ސޫރިޔާގެ އިރުމަތީގައި އޮތް ސަރަޙައްދަކަށް އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތަކެއް ދީފިއެވެ. އެމެރިކާއިން ސޫރިޔާއަށް ބޮންއަޅަން ފަށާފައި މި ވަނީ، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިން ހުޅަނގުއުތުރުގައި އޮތް ޙަލަބު ޕުރޮވިންސަށް އަތްގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޓީއެސްގެ ހަނގުރާމަވެރިން ޙަލަބު ޕުރޮވިންސަށް އަތްގަދަ ކޮށްފައި ވަނީ ހުސްވި ހަފުތާގައެވެ. އެ ސަރަހައްދަށް އެޗްޓީއެސުން ޙަމަލާ ދޭން ފަށާފައި ވަނީ ނޮވެންބަރު 27ވަނަ ދުވަހުއެވެ. އަދި، އެ ރަށުގައި ތިބި ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިންނާއި ރައީސް ބައްޝާރް އަލް-އަސަދަށް ވާގިވެރިވާ ހަނގުރާމަވެރިން ފަހަތަށް ޖެއްސުމަށް ފަހު، އެޗްޓީއެސްގެ ހަނގުރާމަވެރިން ވަނީ އެ ޕުރޮވިންސުގެ ބޮޑު ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ވެރިރަށް ޙަލަބް ސިޓީއާއި މައި ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
މިއީ، 2020ވަނަ އަހަރުގެ މާރިޗު މަހު، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ދަށުން ބަދަލު ކުރަމުން ދިޔަ ޙަމަލާތައް މެދުކަނޑައިލުމަށް ފަހު ދީފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ. ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އަސަދުގެ ސަރުކާރަށް ވާގިވެރިވަމުންދާ ރަޝިޔާއާއި، ހަނގުރާމަވެރި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ތުރުކީވިލާތާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، އެޗްޓީއެސަކީ ތުރުކީވިލާތުން ވާގިވެރިވާ ޖަމާޢަތެއް ނޫނެވެ. ތުރުކީވިލާތުގެ އިތުރުން އެމެރިކާއިން ވެސް ވަނީ އެޗްޓީއެސަކީ ނިރުބަވެރި ގުރޫޕެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ތަރުޖަމާނު ޕެޓްރިކް ރަޔިޑަރ ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ސޫރިޔާގެ އިރުމަތީގައި އޮތް ރަށަކަށް ދީފައިވާ ވައިގެ ޙަމަލާތަކާއި، އެޗްޓީއެސްގެ ހަނގުރާމަވެރިން ޙަބަލަށް އަތްގަދަ ކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ. އަދި، އެއީ ސޫރިޔާގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ދިފާޢުގައި ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ވައިގެ ޙަމަލާތައް ދީފައި ވަނީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަމާޒުތަކަކަށެވެ. ރަޔިޑަރ ވިދާޅުވީ، ޙަމަލާތަކުގައި ތިން ރޮކެޓު ލޯންޗަރާއި ޓީ-64 މަރުކާގެ އަސްކަރީ ޓޭންކެއް ނައްތައިލާފައިވާނެ ކަމުގައެވެ. އެއީ، މިލިޓަރީ ސަޕޯޓް ޔުނިޓް (އެމްއެސްއެސް) އަލް-ފުތާރުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދީފައިވާ ރޮކެޓު ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދީފައިވާ ދިފާޢީ ޙަމަލާތަކުގައި، އެމެރިކާގެ ސިފައިންނަށް ނުރައްކާ ކުރަމުން ދިޔަ އަމާޒުތައް ނައްތައިލާފައިވާނެ، ނަމަވެސް އެއީ ސޫރިޔާގެ ހުޅަނގުއުތުރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް އޮތް ޙަމަލާތަކެއް ނޫން،" ރަޔިޑަރ ވިދާޅުވިއެވެ. އެމެރިކާއިން ވައިގެ ޙަމަލާތައް ދީފައި ވަނީ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަރަކާތްތެރިވާ ކަމަށް ބެލެވޭ ސަރަޙައްދަކަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ޙަމަލާތައް ދީފައިވާ ސަރަޙައްދުގައި ސޫރިޔާގެ އަސްކަރިއްޔާގެ ސިފައިން ހަރަކާތްތެރިވަމުން ދިޔަ ކަން ވެސް ރަޔިޑަރ ފާހަގަ ކުރެއްވިއެވެ. ސޫރިޔާގައި ޤާއިމުވެފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ އަދަދު 900އަށް އަރައެވެ. އެ މީހުން ސޫރިޔާއަށް ފޮނުވާފައި ވަނީ، އައިއެސް ޖަމާޢަތުގެ ނިރުބަވެރިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިވެރި ކުރުމަށެވެ.
ސޫރިޔާގެ އިރުމައްޗަށް އެމެރިކާއިން ވައިގެ ޙަމަލާތަކެއް ދީފައިވާ މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ވެސް ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. ލުބްނާންގެ ސަލާމަތީ މަޞްދަރުތަކުން ބުނީ، ދިމިޝްޤުގެ މަގެއްގައި ދުއްވަމުން ދިޔަ ކާރަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކުގައި ސަލްމާން ޖުމްޢާ ކިޔާ މީހަކު ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއީ، ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ އިސް ކޮމާންޑަރެކެވެ.
ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ދިމިޝްޤުގެ ވައިގެ ބަނދަރަށް ދަތުރު ކުރުމަށް އޮންނަ މައި މަގަށެވެ. ޖުމްޢާ ޝަހީދު ކޮށްލަން ދިން ނިރުބަވެރި ޙަމަލާގެ ޒިންމާ ޔަހޫދީ ފައުޖުން އުފުލާފައިވެއެވެ. ސޫރިޔާގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަނެ، ދޭ މި ފަދަ ނިރުބަވެރި ޙަމަލާތަކުގައި ޒިންމާ އުފުލަކީ ޔަހޫދީން ޢާންމު ގޮތެއްގައި ކުރާ ކަމެއް ނޫނެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދާދިފަހުން ސޫރިޔާގެ ރައީސް ބައްޝާރް އަލް-އަސަދަށް އިންޒާރު ދީފައިވާކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. އަނިޔާވެރި ނަތަންޔާހޫ ބުނީ، ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އީރާނުން ހަތިޔާރު ފޯރުކޮށްދިނުމުގެ ފުރުޞަތު އަސަދުގެ ސަރުކާރުން ދިނުމަކީ އަލިފާނާ ކުޅުން ފަދަ އަމަލެއް ކަމުގައެވެ. އޭނާ އަސަދަށް އިންޒާރު ދީފައި މި ވަނީ، އޭނާގެ އަމުރަށް ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން ވެސް ސޫރިޔާއަށް ބޮންއަޅަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ