އިނގިރޭސި ވިލާތުގައި އަލީ ވަހީދު ހައްޔަރުކުރީ ގޯސްކޮށް ކަމަށް ނިންމައި، ބަދަލުގެ ގޮތުގައި 20،000 ޕައުންޑް ދެނީ

ކުރީގެ ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް އެ ގައުމުން އޭނާ ހައްޔަރުކުރި މައްސަލާގައި އަލީ ވަހީދުގެ ކިބައިން މައާފަށް އެދި ބަދަލުގެ ގޮތުގެ 20،000 ޕައުންޑް (389،000ރ.) ދޭން އެ ގައުމުން ނިންމައިފިއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާއާއި ރޭޕްގެ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވަނިކޮށް އެ ގައުމުން 2021 ވަނަ އަހަރު އޭނާ ހައްޔަރުކުރީ އެ ގައުމުގެ އިމިގްރޭޝަންގެ ގާނޫނާ ހިލާފުވި ކަމަށް ބުނެއެވެ. އޭގެ ފަހުން އޭނާ ދޫކޮށްލުމުން، އެ ގައުމުގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށް ދައުލަތުން ވަނީ އަލީ ވަހީދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެނެސްފައެވެ. އެއާއެކު އޭނާ ވަނީ މި އަހަރު ރާއްޖެ ވަޑައިގެންފައެވެ.
އަލީ ވަހީދުގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލާގައި އިނގިރޭސި ވިލާތުގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރުމުގެ ކުރިން ކުރި މަޝްވަރާތަކުގައި އަލީ ވަހީދު ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް އެ ގައުމުން އެއްބަސްވެފައިވާ ކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުން އޭނާގެ ކިބައިން މައާފަށް އެދުމާއެކު 20،000 ޕައުންޑުގެ ބަދަލެއް ދޭން އެ ގައުމުން ނިންމާފައިވާ ކަމަށެވެ.
ރާއްޖެ ވަޑައިގެން ރިޔާސީ އިންތިހާބުގައި އަލީ ވަހީދު މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައެވެ. އޭގެ ފަހުން އޭނާ މިހާރު މަސައްކަތް ކުރައްވަނީ އެޓޯލްސް ކްލަބުގެ ނަމުގައި ފުޓުބޯޅަ ކްލަބެއް ހަދައި، ފުޓްބޯޅައިގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ