ހުޅުމާލޭގައި ހުންނަ އެޕޯލޯ ޓަވަރުގެ ދެ ވަނަ ބުރިއަށް އެރީ، ފޯނަށް އައި ދައުވަތު ކާޑުގައި ބުނެފައި އޮތް ގަޑިއަށް ވުރެ ތަންކޮޅެއް ކުރިންނެވެ. މެންދުރުގެ ހޫނުން ސަލާމަތްވާން އިމާރާތުގެ ތެރެއަށް އަވަހަށް ދެމިގަނެވުނެވެ. އެއާ އެކު، ބައްދަލުވުމަކަށް ތައްޔާރުކޮށްފައި އޮތް އެ މާހައުލު ފެނުމުން ފުރަތަމަ ވެސް ހައިރާންވެ، ބަލަހައްޓައިގެން ހުރެވުނީ އެވެ.
ވަންނަ ދޮރު ކައިރީގައި ތިރީގައި ބަހައްޓާފައި ހުރި މުޖުމަރާއިން މީރުވަސް ދުވާ ދުން އަރަމުން ދިޔަ އެވެ. މަތީގައި ދަމާފައިވާ ބޮކިތަކުގެ އަލިތައް ފަނޑުކޮށް ހުރި އިރު، މުޅިތަން ޖަރީކޮށްފައި ވަނީ މަލުންނެވެ.
އެކަމަކު އެއަށް ވުރެ ބޮޑަށް ހިތަށް ފިނިކަމެއް ގެނެސްދިނީ، އެ ހޯލްގެ ތެރެއިން ކީ މަރުހަބާ އެވެ. ރަހުމަތްތެރިކަމާ އެކު ބަލަން ތިބި ލޯތަކާއި ހޫނު ސަލާމްތަކެވެ. އަހަރެން މިއައީ، ރޯދަ މަހުގެ ކުރިން ނަފްސު ތައްޔާރުވެލުމަށް ބޭއްވި އެއްވުމަކަށެވެ. އެކަމަކު ދީނީ އެއްވުމަކަށް ވުރެ އެތަން ސިފަވީ، ޖަރީކޮށްފައިވާ ހަފުލާއެއްގެ ގޮތަށެވެ. ކުރިން ނުދަންނަ ގިނަ ބަޔަކު އެއްތަންވެ، ހިތްތައް ގުޅުވާލަދިން ބައްދަލުވުމެއްގެ ގޮތުގަ އެވެ.
މިއީ 'ފެއިތު ބޭސްޑް ޕްރޮޑަކްޓިވިޓީ ޓްރެއިނާ' ނާޝިދާ މުހައްމަދުގެ އަމިއްލަ ކުންފުނި، 'މިދްރާރާ'ގެ އެއްވުމެކެވެ. އޭނާގެ މަގްސަދަކަށް ވީ، ރޯދަ މަހަށް ކުރިމަތިލާއިރު، ބާއްވާ މާހެފުންތަކާއި ދީނީ ދަރުސްތަކާ ހިލާފަށް، އަންހެނުންނާ ވީހާ ވެސް ގުޅޭ، 'އަންހެންވަންތަ މާހައުލެއް'ގައި އެއްވެލުމެވެ. ރޯދަ މަހަށް ތައްޔާރުވެލުމަށް ހިޔާލުބަދަލުކޮށް ދީނީ މައުލޫމާތު ހިއްސާކުރުމެވެ.
ދީނީ ބައްދަލުވުންތައް ރާއްޖޭގައި ވަރަށް ގިނައިން ބާއްވަ އެވެ. އެކަމަކު އާއްމުކޮށް ފެންނަނީ، އިލްމުވެރިޔަކު ޕޯޑިއަމްގައި ހުއްޓި ހުރެގެން ދޭ ދަރުސްތަކެވެ. ގޮނޑިތަކުގައި މީހުން އިށީނދެގެން އަޑުއަހަން ތިބޭއިރު، ބައެއް ފަހަރު މީހުންގެ ސަމާލުކަން ގެއްލިފައިވާ ތަން ފެނެ އެވެ. ދެން ބާއްވަނީ ވޯކްޝޮޕްތައް ކަހަލަ، މޭޒު ކައިރީގައި ތިބެގެން މައުލޫމާތު ލިބިގަންނަ ސެޝަންތަކެވެ.
މިދްރާރާގެ މި ބައްދަލުވުން ރާއްޖެއަށް ވަރަށް އަލެވެ. އެއީ އަންހެނުންނަށް ހާއްސަ މާހައުލެކެވެ. ތަން ޖަރީކޮށްފައިވަނީ އަންހެނުން ގަޔާވާނެ ގޮތަކަށް، އެ ކުލަތަކާއި އަލިތަކާ އެކު އެވެ. ބައްދަލުވުމަށް 100އެއްހާ މީހުން އައިއިރު، ދޮރުން ވަދެވުމާ އެކު ކޮންމެ މީހެއްގެ ވެސް ބޮލުގައި މަލުގެ ތާޖެއް އަޅުވަ އެވެ. އިށީންނަން ހަމަޖެހުނީ ބިންމަތީގައި ފަތުރާލާފައިވާ މަލުގެ ދާނުގަ އެވެ. ވަށައިގެން، ތުނިފޮތި ދަމައި، މަލުން ޖަރީކޮށްފައި ވެ އެވެ. ބޯމަތީގައި ހުރީ ރީތި ބޮކިތަކެވެ.
އެތަނުގައި އިށީނދެ ތިބެ އަހަރެމެން ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރީމެވެ. ޓްރެއިނާއެއްގެ ހައިސިއްޔަތުން ނާޝިދާ މައުލޫމާތު ދިނީ، ރޯދަ މަހުގެ ބޭނުން، އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފާނީ ކިހިނެއްތޯ އެވެ. ރޭގަނޑުގެ ނަމާދުތަކަށް އާރޯކަމާ އެކު ތެދުވުމަށް، ނިދި ގެންގުޅޭނެ ގޮތެވެ. ގައިގައި ވަރު ހުންނާނެ ގޮތަށް ކެއުން ބައްޓަން ކުރާނެ ގޮތެވެ. އަމިއްލަ ނަފްސަށް ވަގުތު ހޯދާނެ ގޮތެވެ. އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް، ރޯދަ މަހުގެ އަޅުކަންތަކަށް ވަގުތު ހުސްކުރާނެ ގޮތެވެ.
ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން އެ ބައްދަލުވުމުގައި، ސާމިޔާ ޒަކަރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. ރޯދަމަހާ ގުޅޭ ނޫނީ އާއްމު ދިރިއުޅުމުގައި ވެސް އަންހެނުންނާ ގުޅޭ ގޮތުން ބައިވެރިން ކުރި ސުވާލުތަކަށް، ވަރަށް ވިސްނުންތެރިކަމާ އެކު ޖަވާބުދާރީވެވަޑައިގެންނެވި އެވެ. އެކަމަކު އާއްމުންނާ ގުޅޭ ގޮތަށް، ސަކަމިޒާޖުގައި ދެއްވި ޖަވާބުތަކުން، ވަރަށް ފަސޭހައިން ކަންކަން ވިސްނުނެވެ. ސާމިޔާ އާއި ނާޝިދާގެ ފަރާތުން، ބައިވެރިން ބޭނުންވާ ކަހަލަ، ރޯދަ މަހާ ގުޅޭ ގިނަ މައުލޫމާތުތަކެއް އެންމެންނަށް ވެސް ލިބުނެވެ.
މައެއްގެ ހައިސިއްޔަތުން އެންމެ ބޮޑު ތަސައްލީއެއް ހިތަށް ލިބުނީ، ފެންނަ ފަށުގައި ދަރިފުޅު އިނުމުންނެވެ. މިއީ ވެސް މިފަދަ ބައްދަލުވުންތަކުން ނުފެންނަ މަންޒަރެކެވެ. އެ ބޮޑު ހޯލުގެ އެއްކަން ހާއްސަކޮށްފައިވަނީ، ކުޑަކުދިންނަށެވެ. މައިންނާ އެކު އައި އެ މީހުންގެ ދަރިންނަށެވެ. އެތަނުގައި ހުރީ، އެ ކުދިން ގަޔާވާނެ ކަހަލަ، ދީނީ މައުލޫމާތު ލިބޭ ކުޅިވަރު ކުޅެވޭ ގޮތަށެވެ. ރޯދަ މަހާ ގުޅޭ ގޮތުން އެއްޗެހި ކުރަހައި، ކުލަ ޖައްސައި، ބިއްލޫރި ފުޅިން ލެންޓާން ހެދި އެވެ. މަންމައަށް އުނދަގޫ ކުރުމެއް، ފޫހި ކަމެއް ނެތި އެތައް ގަޑިއިރެއް ވާންދެން ކުދިން އެ ސަކަރާތުގައި ތިއްބެވެ.
އަސްރު ނަމާދުގެ ބަންގި ގޮވުމުން، އެންމެން އެއްކޮށް ނަމާދަށް އެރީމެވެ. ހޯލްގެ ވަކި ސަރަހައްދެއްގައި އޮތީ، މުސައްލަ އަޅައި، މިސްކިތެއްގެ ސިފަ ގެނެސްފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު، އެންމެން އެކުގައި ޖަމާއަތުގައި ނަމާދެއް ކުރުމުގެ ފުރުސަތު އެ ދުވަހު ލިބުނެވެ.
އެ ބައްދަލުވުމުގެ ތެރެއިން، އަލަށް ދިމާވި އެކަކީ، އައިޖީއެމްއެޗުގެ ޑޮކްޓަރު މަރިޔަމް ނަދާ އިބްރާހިމް ޒަމީރެވެ. ރާއްޖޭން ބޭރުގައި ތައުލީމްހާސިލް ކުރި އިރު، އަންހެނުންގެ މިފަދަ އެއްވުންތަކަށް ދިޔުމުގެ ފުރުސަތު ނަދާއަށް ލިބުނު ނަމަވެސް، ރާއްޖޭގައި މިފަދަ ކަމެއް އޮވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. ނަދާ ބުނިގޮތުގައި އަމިއްލަ ގައުމުގައި އަމިއްލަ އުހުތުންނާ އެކު އެއް ވިސްނުމެއް ހިއްސާކޮށްލަން ފުރުސަތު ލިބުމަކީ ބޮޑު ނިއުމަތެކެވެ.
އޭނާ ހައިރާންވީ، ކުރިން މާ ރަހުމަތްތެރި ނޫން ނަމަވެސް، އެކަކު އަނެކަކަށް އޮތް ލޯތްބާއި އޯގާތެރިކަން އޮތް މިންވަރު ފެނިފަ އެވެ.
"އެކަކު އަނެކަކަށް އަޅާލައި، ﷲއަށް ކުއްތަން ވުމަށް މަސައްކަތްކުރާ މުޖުތަމައުއެއް އޮތްކަން އެނގުމުން ވަރަށް އުފާވެއްޖެ،" ނަދާ ބުނެލި އެވެ.
އިގްތިސޯދީ ދާއިރާއިން ހާއްސަވެފައިވާ ހަދީޖާ މާޖިދާ ހަސަން އާއި ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރާ މިންހާ އަބްދުލްމުހުސިނަށް ވެސް އެއީ އާ ތަޖުރިބާއެކެވެ. ހަޔާތުގެ އެކި ދުވަސްތަކުގައި އެ މީހުން ތަޖުރިބާކުރީ، ދީނީ ގޮތުން އެންމެ ފުރިހަމައަށް ސާބިތުވެ ތިބުމަށް އެއް ވިސްނުމެއްގެ އެކުވެރިން ނޫނީ މުޖުތަމައެއް ބޭނުންވާ މިންވަރެވެ. މިދްރާރާއިން އެ މީހުންނަށް ހުޅުވާލަދިނީ އެ ފުރުސަތެވެ.
"ޝަރުއީ ދާއިރާގައި ބޮޑަށް ސަނާ މި ކިޔެނީ، ދުނިޔެވީ ކަންކަމަށް އިސްކަންދޭ 'ހަސަލް ކަލްޗާ'އަށް. އެކަމަކު އަރާމު ކުރުމާއި އާއިލާއަށް ވަގުތު ހޯދުމާއި އަމިއްލަ ނަފްސުގެ ދުޅަހެޔޮކަން ހޯދަން އުޅޭ މީހުން މާ އެމްބިޝަސް ބައެއްގެ ގޮތުގައި ނުބަލާ،" މިންހާ، އޭނާގެ ތަޖުރިބާ ކިޔައިދިނެވެ.
"އެކަމަކު މި ބައްދަލުވުމުން ދަސްވެއްޖެ ހަސަލް ކަލްޗާ އާއި އިސްލާމީވަންތަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތް. އިސްލާމް ދީނުގައި ބުރަކޮށް މަސައްކަތް ކުރުމާ އެކު ހަށިގަނޑަށް އަރާމު ދިނުމާއި އަމިއްލަ ނަފްސަށް ވަގުތު ދިނުމުގެ މުހިއްމުކަން."
އެ ބައްދަލުވުމަށް ހަދީޖާ ވެސް ދިޔައީ، އެފަދަ އެހެން އާއްމު ބައްދަލުވުންތައް ގޮތަށް، ހަމައެކަނި ދީނީ ދަރުހެއް އިވޭނެ ކަމަށް ނަމަވެސް، އޭނާއަށް އެތަނުން ފެނުނީ އަދި ދަސްވީ އުއްމީދު ނުކުރާ ކަންކަމެވެ. އެއީ ކުރިއަށް އޮތް ރޯދަމަހަށް ކުރިމަތިލާއިރު އޭނާއަށް މުހިއްމު މައުލޫމާތުތަކެކެވެ.
އެ އެއްވުމުގައި ބައިވެރިވި އައިމިނަތު ޝިޒްނީ ކުރީ ސުވާލެކެވެ.
"ހިތަށް އަރަނީ ކީއްވެބާއޭ އަހަރެމެންގެ މިސްކިތްތަކުގައި މިފަދަ ބައްދަލުވުންތައް ނުބާއްވަނީ؟" އޭނާ އެހި އެވެ.
"ފައިދާ ހުރި އިލްމުގެ އިތުރުން އިމޯޝަނަލް އަދިި ސްޕްރިޗުއަލް ސަޕޯޓް ލިބޭ މި ކަހަލަ އެއްވުންތައް ބޭއްވުން އާއްމު ކުރަން ޖެހޭ."
އެ ޒުވާނާ ބުނިގޮތުގައި އަހަރެމެން މިހާރު އުޅެނީ، ބަންދުވެފައިވާ އެޕާޓްމެންޓެއްގައި އަމިއްލަ ހާލައިގެންނެވެ. ވަށައިގެން އުޅޭ އަވަށްޓެރިންނަކީ ކޮން ބައެއް ކަމެއް ވެސް ނޭނގެ އެވެ. ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ހުންނަނީ 'އޮޓޯ ޕައިލެޓަށް' ލެވިފަ އެވެ. އެކަކު އަނެކަކު ދަނެ، އެކަކު އަނެކަކު ކައިރިން ކަންކަން ދަސްކުރުމާއި އިޖްތިމާއީ ރޫހު ވަނީ ގެއްލިފަ އެވެ.
އެކަމަކު ނާޝިދާ ކިޔަވައިދޭ ޕްރޮޑަކްޓިވިޓީ މާސްޓާސް ކްލާހުގެ ބައިވެރިންނާ އެކު އޭނާ އިންތިޒާމްކުރި މި އެއްވުމުން، ޝިޒްނީއަށް ފެނުނީ އިޖްތިމާއީ ރޫހާއި އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމުގެ ރީތި ސިފަ އެވެ. މިއީ މީހާގެ އީމާންތެރިކަން ދަށަށް ދާހިނދު ވެސް އެހީވެދޭނެ 'ސިސްޓަހުޑް'އެއް ކަަމަށް އޭނާ ގަބޫލުކުރެ އެވެ.
އަހަރުމެންގެ ތެރެއިން ގިނަ މީހުން އެތަނަށް ދިޔައީ، ވަރަށް ރަސްމީ ބައްދަލުވުމަކަށް އުއްމީދުކޮށްގެން ނަމަވެސް އެތަނުން މަރުހަބާކީ، އެއް ވިސްނުމެއްގެ އެއް ފިކުރެއްގެ ރަހުމަތްތެރިންތަކެކެވެ. އެ ބައްދަލުވުމުން އަހަންނަށް ދަސްވީ، އުފާވެރި، ހިތްހަމަޖެހޭ އެކުވެރި މާހައުލަކުން ވެސް ދީނާ ގުޅޭ މައުލޫމާތު ދަސްކުރެވިދާނެ ކަމެވެ.
އެއީ ހަމައެކަނި ހަފުލާއެއް ނޫން ކަމެވެ. އެއީ އެތައް ބަޔަކަށް ރީތި ހަނދާނެކެވެ. ދީނާ ގާތްކޮށްދިން ތަޖުރިބާއެކެވެ. އުއްމީދަކީ، މިފަދަ ތަޖުރިބާތައް ގިނައިން ކުރަން ލިބުމެވެ.
މާހެފުމެއް ނޫން، އެކަމަކު ދީނާ ގާތްކޮށްދިން ތަފާތު ތަޖުރިބާއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ