ސުޕްރީމް ކޯޓުގެ އެންގުމަކާ އެއް ގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅަައި އޭނާއަށް ފިޔަވަޅު އަޅައިދޭން މިއަދު އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލާގައި ޖަވާބު ފޮނުވަން ސުޕްރީމް ކޯޓުން ދައުލަތަށް 10 ދުވަހުގެ ފުރުސަތެއް ދިނެވެ.
ތަފްސީލް- މުއްދަތު ހަމަވިއިރު ވެސް ޖަވާބު ފޮނުވާފައިނުވާކަން ފާހަގަކުރައްވައި އުޝާމަށް ފިޔަވަޅު އެޅުމަށް ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް ގާނޫނުއަސާސީގެ މައްސަލަ ވެސް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
ގާނޫނީ ވަކީލު އަލީ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ މުއްދަތު އިތުރުކުރަން ވެސް ދައުލަތުން ނޭދޭ ކަން ސުޕްރީމް ކޯޓުން މައުލޫމާތު ދީފައިވާ ކަމެވެ.
ކޯޓުން އަންގާ އެންގުންތަކަށް އަމަލުނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަން، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ދަށުން ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅަން އެދިވަޑައިގެންފައިވެ އެވެ.
އެނގުން މުހިންމު - ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވޭ ގޮތަށް ހުއްޓުވީ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑްކޮށްގެންނެވެ.
ބަންޑާރަ ނައިބު އުޝާމާއި ސަރުކާރު އިސް ބޭފުޅުން ވެސް ތިއްބަވާ ކޮމިޝަނުން ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް، މަޖިލީހުގެ ގޮނޑި ގެއްލޭ އިޖުރާތަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފެށުމަށް ކުޑަ ތަން ވެފައި ވަނިކޮށެވެ.
ސުޕްރީމް ކޯޓުގައި މިހާރު ސަސްޕެންޝަނުގައި ނެތް ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.
ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ އަޒްމިރަލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދެވެ. ސުއޫދު ވަނީ މިދިޔަ އަންގާރަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ އުޝާމަށް ފިޔަވަޅު އަޅަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ