ރަސޫލާގެ ސުންނަތަށް ތަބަޢަ ނުވާ މީހާގެ އިސްލާމްކަން ފުރިހަމަ ނުވާނެ: ޚުޠުބާ

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގެ ސުންނަތަށް ތަބަޢަ ނުވާ މީހާގެ އިސްލާމްކަން ފުރިހަމަ ނުވާނެ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ދިރިއުޅުމުގެ ހުރިހާކަމެއްގައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ޚުޠުބާގައިވަނީ އަލިއަޅުއްވާލައްވައިފައެވެ. މި ޚުޠުބާގައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހާސިލުކުރުމަށް ސުންނަތަކީ އެންމެ ސީދާ މަގުކަން ބަޔާންކުރެއްވިއެވެ. އަދި މުއުމިނުންގެ ދިރިއުޅުން ބައްޓަންކުރަންވީ އެކަލޭގެފާނު ދެއްކެވި ނަމޫނާއާ އެއްގޮތަށްކަން ވަނީ ބަޔާންކޮށްދެއްވާފައެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ، އެކަލޭގެފާނުގެ ބަސްފުޅުތަކާއި، ޢަމަލުފުޅުތަކާއި، އަދި އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެހެންމީހުން ކަމެއްކުރުމުން އެކަމަކަށް އެއްބަސްވެވަޑައިގެންފައިވާ ކަންކަމެވެ. މިއީ އިސްލާމްދީނުގެ ދެވަނަ މަޞްދަރެވެ. ކީރިތި ޤުރުއާނަށްފަހު، މުސްލިމުން އެންމެ ބޮޑަށް ބަރޯސާވާންޖެހޭނީ ސުންނަތަށެވެ. ހުކުރު ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ސުންނަތަށް ތަބާވުމަކީ ﷲ އަށް ކިޔަމަންތެރިވުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެނީ، ﷲ ތަޢާލާ ވަނީ އެކަލާނގެ ރަސޫލާއަށް ކިޔަމަންވުމަށް އަމުރުކުރައްވާފައެވެ.
ޚުޠުބާގައި އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ރަސޫލާގެ ސުންނަތަށް ތަބާވާންވީކީ ހަމައެކަނި އަޅުކަމުގެ ކަންކަމުގައި އެކަންޏެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް، އުޅުމާއި އަޚްލާޤުން ފެށިގެން، މުޢާމަލާތުތަކާއި، ޢާއިލީ ގުޅުންތަކާއި، އަދި މުޖުތަމަޢީ ކަންކަމުގައިވެސް ސުންނަތަށް ތަބާވާން ޖެހެއެވެ. އެކަލޭގެފާނުގެ ސީރަތަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށްވާ އެންމެ ފުރިހަމަ ނަމޫނާއެވެ. ޚުޠުބާގައި ޤުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްފުޅުތަކުން ދަލީލު ދައްކަވަމުން، ސުންނަތުގެ މުހިންމުކަން ވަނީ ވަރަށް ފުރިހަމައަށް އޮޅުންފިލުވައިދެއްވާފައެވެ.
މި ޒަމާނުގައި، ތަފާތު ފިތުނަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާއިރު، ސުންނަތަށް ތަބާވުމަކީ އެފަދަ ކަންކަމުން ސަލާމަތްވެ، ސީދާ މަގުގައި ސާބިތުވެހުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ. ސުންނަތަކީ އަނދިރިކަމުގެ ތެރެއިން އަލިކަމަކަށް ނެރެދޭނެ އަދި އެއީ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ވަސީލަތެކެވެ.
ޚުޠުބާގައި އިތުރަށް ބާރުއެޅުއްވި ކަމަކީ، ސުންނަތަށް ތަބާވުމަށްޓަކައި އެންމެ ފުރަތަމަ އެކަންކަން ދަސްކޮށް އުނގެނުމުގެ މުހިންމުކަމެވެ. ރަސޫލާގެ ސީރަތު ދިރާސާކޮށް، ޞައްޙަ ޙަދީޘްތައް އުނގެނި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް ހިތްވަރު ދެއްވިއެވެ. އަދި ދީނީ ޢިލްމުވެރިންގެ އިރުޝާދުތައް ހޯދުމަކީވެސް މިކަމުގައި އެހީތެރިވެދޭނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން، ހުރިހާ މުސްލިމުންނަށްވެސް ގޮވާލެއްވީ، ކީރިތި ރަސޫލާގެ ސުންނަތަށް އިޚްލާޞްތެރިކަމާއެކު ތަބާވެ، އެކަލޭގެފާނު ދެއްކެވި މަގުން ހިނގުމަށެވެ. އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމާއި ކާމިޔާބީ ލިބޭނެ ހަމައެކަނި މަގުކަމުގައި ތަކުރާރުކޮށް ހަނދާންކޮށްދެއްވިއެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަށް އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމުގެ ތައުފީޤު ދެއްވުން އެދި ދުޢާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ