ރާއްޖޭގެ ސަރަހައްދުގެ ކައިރީގައި އުފެދޭ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މޫސުން ބަދަލުވާ ދުވަސްވަރު މިސަރަހައްދުގައި ކޮޅިގަނޑުތައް އުފެދުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެގޮތުން ބަންގާޅު ކަނޑުގައި މިއަދުގެ ވަގުތެއްގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނު އިންޑިއާގެ ޓަމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މި ހަފުތާ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާ ކަމަށް ބެލެވޭ ކަމަށެވެ.
އެ ދެ ކޮޅިގަނޑާ ގުޅިގެން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ ސަރަހައްދުތަކަށް ވައި ބާރުވެ، ބައެއް ސަރަހައްދުތަކަށް ކަނޑު ގަދަވެ، އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެއިދާރާއިން ބުނެފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އާންމު ގޮތެއްގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އޭގެ އިތުރުން މެޓުން ބުނީ މި ދުވަސްވަރު ގަދަ ވަޔާ އެކު ވިއްސާރަކޮށް ގުގުރުމާ އެކު ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 55-40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން މެޓް އޮފީހުގެ އެންމެފަހުގެ މޫސުމީ ނިންމުންތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ.
ދެ ކޮޅިގަނޑަކާއި ގުޅިގެން ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ