާޅުވީ ހުޅަނގު އައްސޭރިއާއި އަލް-ޤުދްސުގައި ޙަރަކާތްތެރިވާ ފަލަސްޠީނަށް ނިޞްބަތްވާ އުންރުވާގެ މުވައްޒަފުންނަށް އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ މީހުންނާ ދިމާލަށް ގާ އުކުމުގެ ހާދިޘާތަކުގެ އިތުރުން އެއްވެސް ސަބަބެއް ނެތި ޗެކް ޕޮއިންޓުތަކުގައި ހިފެހެއްޓުން ފަދަ ކަންތައްތައް ހިނގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އުންރުވާއާ ގުޅުވައިގެން ހަޤީޤަތެއް ނެތް މަޢުލޫމާތު ފަތުރަމުންދާ ކަމަށާއި އޭގެ ސަބަބުން އުންރުވާގެ މުވައްޒަފުން ނުރައްކާތެރި މާހައުލަކަށް ހުށަހެޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅިިއެވެ. އެ މުވައްޒަފުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ