ސްޓެލްކޯގެ އާ ޗެއާމަނަކަށް 34 އަހަރު ކުންފުންޏަށް ޚިދުމަތްކުރެއްވި ލަތީފް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އާ ޗެއާމަނަކަށް 34 އަހަރުގެ ދިގު މުއްދަތަކަށް އެ ކުންފުންޏަށް ޚިދުމަތް ކުރެއްވި މުޙައްމަދު ލަތީފް އިއްޔެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އައްޔަނުކޮށްފިއެވެ. ޕީސީބީއިން އިއްޔެ ވަނީ އެ ކުންފުނީގެ ޗެއާމަން ކަމުގެ މަގާމަށް ލަތީފް އައްޔަނުކުރި ކަމުގެ ލިޔުން އެ ކުންފުންޏަށް ފޮނުވައިފައެވެ. މެދުކެނޑުމެއްނެތި 34 އަހަރު ސްޓެލްކޯގައި މަސައްކަތް ކުރެއްވުމަށް ފަހު އުމުރުން 65 އަހަރުވުމާއެކު ލަތީފް ވަނީ މި ނިމުނު ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެ ޚިދުމަތުން ރިޓަޔާ ކުރައްވައިފިއެވެ. އޭރު ލަތީފް ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. https://twitter.com/STELCOMALDIVES/status/1729053864610177341? ލަތީފް ވަނީ އެ ކުންފުނީގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އެކި މާގާމުތައް ފުރުއްވައި ކަރަންޓުގެ ދާއިރާއިން ތަޖުރިބާތައް ހާސިލުކުރައްވައިފައެވެ. އެގޮތުން ލަތީފް ވަނީ މީގެ ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން އަށް މަސް ވަންދެން ކުރެއްވިއިރު އެންމެ ފަހުން ހުންނެވި ޑީއެމްޑީގެ މަގާމު ވަނީ 10 އަހަރު ފުރުއްވިއެވެ މީގެ ކުރިން ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމު ފުރުއްވަމުން ގެންދެވީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީއެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. އާ ސަރުކާރު ހަވާލުވެ، ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ 25 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުންޏަށް ޚިދުމަތްކުރައްވާފައިވާ ހުސައިން ފަހުމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ