ވޯޓުލާ ދުވަހުގެ މޫސުން: އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ!

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ (ހޮނިހިރު ދުވަހު) އޮންނައިރު، މާދަމާއަކީ ވިއްސާރަ ދުވަހަކަށްވާނެ ކަމަށް ލަފާކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ފާއިތުވީ 24 ގަޑިއިރެކޭވެސް އެއްގޮތަށް ކުރިއަށް އޮތް 48 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ވައިގެ މިސްރާބު ހުޅަނގާއި ހުޅަނގުއުތުރުން ހުރިއިރު، ވައިޖެހޭނެކަމަށް ލަފާކުރަނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެއެވެ.
ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
ފާއިތުވި 48 ގަޑިއިރުވެސް ވާރޭވެހި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، ބައެއް ރަށްރަށުގައި ފެން ބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ތަކެއްޗަށް ވެސް ވަނީ ގެއްލުންވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުންވި 84 ގެޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެއެވެ.
އެ އޮތޯތިޓީން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، އެގޭގެއަށް ލިބިފައިވާ ގެއްލުންތަކަށް ބެލުމަށްފަހު އެކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ވިއްސާރައިގެ ސަބަބުން ޅ. ކުރެންދޫގެ 66 ގެއަކާއި، އއ. އުކުޅަސްގެ 15 ގެއަކާއި، އއ. ފެރިދޫގެ ގެޔަކަށް ގެއްލުން ވެފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. އެ ގެތަކަށް ފެންވަނުމުގެ ސަބަބުން ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރުފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެންޑީއެމްއޭއިން ވަނީ އެ ގެތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ކުރެންދޫގެ ގެތަކަށެވެ.
ކަމާ ގުޅުންހުރި މުއްސަސާތަކުންވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރުކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ރާއްޖެއަށް ހުޅަނގުމޫސުން ލައިގަތީ މެއިމަހުގެ ކުރީކޮޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ