ހައްގުތަކުގެ ދިފާއުގައި އެމްޑީޕީން މޭޑޭގައި ބޮޑު އެއްވުމެއް ބާއްވަނީ

މަސައްކަތްތެރިންގެ ހައްގުގައި މޭޑޭގައި އިދިކޮޅު އެމްޑީޕީން ވެރިރަށް މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ނިންމައި، މިއަދު އެކަން އިއުލާނުކޮށްފިއެވެ. އެމްޑީޕީން އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ ގޮތެއްގައި ވެސް އިހުތިޖާޖުކުރަމުންނެވެ. އެ ޕާޓީގެ ރަސްމީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، އެމްޑީޕީން އަބަދު ވެސް އަންނަނީ މަސައްކަތްތެރީންނަށް އެ އިރެއްގައި ދަތިވެފައި އޮންނަ ހައްގުތައް ހޯދައިދޭން މަސައްކަތްކުރަމުން ކަމަށެވެ. އެ ގޮތުން، މި އަހަރުގެ މޭޑޭގައި ވެސް ބޮޑު އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ހަރަކާތް ފަށަން ނިންމާފައިވަނީ އެ ރޭގެ 8:30 ގައި އާޓިފިޝަލް ބީޗުންނެވެ. އެ ހަރަކާތުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އެއްވުމުގައި ގިނަ އަދަދެއްގެ މަސައްކަތްތެރީން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ރަޝީދު ހުސައިން: އެ ޕާޓީން ވަނީ ހައްގުތަކުގެ ދިފާއުގައި ބޮޑު އެއްވުމެއް ބާއްވަން ނިންމާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް ބިގޭ ވިދާޅުވީ، އެއްވެސް އަސާސީ ދަތިކަމެއް ތަހަންމަލުކުރަން ނުޖެހޭ މީހަކު މިހާރު ނެތް ކަމަށެވެ. ގިނަ ބައެއްގެ ހައްގުތަކަށް ސަރުކާރުން އަރައިގެންފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "އެންމެ އަސާސީ އެއް ކަމަކީ ސިއްހަތު. ގަދަވެ ސަލާމަތުން ހުރުން. އެ ބޭސް ލިބުމުގައި ދަތިކަން އެބަހުރި. ލިބެންޖެހޭ ޚިދުމަތް ލިބުމުގައި ދަތިކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑުކިޔައި އެމްޑީޕީން އަންނަނީ މާލޭގައި ސިލްސިލާ ގޮތެއްގައި ވެސް މުޒާހަރާތައް ކުރަމުންނެވެ. މީގެ ކުރިން ވެސް އެ ޕާޓީން ވަނީ މާލޭގައި މި ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމެއް ބާއްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ