ކުރިއަށް އޮތް ދެ ދުވަހު ވީއައިއޭ ބާރުބޮޑުވާނެތީ ފުރާ މީހުން ސަމާލުވާން އެދެފި

މާދަމާއާއި ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ބާރުބޮޑުވާނެތީ ސަމާލުވާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ފުލުހުން އިރުޝާދު ދީފިއެވެ. އެމްއޭސީއެލްއިން ބުނީ ރާއްޖެއިން އުމްރާއަށް ދިޔަ ފަރާތްތައް ހުކުރު ދުވަހު މެންދުރުފަހު، އެނބުރި އައުމަށް ހަމަޖެހިފައިވާތީ، ޕެސެންޖާ ޓްރެފިކް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއާއެކު ސޯޝަލް މީޑިއާގައި މިރޭ ފުލުހުން ކުރި ޕޯސްޓެއްގައިވަނީ، މާދަމާއާއި ހޮނިހިރު ދުވަހު އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތައް އިތުރުވެ، ޓްރެފިކަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދެ ދުވަހު އެއާޕޯޓަށް ދަތުރުކުރާ އެއްގަމު އުޅަނދު ދުއްވާ މީހުން ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ. https://x.com/PoliceMv/status/1907807908290851265/photo/1 އަދި މި ފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދޭ އެއްބާރުލުމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އުމްރާ ފްލައިޓުތައް ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ 14:00އާ 16:00އާ ދޭތެރޭގައެވެ. އެހެން ކަމުން އެއާޕޯޓުގެ އޮޕަރޭޝަން އޮމާންކަމާއެކު ގެންދިއުމަށް ޓަކައި، ހުރިހާ ފަސިންޖަރުން ވެސް އެއާޕޯޓަށް ހާޒިރުވާންޖެހޭ ގަޑީގެ ކުރިއަށް އެއާޕޯޓަށް އައުމަށް އެމްއޭސީއެލުން ވަނީ އެދިފައެވެ. އަދި އެއާޕޯޓު ސަރަހައްދުގެ ޓްރެފިކު ބާރުބޮޑުވިޔަނުދިނުމަށް، ޓެކްސީ ޑްރައިވަރުންގެ އެއްބާރުލުމަށް އެ ކުންފުނިން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ